12 ނޮވެންބަރު 2023 - 09:57 1
މުހައްމަދު ނަސީމް
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު
12 ނޮވެންބަރު 2023 - 09:57 1
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރި ޖަލްސާ ނިޒާމީ ނުކުތާގައި ދިގު ދެންމުމަށް ފަހު، އެ ގަރާރު ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ޖަލްސާ ނިންމާލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށައި އެޖެންޑާ އިއްވުމާ އެކު ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން، ގަރާރު "ގަވައިދާ ހިލާފު ކަމަށް" ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމެވެ.
އެއާ އެކު ހޫނު ބަހުސެއް ހިންގަން ފުރުސަތު ދެއްވުމަށް ފަހު މަޖިލީހުގެ ރިޔާސަތުން ވިލުފުށި ދާްއިރާގެ މެމްބަރު ހަސަން އަފީފު އިއުލާނުކުރެއްވީ ޖަލްސާ ނިންމަވައިލެއްވީ ކަމަށެވެ.
މިއަދުގެ ޖަލްސާ ފެށުމާ އެކު މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ސުވާލުކުރެެއްވީ މިއަދަށް ހުށަހަޅާފައި އޮތީ ކުއްލި މައްސަލައެއްތޯ، މައްސަލައެއްތޯ ނުވަތަ ގަރާރެއްތޯ ކަމަށެވެ.
ރިޔާސަތުން އަފީފު ވިދާޅުވީ ހުށަހަޅާފައި އޮތީ ގަރާރެއް ކަމަށެވެ.
އެ ހިސާބުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ދެވަނަ ފަހަރަށް ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. ޑިމޮކްރެޓްސް އެހެން މެމްބަރުން ވެސް ވިދާޅުވީ ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
ގަރާރު ގަވައިދަށް ނުފެތޭ ކަމަށް ވިދާޅުވެ އާޒިމް ވާހަކަދައްކަވަން ފެށްޓެވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އަޑުގަދަ ކުރައްވަން ފެށްޓެވި އެވެ. އެ ހިސާބުން އާޒިމް ދެއްވީ "ޖަލްސާ ކުރިއަށް ނުގެންދެވޭނެ"ކަމުގެ އިންޒާރެވެ.
"އަޅުގަނޑަށް ވަރަށް ރަނގަޅު އަޅުގަނޑަށް މި ފުރުސަތު ދީފިއްޔާ، ރީތިކޮށް ގެންދަން ބޭނުމިއްޔާ. އެހެނެއް ނޫން، [ކުރިއަށް] ގެންދަން ބޭނުން ނޫނިއްޔާ ހުއްޓައިލާފައި ދާންވީ. އަޅުގަނޑު ނުދޭނަން މި ފުރުސަތެއް އެގޮތަށް ގެންދާކަށް،" އާޒިމް ވިދާޅުވި އެވެ.
މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ނިޒާމާ ބޭހޭ ނުކުތާއެއް ކަަމަށް ވިދާޅުވެ މެމްބަރުންނަށް ފުރުސަތު ދެއްވައިގެން ރިޔާސަތުން ހަސަން އަފީފު މަސައްކަތް ކުރައްވަނީ ޖަލްސާ ކުރިއަށް ނުގެންދަވަން ކަމަށެވެ.
ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަަމަށް އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ.
ނިޒާމީ ނުކުތާ އެއް ކަމަށް ވިދާޅުވާ ކޮންމެ މެމްބަރަކަށް ފުރުސަތު ދެއްވަމުން އެ ބަހުސް އެތައް އިރެއް ވަންދެން ކުރިއަށް ގެންދެވުމުން އެމްޑީޕީގެ މެމްބަރުން އެދުނީ މެމްބަރު އަލީ އާޒިމް ނެންގެވި ނުކުތާއަކީ ނިޒާމާ ބެހޭ ނުކުތާއެއްކަން ނުވަތަ ނޫންކަން ރިޔާސަތުން ކަނޑައަޅަން ޖެހޭ ކަމަަށެވެ.
"މެދު ހެންވޭރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަލީ އާޒިމް ހުށަހެޅުއްވި ނިޒާމީ މައްސަަލަ އަޅުގަނޑު ބަލައިގެންފިން. މި ގަރާރު މިއޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަކަށް ނޫން ހުށަހެޅިފައި. އެހެންވީމާ އަލުން މި މައްސަލަ ހުށަހަޅުއްވަން، މި މައްސަލަ މިހާރު ނިމުނީ،" އަފީފު ވިދާޅުވި އެވެ.
ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު މީގެ ކުރިން ކުރިއަށް ނުގެންދެވުނީ އެ ގަރާރު އެޖެންޑާކުރި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަޑައިނުގެންނެވުމުންނެވެ. އީވާ ފުރަތަމަ ވަޑައިނުގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އޭރު ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ މައްސަަލައެއް އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނީ ހަމަ އެކަނި މަޖިލީހުގެ ނައިބުރައީސަށް ކަމަށެވެ. އެމްޑީޕީން އެކަން ގަބޫލުނުކޮށް ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެކޯޓުން ކުރި ހުކުމުގައި ކަނޑައެޅީ ނައިބު ރައީސް ނޫން ބޭފުޅަކަށް ވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނެ ކަަމަށެވެ.
މިއަދުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާކޮށް، ރިޔާސަތު ބަލަހައްޓަވަން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަޑައިގެންނެވީ އެހެންވެ އެވެ.
Comment