Advertisement

ނަޝީދު ވަކިކުރާ ގަރާރު "ގަވައިދާ ހިލާފު" ކަަމަށް ބުނެ ހުއްޓުވަން ޑިމޮކްރެޓުން ތެދުވެއްޖެ

12 ނޮވެންބަރު 2023 - 09:18 1

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މަޖިލީހުގެ ކުޑަ ދަށުގަައި. ފޯޓޯ: އަބްދުﷲ އިޔާން/އަދަދު


ނަޝީދު ވަކިކުރާ ގަރާރު "ގަވައިދާ ހިލާފު" ކަަމަށް ބުނެ ހުއްޓުވަން ޑިމޮކްރެޓުން ތެދުވެއްޖެ

12 ނޮވެންބަރު 2023 - 09:18 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ބުނެ އެ ގަރާރުގެ މަސައްކަތް ކުރިއަށް ގެންދިޔަ ނުދޭން ދަ ޑިމޮކްރެޓްސް މަސައްކަތް ފަށައިފި އެވެ.

މިއަދުގެ ޖަލްސާ ފެށުމާ އެކު މެދު ހެންވޭރު ދާއިރާގެ ދަ ޑިމޮކްރެޓްސްގެ މެމްބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަލީ އާޒިމް ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ ފުރުސަތު ހޯއްދަވައިގެން ސުވާލުކުރެެއްވީ މިއަދަށް ހުށަހަޅާފައި އޮތީ ކުއްލި މައްސަލައެއްތޯ، މައްސަލައެއްތޯ ނުވަތަ ގަރާރެއްތޯ ކަމަށެވެ.

ރިޔާސަތުން އަފީފު ވިދާޅުވީ ހުށަހަޅާފައި އޮތީ ގަރާރެއް ކަމަށެވެ.

އެ ހިސާބުން ނިޒާމާ ބެހޭ ނުކުތާއެއް ކަމަށް ވިދާޅުވެ، ދެވަނަ ފަހަރަށް ފުރުސަތު ހޯއްދަވައިގެން އާޒިމް ވިދާޅުވީ އެ ގަރާރު ހުށަހަޅާފައި އޮތީ މަޖިލީހުގެ ގަވައިދާ ހިލާފަށް ކަމަށެވެ. އަދި ޑިމޮކްރެޓްސް އިތުރު މެމްބަރުން ވެސް ވިދާޅުވީ ގަރާރު ހުށަހަޅާފައި ވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.

ގަރާރު ގަވައިދަށް ނުފެތޭ ކަމަށް ވިދާޅުވެ އާޒިމް ވާހަކަދައްކަވަން ފެށްޓެވުމުން އެމްޑީޕީގެ ބައެއް މެމްބަރުން އަޑުގަދަ ކުރައްވަން ފެށްޓެވި އެވެ. އެ ހިސާބުން އާޒިމް ދެއްވީ "ޖަލްސާ ކުރިއަށް ނުގެންދެވޭނެ"ކަމުގެ އިންޒާރެވެ.

"އަޅުގަނޑަށް ވަރަށް ރަނގަޅު އަޅުގަނޑަށް މި ފުރުސަތު ދީފިއްޔާ، ރީތިކޮށް ގެންދަން ބޭނުމިއްޔާ. އެހެނެއް ނޫން، [ކުރިއަށް] ގެންދަން ބޭނުން ނޫނިއްޔާ ހުއްޓައިލާފައި ދާންވީ. އަޅުގަނޑު ނުދޭނަން މި ފުރުސަތެއް އެގޮތަށް ގެންދާކަށް،" އާޒިމް ވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ނިޒާމާ ބޭހޭ ނުކުތާއެއް ކަަމަށް ވިދާޅުވެ މެމްބަރުންނަށް ފުރުސަތު ދެއްވައިގެން ރިޔާސަތުން ހަސަން އަފީފު މަސައްކަތް ކުރައްވަނީ ޖަލްސާ ކުރިއަށް ނުގެންދަވަން ކަމަށެވެ.

ނަޝީދު ވަކިކުރަން ހުށަހަޅާފައިވާ ގަރާރު އޮތީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކަަމަށް އެމްޑީޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު މީގެ ކުރިން ކުރިއަށް ނުގެންދެވުނީ އެ ގަރާރު އެޖެންޑާކުރި ޖަލްސާތަކުގެ ރިޔާސަތު ބަލަހައްޓަވަން މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ ވަޑައިނުގެންނެވުމުންނެވެ. އީވާ ފުރަތަމަ ވަޑައިނުގެންނެވީ އާލާސްކަންފުޅާ އުޅުއްވާތީ އެވެ.

މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއާއި ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ އޭރު ވިދާޅުވަމުން ގެންދެވީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާ މައްސަަލައެއް އެޖެންޑާކުރާ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓެވޭނީ ހަމަ އެކަނި މަޖިލީހުގެ ނައިބުރައީސަށް ކަމަށެވެ. އެމްޑީޕީން އެކަން ގަބޫލުނުކޮށް ސުޕްރީމްކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެކޯޓުން ކުރި ހުކުމުގައި ކަނޑައެޅީ ނައިބު ރައީސް ނޫން ބޭފުޅަކަށް ވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވޭނެ ކަަމަށެވެ.

މިއަދުގެ ޖަލްސާއަށް އެ ގަރާރު އެޖެންޑާކޮށް، ރިޔާސަތު ބަލަހައްޓަވަން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވަޑައިގެންނެވީ އެހެންވެ އެވެ.