12 ނޮވެންބަރު 2023 - 12:46 0
ދާދި ފަހުން ނިމުނު އިންޓަ ސްކޫލް ބެޑްމިންޓަން މުބާރާތުގައި ލައިބާ ވާދަކުރަނީ، އޭނާ މިހާރު އަންނަނީ ޕޮލަންޑްގައި ކުރިއަށްދާ އޯޕަން މުބާރާތެއްގައި ވާދަކުރަމުން - ފޮޓޯ: ފޭސްބުކް
12 ނޮވެންބަރު 2023 - 12:46 0
ޕޮލަންޑްގެ ބިއަލިސްޓޮކްގައި ކުރިއަށްދާ ޔޮނެކްސް އިންޓަނޭޝަނަލް ބެޑްމިންޓަން ފެސްޓިވަލްގެ 11 އަހަރުން ދަށުގެ ސިންގަލްސް ގަދަ ސޯޅައިން ލައިބާ އަހުމަދު މަހުލޫފު (އެލީ) ޖާގަ ހޯދައިފި އެވެ.
ޖޫނިއާ ހަތަރު އުމުރުފުރާއެއް ކުރިއަށްދާ މުބާރާތުގައި ލައިބާ ވާދަކުރަނީ 11 އަހަރުން ދަށާއި، 13 އަހަރުން ދަށުގެ ބައިގަ އެވެ. މިގޮތުން 11 އަހަރުން ދަށުގެ އަންހެން ސިންގަލްސް، 13 އަހަރުން ދަށުގެ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސްގައިވެސް ލައިބާ އަންނަނީ ވާދަކުރަމުންނެވެ.
11 އަހަރުން ދަށުގެ ސިންގަލްސްގެ ގްރޫޕް ސްޓޭޖުގައި ލައިބާ ވަނީ ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ކުޅުންތެރިޔާގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދާފަ އެވެ. ލައިބާ މޮޅުވީ ޔޫކްރެއިންގެ ބޮޑާނާ ސިރޮޓްޔުކް އަތުންނާއި، ޕޮލަންޑްގެ އޮލިވިއާ ސެރަފިން އަދި ޕޮލަންޑުގެ އެދްރިއާނާ ޑާނޯގާ އަތުންނެވެ.
ބޮޑާނާ އަތުން ލައިބާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ލައިބާ ގެންދިޔައީ 15-8 އަދި 15-11 އިންނެވެ. އޮލިވިއާ އަތުން މޮޅުވީ 2-1 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 8-15 އިން އޮލިވިއާ ހޯދާފައިވަނިކޮށް ޖެހިގެން އައި ދެ ސެޓު ލައިބާ ކާމިޔާބުކުރީ 15-9 އަދި 15-9 އިންނެވެ. އެދްރިއަނާ އާތުން ލައިބާ މޮޅުވީ 15-13 އަދި 15-6 އިންނެވެ.
މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގެ ސިންގަލްސްގައި ލައިބާ ކުޅުނު ފުރަތަމަ މެޗުގައި ވަނީ އަގާޓާ ޒޭލިއާ އަތުން ބަލިވެފަ އެވެ. ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިއަދު ލައިބާ ނުކުންނާނީ ޒުޒުއާނާ މިސިއަކްއާ ދެކޮޅަށެވެ.
13 އަހަރުން ދަށުގެ މިކްސް ޑަބަލްސްގައި ލައިބާ އާއި ކެސްޕާ ކޯޒްގެ ޕެއާ ބަލިވީ ޔޫކްރެއިންގެ އެލެގްސަންޑާ ބަންޑްރޮވިޗް އާއި އޮރީސީއާ ސޮޑޮމޯރާގެ ޕެއާ އަތުން ސީދާ ދެ ސެޓުންނެވެ.
ޑަބަލްސް އިވެންޓުގައި ލައިބާގެ ޕާޓްނަރަކީ ލުތުއޭނިއާގެ ޓައުޓް ބަލްޓަކީޓެވެ. މި ޕެއާ އެކުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޕޮލަންޑްގެ އަގާޓާ ޒޭލިގާ އާއި ރޯޒާ ސިޕެރެކް ޕެއާ އަތުން ބަލިވެފަ އެވެ. މެޗުގެ ސެޓުތައް ލައިބާ އާއި ޓައުޓްގެ ޕެއާ އަށް ގެއްލުނީ 14-21 އަދި 7-21 އިންނެވެ.
ޕޮލަންޑުގައި ކުރިއަށްދާ ބެޑްމިންޓަން ފެސްޓިވަލްގައި އަމިއްލަ ގޮތުން ވާދަކުރަމުން އަންނަ ލައިބާ ވަނީ މިއަހަރުގެ ކުރީކޮޅު ވެސް ޔޫރަޕްގައި ކުރިއަށްދިޔަ ބައެއް މުބާރާތްތަކުގައި ވާދަކޮށްފަ އެވެ. އެ މުބާރާތްތަކުގައި އޭނާ ވަނީ ރަނގަޅު ކުރިއެރުންތަކެއް ހޯދާފަ އެވެ.
ބޭރުގެ އޯޕަން މުބާރާތްތަކުގައި ވާދަކުރުމުގެ އިތުރުން ލައިބާ އަންނަނީ ލޯކަލް މުބާރާތްތަކުގައި ވެސް ވާދަކޮށް ކާމިޔާބީ ހޯދާމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު ކުރިއަށްދާ ސްކޫލް މުބާރާތްތަކުގައި ވާދަކޮށް ޖޫނިއާ އުމުރުފުރާގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފަ އެވެ.
Comment