21 އޮގަސްޓު 2025 - 08:20 0
21 އޮގަސްޓު 2025 - 08:20 0
ދާދި ފަހުން، ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުން ޖާގަ ހޯދި ލައިބާ އަހުމަދު މަހުލޫފް (އެލީ)، ޖޯޖިއާގައި ކުރިއަށްދާ ބަޓޫމީ ކަޕްގައި ވާދަކުރަން އެ ގައުމަށް ފުރައިފި އެވެ.
ޖޯޖިއާގެ ބަޓޫމީ ސިޓީގައި މި މަހުގެ މާދަމާ އިން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ބަޓޫމީ ކަޕްގައި، ރާއްޖޭގެ އިތުރުން، ތުރުކީ، ޖޯޖިއާ، ކަޒަކިސްތާން، އަރުމީނިއާ، ލެޓްވިއާ އަދި އަޒަރުބައިޖާންގެ ކުޅުންތެރިން ވާދަކުރެ އެވެ. މި މުބާރާތަކީ ޖޯޖިއާގެ ނެޝަލް ބެޑްމިންޓަން ފެޑެރޭޝަނުން އިންތިޒާމް ކޮށްފައިވާ މުބާރާތެކެވެ.
މި މުބާރާތުގައި ޖުމްލަ އެކު، 78 ކުޅުންތެރިން ހިމެނޭއިރު، އެ ކުޅުންތެރިން ހަމަޖެހިފައިވަނީ، 11، 13 އަދި 15 އަހަރުން ދަށުގެ އުމުރު ފުރާގެ ސިންގަލްސް، ޑަބަލްސް އަދި މިކްސްޑް ޑަބަލްސް އިވެންޓްތަކުގަ އެވެ.
މިމުބާރާތުގައި ލައިބާ، 12، ވާދަކުރަން ހަމަޖެހިފައިވަނީ، 13 އަހަރުން ދަށުގެ އަންހެން ސިންގަލްސް އިވެންޓުގެ އިތުރުން، ޑަބަލްސް އިވެންޓުގަ އެވެ. ޑަބަލްސް އިވެންްޓްތަކުގައި ލައިބާ ޕެއާ ކުރަން ހަމަޖެހިފައިވަނީ އަންހެން ޑަބަލްސް އިވެންޓްގައި، ޖޯޖިއާގެ ޝަޚްބަޒިއަން މަގްދާއާ އެެވެ. އަދި، މިކްސް ޑަބަލްސް އިވެންޓުގައި އަރުމީނިއާގެ މަނުކްޔަން ނާރެކް އާއެކު ލައިބާ އެއް ޕެއާ އެއްގައި ކުޅޭނެ އެވެ.
މިދިޔަ އަހަރު ލައިބާ ވަނީ ބަޓޫމީ ކަޕްގައި ވާދަކޮށް ސިންގަލްސް ބައިން ލޯ މެޑަލް އަދި ޑަބަލްސް ބައިން ރިހި މެޑަލް ހާސިލްކޮށްފަ އެވެ.
މި އަހަރުގެ ޖޫން މަހު، އަރްމީނިއާގައި ކުރިއަށްދިޔަ އަރްމީނިއަން ޔޫތު އޯޕަން 2025 މުބާރާތުގައި ވާދަކޮށް ލައިބާ ވަނީ ތިން ރަން މެޑަލް ހޯދައި ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ. މި މުބާރާތުގައި ލައިބާ ވާދަކޮށްފައިވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގަ އެވެ.
އޭގެ ފަހުން، މި މަހު، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ފުރަތަމަ ފަހަރަށް ހުޅުވާލެވިގެން ބޭއްވި ގައުމީ ޓީމުގެ ސިލެކްޝަނުގައި، ލައިބާ ވަނީ ވާދަކުރި ގްރޫޕްގެ ހުރިހާ މެޗަކުން މޮޅުވެ، ގައުމީ ސީނިއާ ބެޑްމިންޓަން ސްކޮޑުން ޖާގަ ހޯދައިފަ އެވެ.
Comment