Advertisement

އަރްމީނިއާ މުބާރާތުން ލައިބާ އަށް ތިން ރަން މެޑަލް

8 ޖޫން 2025 - 20:17 0

އާރްމީނިއާ މުބާރާތުން މެޑަލް ހޯދުމަށް ފަހު ލައިބާ.--- ފޮޓޯ: ލައިބާ އަހުމަދު މަހުލޫފް / ފޭސްބުކް


އަރްމީނިއާ މުބާރާތުން ލައިބާ އަށް ތިން ރަން މެޑަލް

8 ޖޫން 2025 - 20:17 0

އަރްމީނިއާގައި ކުރިއަށްދިޔަ އަރްމީނިއަން ޔޫތު އޯޕަން 2025 މުބާރާތުގައި ވާދަކުރި ރާއްޖޭގެ ލައިބާ އަހުމަދު މަހްލޫފް ތިން ރަން މެޑަލް ހޯދައ، ތާރީހީ ކާމިޔާބެއް ހާސިލްކޮށްފި އެވެ.

މި މުބާރާތުގައި ލައިބާ ވާދަކޮށްފައިވަނީ ސިންގަލްސް، ޑަބަލްސް އަދި މިކްސް ޑަބަލްސް އިވެންޓުގަ އެވެ.

ސިންގަލްސް ފައިނަލް ލައިބާ، 12، ކާމިޔާބުކުރީ އަރްމީނިއާގެ އެރިކް އެލޮޔާންއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ލައިބާ ގެންދިޔައީ 21-15، 21-11 އިންނެވެ. އެލޮޔާންއާ އަކީ ލައިބާގެ ޑަބަލްސް ޕާޓްނަރެވެ.

ޑަބަލްސް ފައިނަލުގައި ލައިބާ ވާދަކުރީ ސައިޕްރަސްގެ ޒޯއިއާ ކުޓުޒޯވާ އާއި ޖޯޖޮއާގެ އަނާ ސާކިސިއަންއާ ޕެއާއާ އެވެ. ލައިބާ އާއި އެލޮޔާންއާ ޕެއާ އިން މި މެޗު ކާމިޔާބުކުރީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-11 އިންނެވެ.

މިކްސް ޑަބަލްސްގައި ލައިބާ ގެ ޕެއާއަކީ އެރިކް އެލޮޔާންއާ އެވެ. ފައިނަލުގައި ލައިބާގެ ޕެއާ އިން ނުކުތީ އަންޑްރޭސް ސްޓްރޮވޮލިޑިސް އާއި އެމެލިއާ ސޮފޮކްލެއޮސްއާ، އެވެ. މި މެޗު ލައިބާގެ ޕެއާ އިން ކާމިޔާބުކުރީ 21-15 އަދި 21-11 އިންނެވެ.

ކުޅިވަރު އެތުލީޓުން ކުރިއަރުވަން މިދިޔަ ސަރުކާރުން ފެށި، އަރުތަ ސްކޮލަޝިޕްގައި ވެސް ހިމެނޭ، ލައިބާ ވަނީ މީގެ ކުރިން ވެސް ބެޑްމިންޓަން އެކި މުބާރާތްތަކުގައި ވާދަކޮށް ގިނަ މެޑަލްތަކެއް ކާމިޔާބުކޮށްފަ އެވެ. އެކަމަކު، މިއީ ލައިބާ ރަން މެޑަލް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ރާއްޖެ އަށް ނިސްބަތްވާ ކުޅުންތެރިއަކު ޔޫރަޕްގެ ޖޫނިއާ މުބާރާތަކުން ރަން މެޑަލް ހޯދި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރާއްޖޭގެ އެސޯސިއޭޝަން، ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) ސަސްޕެންޑްކުރަން، މިިދިޔަ މަހު 16 ވަނަ ދުވަހު ނިންމި ނިންމުމަށް އަމަލުކުރަން ފަށައި، ރާއްޖޭގެ ސީނިއާ ހަތަރު ކުޅުންތެރިއަކު ވަނީ، މި މަހު، ޗެކް ރިޕަބްލިކާއި އިޓަލީގައި ކުރިއަށްދާ ބީޑަބްލިއުއެފް ރުހުން ދީފައިވާ ދެ މުބާރާތުން ބާކީކޮށްފަ އެވެ. އޭގެ ކުރިން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ވަނީ، ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަތަކަށް ހައްލެއް ނުލިބޭތީ، ގައުމީ ހައިސިއްޔަތު ނަގައިފަ އެވެ.

ލައިބާ ވާދަކޮށްފައި މި ވާ އާރްމީނިއާ ޔޫތު އޯޕަން އަކީ، ބެޑްމިންޓަން ޔޫރަޕްގެ ފެޑެރޭޝަނުން ރުހުން ދީފައިވާ، އެ ފެޑެރޭޝަންގެ ކަލަންޑަރު މުބާރާތެކެެވެ. އާރްމީނިއާގެ ބެޑްމިންޓަން ފެޑެރޭޝަނުން ކުރިއަށްގެންދިޔަ މި މުބާރާތުގައި، 92 ކުޅުންތެރިން ވާދަކޮށްފައިވާއިރު، ރާއްޖޭން ވާދަކުރީ ލައިބާ އެކަންޏެެވެ. ދެން، ވާދަކުރި ކުޅުންތެރިން ނިސްބަތްވަނީ، އާރްމީނިއާ، ސައިޕްރަސް، ރަޝިއާ އަދި ޔޫކްރެއިން އަށެވެ.