Advertisement

ވެރިކަން ބަދަލުވުމުގެ މަރުހަލާ: މައުމޫނުގެ ރައްދު ސޯލިހަށް

11 ނޮވެންބަރު 2023 - 14:37 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ރައީސް މައުމޫން އަބްދުލްގައްޔޫމް؛ ވެރިކަން އޮމާންކަމާއެކު ބަދަލުކުރުމާ ގުޅޭ ގޮތުން ސޯލިހު ދެއްކެވި ވާހަކައަށް މައުމޫން ރައްދު ދެއްވައިފި - ފޮޓޯ: ރައީސް އޮފީސް


ވެރިކަން ބަދަލުވުމުގެ މަރުހަލާ: މައުމޫނުގެ ރައްދު ސޯލިހަށް

11 ނޮވެންބަރު 2023 - 14:37 0

އަމާންކަމާއެކު ރީތިކޮށް ވެރިކަން ބަދަލުވުމުގެ ކަންކަން ގެންދެވޭ ހަމައެކަނި ފަހަރަކީ މިއީ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވުމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމަށް ރައްދު ދެއްވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ރައީސް ސޯލިހު ދެއްވި ހިތާބުގައި، އެމަނިކުފާނު ސިފަކުރެއްވީ ޕާޓީ ނިޒާމު ރާއްޖެއަށް ތައާރަފުކުރި ފަހުން މި ފަހަރު ފިޔަވައި އެހެން ފަހަރުތަކުގައި ވެރިކަން ބަދަލުވެފައި ވަނީ ހަމަ އެކަނި ވޯޓުން ނޫން ކަމަށާއި ބައެއް ފަހަރު ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ.

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުހަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ އެ ވަހާކަތަކާ ގުޅިގެނ. އެމަނިކުފާނުގެ ވެރިކަމުގައި ކޯލިޝަން ބައިވެރިޔެއް ގޮތަށް ވެސް ހުންނެވި މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ހަމައެކަނި މި ފަހަރު ކަން ހިނގި ގޮތެއް ނޫން ކަމަށެވެ.

"ނުހަނު އިހުތިރާމާ އެކު ދަންނަވަން، 1968 ގެ ފަހުން ރާއްޖޭގެ ވެރިކަން ހުރިހާ ފަހަރަކު ވެސް ބަދަލުވަމުން އައިސްފައިވަނީ ގާނޫނީ ހަމަތަކުގެ މަތިން އަމާންކަމާއި އޮމާންކަމާ އެކު. މި ފަހަރު އެކަންޏެއް ނޫން،" ރާއްޖޭގައި އެންމެ ދިގު މުއްދަތަށް ވެރިކަން ކުރެއްވި ރައީސް ލިޔުއްވާފައިވެ އެވެ.

މައުމޫން ރާއްޖޭގެ ވެރިކަމުގައި ހުންނެވީ 1978 އިން 2008 އާ ހަމައަށެވެ. އޭގެ ފަހުން 2008 ގައި ފުރަތަމަ ފަހަރަށް މަލްޓި ޕާޓީ ޑިމޮކްރެސީގައި ބޭއްވި ރިޔާސީ އިންތިހާބު އެމަނިކުފާނުގެ ވާދަވެރިޔާ މުހައްމަދު ނަޝީދު ކާމިޔާބު ކުރެއްވުމުން، ވެރިކަން ބަދަލު ކުރުމުގެ ކަންކަން ވަރަށް އޮމާންކޮށް ގެންދިޔަ އެވެ.

އެ ފަހަރު އިންތިހާބީ ރައީސް ނަޝީދާއި ވެރިކަމުގެ ދައުރު ހަމަވާން ގާތްވެފައިވާ ރައީސް މައުމޫނާ ބައްދަލު ކުރެއްވުމަށް ފަހު ޖޮއިންޓް ޕްރެސް ކޮންފެރެންސެއް ވެސް ބޭއްވެވި އެވެ. ނޫސްވެރިންގެ ސުވާލުތަކަށް ވެސް ދެ ވެރީން ޖަވާބު އެރުވި އެވެ.

އެހެން ނަމަވެސް 2013، ގައި ހާލަތު އޮތީ ވެރިކަން ބަދަލު ކުރުމުގެ މަރުހަލާ ގެންދަން ވެސް ވަގުތެއް ނުވެ އެވެ. އެ ފަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުުރު ނިމުނު އިރު ދެވަނަ ބުރަށް ވަޑައިގެންނެވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ނަަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނެވެ. އެ ނަތީޖާއާ އެކު އިންތިހާބު ބާތިލުކޮށްދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ.

ސުޕްރީމް ކޯޓުން ކަނޑައެޅި ގައިޑްލައިނަކާ އެކު ފުރަތަަމަ ބުރު ދެ ވަނަ ފަހަރަށް ބޭއްވުމަށް އެކި މަސައްކަތްތައް ކުރަމުން ގޮސް ފުރަތަމަ ބުރު ބޭއްވުނީ ނޮވެމްބަރު 9، ގަ އެވެ. އެހެންވެގެން ވެރިކަން ބަދަލުވާ ތާރީހުގެ ގޮތުގައި ކުރިން އޮތް ނޮވެމްބަރު 11، އޮތީ ފަހަނައަޅައި ގޮސްފަ އެވެ. އިންތިހާބީ ރައީސް ހުވާ ކުރެވުނީ އާ ރިޔާސީ ދައުރުގެ އަސްލީ ތާރީހަށް ވުރެ ހަފުތާއެއް ފަހުން ނޮވެމްބަރު 17، އަށެވެ.

އޭގެ އިތުރުން ޕާޓީ ނިޒާމަށް ފަހު ފުރަތަމަ ވެރިކަމާ ހަވާލުވެވަޑައިގަތް ނަޝީދު ދައުރު މެދު ތެރެއިން އިސްތިއުފާ ދެއްވައި ވެރިކަން ދޫކޮށްލެއްވި އެވެ. އެއީ އޭރު އިދިކޮޅު ފަރާތްތަކުން ކުރަމުން ދިޔަ މުޒާހަރާގައި ފުލުހުންނާއި ސިފައިންގެ ގިނަ ބަޔަކު ބައިވެރިވެ ހިނގައިދިޔަ ހަމަނުޖެހުންތަކަށް ފަހުގަ އެވެ.

ފެބްރުއަރީ 7، 2012 ގައި ހިނގައިދިޔަ އެ ކަންކަމަކީ "ބަގާވާތެއް" ކަމަށް ނަޝީދާއި އެމަނިކުފާނުގެ ވަފާތެރިން ތުހުމަތު ކުރައްވަ އެވެ. ނަޝީދަށް ފަހު ވެރިކަމާ ހަވާލުވެވަޑައިގަތް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެކުލަވާލި ކޮމިޝަނަކުން ތަހުގީގު ހިންގުމަށް ފަހު ނިންމީ އެފަދަ ކަމެއް ނެތް ކަމަށެވެ. ކޯނީ ރިޕޯޓު އެކުވާލި ކޮމިޝަނުގައި ނަޝީދުގެ މަންދޫބެއް ބައިވެރިވާން ވެސް ފުރުސަތު ދިނެވެ.