Advertisement

ނަޝީދު ވަކިކުރާ ގަރާރު އެޖެންޑާކުރާ ޖަލްސާ ކުރިއަށް ގެންދަން ދެކޮޅެއް ނޫން: އާޒިމް

11 ނޮވެންބަރު 2023 - 13:09 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް؛ ނަޝީދު ވަކިކުރާ ޖަލްސާ ގެންދަން ދެކޮޅު ނޫން ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނަޝީދު ވަކިކުރާ ގަރާރު އެޖެންޑާކުރާ ޖަލްސާ ކުރިއަށް ގެންދަން ދެކޮޅެއް ނޫން: އާޒިމް

11 ނޮވެންބަރު 2023 - 13:09 0

ޑިމޮކްރެޓްސްއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަހެޅި ގަރާރު އެޖެންޑާކުރާ ޖަލްސާ ކުރިއަށް ގެންދަން އެ ޕާޓީން ދެކޮޅު ނޫން ކަމަށް ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ނަޝީދު ވަކިކުރުމުގެ ގަރާރު ހުށަހަޅާފައިވަނީ އެމަނިކުފާނާއި އާޒިމްގެ ކުރީގެ ޕާޓީ، އެމްޑީޕީންނެވެ. މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީން ހުށަހެޅި ގަރާރު އެޖެންޑާ ކުރުމަށް ފަހު އެ ޖަލްސާ ނުބާއްވާ މިހާތަނަށް ގެންދިޔައީ ނައިބު ރައީސް ފިޔަވައި އެހެން މެންބަރަކަށް އެ ޖަލްސާގެ ރިޔާސަތު ނުބެހެއްޓޭނެ ކަމަށް ބުނެ އެވެ.

އެ ފަހުން އެމްޑީޕީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން، ކޯޓުން ވަނީ އީވާ ނެތަސް އެ ގަރާރު ގެންދެވޭނެ ކަމަށް ހުކުމްކޮށްފަ އެވެ. އޭގެ ފަހުން ނަޝީދު ވަކިކުރާ ގަރާރު އެޖެންޑާކޮށް އާދީއްތަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަން މެންބަރުންނަށް ނޯޓިސް ވަނީ ފޮނުވައިފަ އެވެ.

ނޮވެމްބަރު 17، ގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވުމުގެ ކުރިއަށް ނަޝީދު މަގާމުން ދުރަށް ދާން ބޭނުން ނުވާ ކަމަށް ވާހަކަ ދެކެވެ އެވެ. އެމްޑީޕީން މަސައްކަތް ކުރަނީ އޭގެ ކުރިއަށް ނަޝީދު މަގާމުން ވަކިކޮށް، އެމްޑީޕީގެ މެންބަރަކު މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށެވެ.

ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން، މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އާޒިމް "އަދަދު" ނޫހަށް ވިދާޅުވީ އެ ޕާޓީން އަބަދުވެސް ބޭނުން ވަނީ މަޖިލީހުގެ ގަވާއިދާ އެއް ގޮތަށް ޖަލްސާތައް ކުރިއަށް ގެންގޮސް މަޖިލީހުން ކުރަން ޖެހޭ މަސައްކަތްތަކެއް ގެންދިޔުން ކަމަށެވެ.

"އަޅުގަނޑުމެން ދެކޮޅެއް ނޫން ޖަލްސާ ބާއްވާކަށް، ހުރަސް އަޅާކަށް ވެސް، އަޅުގަނޑުމެން މި ތިބީ ހަމަ ޖަލްސާއަށް ތައްޔާރުވެގެން މިހާރު ވެސް،" އާޒިމް ވިދާޅުވި އެވެ.

އެ ދުވަހުގެ ޖަލްސާއަށް ނަޝީދު ވަޑައިނުގަންނަވާނެ ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. އެ ކަމާ ގުޅޭ ގޮތުން އާޒިމް ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވީ އެ ޕާޓީން އަބަދުވެސް ބޭނުން ވަނީ "ގަވާއިދާ އެއް ގޮތަށް ޖަލްސާ ގެންދަން" ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސް އެޕް ގްރޫޕަށް ނަޝީދު މެސެޖުތަކެއް ވެސް ފޮނުވި އެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމި އޮތަސް ގާނޫނު އަސާސީގައި މަޖިލީހަށް ލާޒިމުކޮށްފައިވާ ކަންކަން ކުރަން ހުރަހެއް ނެތް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.

އެމްޑީޕީގެ މެންބަރުން ވެސް ތިއްބަވާ ގްރޫޕަށް ފޮނުވި މެސެޖުގައި ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގައި ވެސް އެ މައްސަލަ ފަސް ދުވަހަށް ދެމިގެން ދިޔަ ކަމަށެވެ. ނޮވެމްބަރު 17، އާ ހަމައަށް ބާކީ ހަ ދުވަސް އޮތް އިރު، ހަ ދުވަސް މަޖިލީހުން ހިފަހައްޓާލަން ޖެހޭ ކަމަށް ނަޝީދު ފޮނުވި މެސެޖުގައި ލިޔުއްވާފައިވެ އެވެ.

ކޯޓުގެ ހުކުމާއި މައްސަލައިގެ ފަސްފަހަތް

މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ ބ. ގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށެވެ.

ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ވާނެ ގޮތެއް ގަވައިދުގެ 205 ވަނަ މާއްދާގައި ނޯވެ އެވެ. ނައިބު ރައީސް އީވާ އަބްދުﷲ އުޅުއްވީ އަލާސްކަންފުޅާ، މަޖިލީހަށް ސަލާމުގަ އެވެ. ނަޝީދު ވަކިކުރުމުގެ މަސައްކަތް ނުފެށިގެން އުޅެނީ މަޖިލީހުން އެ ކަމަށް އެކަނި ރިއާޔަތްކޮށްގެންނެވެ.

ނަމަވެސް އެމްޑީޕީން ދެކެނީ ނައިބު ރައީސް ފިޔަވައި އެހެން މެންބަރަކަށް ވެސް ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެމްޑީޕީން ހަވާލާ ދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އޭގައި، މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް ރިޔާސަތު ނުބެލެހެއްޓެވޭނަމަ، ބަލަހައްޓާނެ ފަސް މެންބަރަކު ކަނޑަައަޅަން ޖެހޭ ކަމަށް އޮވެ އެވެ.

އެމްޑީޕީން އެދިފައިވަނީ ނަޝީދުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާކޮށް ޖަލްސާތައް ނުގެންގޮސްފައިވަނީ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށެވެ. އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލައެއް އެޖެންޑާގައި އޮތްހާ ހިނދަކު އެއާ މެދު ގޮތެއް ނުނިންމައި މަޖިލީހުގެ އެހެން މަސައްކަތެއް ނުހިންގޭނެ ކަމަށް އެމްޑީޕީން ބުނެ އެވެ. އޭގެ ތެރޭގައި ދައުލަތުގެ ބަޖެޓާއި އިިންތިހާބީ ރައީސް ހުވާ ކުރުމުގެ ޖަލްސާ ވެސް ހިމެނެ އެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ފަސް ފަނޑިޔާރުން އިއްތިފާގުވެފައިވަނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރުތަކަށް ވެސް ހިނގާނެ ކަމަށެވެ. އެހެންކަމުން އީވާ ނެތަސް ނަޝީދު ވަކިކުރާ ގަރާރު ގެންދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ނަމަވެސް އެމްޑީޕީގެ ދެވަނަ ނުކުތާއާ އެއްކޮޅަށް މައްސަލަ ނުނިމެ އެވެ. އިތުބާރު ނެތް ކަމުގެ ގަރާރާ މެދު ގޮތެއް ނުނިންމި އޮތަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ކުރަން ޖެހޭނެ ކަމަށެވެ. އިންތިހާބީ ރައީސްގެ ހުވަޔާއި، ދައުލަތުގެ ބަޖެޓަކީ އެފަދަ ކަމެކެވެ.