10 ނޮވެންބަރު 2023 - 10:17 0
މުހައްމަދު ޝަހްޒާން
10 ނޮވެންބަރު 2023 - 10:17 0
ސެޓެލައިޓް ޓެކްނޮލޮޖީގެ ޒަރިއްޔާއިން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ސްޓާލިންކް ސާވިސަސްއިން ރާއްޖެއަށް ހިދުމަތް ދޭން ފަށައިފި އެވެ.
ސްޓާލިންކުގެ ރަސްމީ ވެބްސައިޓުގެ އެވެއިލެބިލިޓީ ޗާޓުގައި އެ ކުންފުނިން ވަނީ ރާއްޖެއަށް ހިދުމަތް ދޭން ފެށިކަން ހާމަކޮށްފަ އެވެ. އަދި އެ ކުންފުނީގެ އެކްސް އެކައުންޓުން ވެސް ވަނީ ރާއްޖެއަށް ހިދުމަތް ދޭން ފަށާފައިވާކަން އިއުލާނުކޮށްފަ އެވެ.
ސްޓާލިންކުން ރާއްޖެއަށް ހިދުމަތް ދޭން ފަށާފައިވާއިރު، އެ ކުންފުނީގެ ވެބްސައިޓުން މިހާރު އެމީހަކު ބޭނުންވާ ޕެކޭޖަކަށް އޯޑާރު ކޮށްލެވޭނެ އެވެ. އެ ކުންފުނީގެ ޕެކޭޖުތަކުގެ ތެރޭގައި މީހުން ދިރިއުޅޭ ގޭގެއަށް ހާއްސަ ޕެކޭޖުތަކާއި ވިޔަފާރިތަކާއި ހައި ޑިމާންޑު ޔޫސަރުންނަށް ހާއްސަ ޕެކޭޖުތަކަުގެ އިތުރުން ކަނޑުމައްޗަށް ހާއްސަ ޕެކޭޖުތައް ހިމެނެ އެވެ. އެ ޕެކޭޖުތަކުގެ ތެރޭގައި 1000ރ. އިން ފެށިގެން ގޮސް 80،000ރ. ކޮންމެ މަހަކު ދައްކަންޖެހޭ ޕެކޭޖުތައް ވެސް ހިމެނެ އެވެ.
ސްޓާލިންކުގެ ހިދުމަތް ހޯދުމަށް އެ ކުންފުނީގެ ހާޑުވެއާ ގަންނަން ޖެހޭނެ އެވެ. ގޭގެއަށް ހާއްސަ ސްޓާލިންކުގެ ހާޑުވެއާގެ އަގަކީ 10،000ރ. އެވެ.
ދިވެހިރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެެރެއިން ސްޓާލިންކުގެ ހިދުމަތް ލިބުނު ފުރަތަމަ ގައުމެވެ. ރާއްޖޭގައި ހިދުމަތް ދިނުމުގެ ހުއްދަ ސްޓާލިންކަށް ދިނީ މިދިޔަ އޮގަސްޓު 24 ގަ އެވެ.
ސްޓާލިންކަކީ މަހުޖަނު އަދި ސްޕޭސްއެކްސް އާއި ޓެސްލާގެ ބާނީ އީލޮން މަސްކުގެ ކުންފުންޏެކެވެ.
ކޭމްއިން ލައިސެންސް ދޫކުރީ، މި ހިދުމަތް ދިނުމަށްޓަކައި ސްޓާލިންކުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ސްޓާލިންކް ސާވިސަސް މޯލްޑިވްސްއަށެވެ.
ޖައްވީ ސިނާއަތުގައި ފުއްނާބު އުސް ސްޕޭސްއެކްސް އިން ވަނީ ސްޓާލިންކް ހިދުމަތް ދިނުމަށް 2019 ވަނަ އަހަރު ޖައްވީ ފަށަލައަށް ސެޓެލައިޓުތައް ފޮނުވަން ފަށާފަ އެވެ. އެގޮތުން މިހާތަނަށް 5,000 އަށްވުރެ ގިނަ ސެޓެލައިޓު ފޮނުވައިފައިވާއިރު، އެ ކުންފުނިން އަމާޒު ހިފާފައި ވަނީ ޖުމުލަ 12،000 ސެޓެލައިޓަށް ސްޓާލިންކް ވިއުގަ ބޮޑުކުރުމަށެވެ.
ރާއްޖޭގެ އިތުރުން އެ ކުންފުނިން އަންނަނީ މިހާރުވެސް 60 ގައުމެއްގައި ސްޓާލިންކުގެ ޒަރިއްޔާއިން އިންޓަނެޓް ފޯރުކޮށްދެމުންނެވެ.
Comment