Advertisement

ކަލާފާނު ސްކޫލުގައި ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދޭ ލެބެއް

9 ނޮވެންބަރު 2023 - 10:35 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

ކަލާފާނު ސްކޫލުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ހުޅުވުމުގެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރު އެ ސްކޫލުގެ ދަރިވަރުންނާއެކު --- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


ކަލާފާނު ސްކޫލުގައި ދަރިވަރުންނަށް މަސައްކަތްތެރިކަން ދަސްކޮށްދޭ ލެބެއް

9 ނޮވެންބަރު 2023 - 10:35 0

ވޮކޭޝަނަލް އެޑިއުކޭޝަން ޕްރޮގްރާމްތަކަކީ އަކީ މަސައްކަތުގެ ހުނަރުތައް ދަސްކޮށްދީ ވަޒީފާގެ މާހައުލަށް ނުކުންނަ ދަރިވަރުން އެކަމަށް ތައްޔާރުކޮށްދިނުމަށް ހިިންގާ ހާއްސަ ޕްރޮގްރާމްތަކެކެވެ. އެ ޕްރޮގްރާމްތަކުގައި ދަރިވަރުންނަށް ވަކި ވަކި ދާއިރާތަކަށް ހާއްސަ ތަމްރީނުދީ ވަޒީފާގެ މާހައުލަށް ބޭނުންވާ އިލްމާއި، މައުލޫމާތާއި، ހުނަރު ދަސްކޮށްދީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމަށް އުގަންނައިދެވެ އެވެ.

ރާއްޖޭގައިވެސް މިހާރު ކިޔަވަދޭ މަންހަޖުގެ މާއްދާތަކަށް މަސައްކަތްތެރިކަމާއި ހުނަރުގެ ބައިތައް އެއްކޮށްގެން ވޮކޭޝަނަލް އެޑިއުކޭޝަން ކިޔަވަދޭން މިހާރު ވަނީ ފަށާފަ އެވެ. މިއީ ދަރިވަރުން ޝައުގުވެރިވާގޮތަށް ތައުލީމު ބައްޓަން ކުރެއްވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެގޮތުން ސްކޫލުތަކުގައި އެކަމަށް ހާއްސަ ލެބްތައް ގާއިމުކުރަން ފަށާފައިވާއިރު ކަލާފާނު ސްކޫލުގައި ގާއިމުކުރި ވޮކޭޝަނަލް އެޑިއުކޭޝަން ލެބް އިއްޔެ ވަނީ ހުޅުވައިފި އެވެ.

ކަލާފާނު ސްކޫލުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބްގައި ދަރިވަރުންތަކެއް ފަހަން ދަސްކުރަނީ ----ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


ކަލާފާނު ސްކޫލުގެ ދަރިވަރުންނަށް ވޮކޭޝަނަލް ތަމްރީނުތައް ދިނުމަށް ގާއިމުކުރި މި ލެބް ހުޅުވުމަށް އެ ސްކޫލުގައި ހާއްސަ ރަސްމިއްޔާތެއްވެސް ވަނީ ބާއްވާފަ އެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ލެބް ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއެވެ.

ސްކޫލްތަކުގައި ގާއިމުކުރާ މި ލެބްތަކުން ދަރިވަރުންގެ އާންމު ދިރިއުޅުމުގައި ދަސްކުރަން މުހިންމު ހުނަރުތައްކަމަށްވާ ކެއްކުމާއި، ފެހުމާއި، ވަޑާންކުރުމުގެ މަސައްކަތް އަދި އާޓް އެންޑް ކްރާފްޓްގެ މަސައްކަތް ދަސްކޮށްދެއެވެ. އަދި ދަރިވަރުންގެ ފަންނީ ހުނަރުތަކުގެ އިތުރުން އެކުދިންނަށް، އުފެއްދުންތެރި ވިސްނުމާއި، ދިރިއުޅުމުގައި ދިމާވާ ކަންކަން ހައްލުކުރުމުގެ ހުނަރުތައް ދަސްވުމާއެކު، މުސްތަގުބަލުގައި ހުނަރުވެރި، ގާބިލު ތަޢުލީމީ ޖީލެއް ބައްޓަންކުރުމަށް މަގުފަހިވެގެންދާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ރާއްޖޭގެ ހުރިހާ އަތޮޅުތަކެއް ހިމެނޭހެން 28 ސްކޫލެއްގައި މިފަދަ ލެބްތައް ގާއިމުކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ ފުރަތަމަ ލެބް މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތާޖުއްދީން ސްކޫލްގައި ވަނީ ހުޅުވާފައެވެ. އޭގެ އިތުރުން ޏ.އަތޮޅު ތައުލީމީ މަރުކަޒާއި، މަޖީދިއްޔާ ސްކޫލުގައިވެސް މިފަދަ ލެބްތައް ވަނީ ގާއިމުކޮށްފައެވެ.

ކަލާފާނު ސްކޫލުގެ ވޮކޭޝަނަލް އެޑިއުކޭޝަން ލެބް ---- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ


މިނިސްޓްރީން ބުނިގޮތުގައި ވޮކޭޝަނަލް އެޑިޔުކޭޝަން ޖެނެރަލް ލެބްގެ އިތުރުން ވަކިވަކި ހުނަރުތައް ދަސްކޮށްދިނުމަށް ހާއްސަކޮށްގެން ހުޅުވާ ލެބްތައްވެސް ކުރިއަށްއޮތްތަނުގައި މި ސްކޫލްތަކުގައި ހުޅުވިގެންދާނެ އެވެ. މީގެ ތެރޭގައި އެއާ ކޮންޑިޝަން މަރާމާތުކުރުމުގެ މަސައްކަތް ދަސްކޮށްދޭ ލެބާއި، އިލެކްޓްރޯނިކް މަސައްކަތް އަދި ވަޑާމުގެ މަސައްކަތަށް ހާއްސަކޮށްފައިވާ ލެބްތައް ހިމެނެއެވެ.

މި ލެބްތަކަކީ އެޓޯލް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގެ ދަށުން ކުރިއަށްގެންދާ މަސައްކަތްތަކެކެވެ. އޭއީޑީޕީއަކީ ވޯލްޑް ބޭންކުގެ ނުވަ މިލިއަން ޑޮލަރުގެ ހިލޭ އެހީއާއި ދިވެހި ސަރުކާރުގެ އެއް މިލިއަން ޑޮލަރު ހިމެނޭގޮތަށް ގާއިމުކުރެވިފައިވާ ޕްރޮޖެކްޓެކެވެ.