Advertisement

މިހާތަނަށް މާލީ ބަޔާން ހުށަހެޅީ ޒަމީލް، އިލްޔާސް، ފާރިސް އަދި ގާސިމް

8 ނޮވެންބަރު 2023 - 14:52 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރިޔާސީ ކެންޑިޑޭޓުން؛ މާލީ ބަޔާން އަދި ހުށަހެޅީ އިލްޔާސް، ގާސިމް، އަދި ޒަމީލް. - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މިހާތަނަށް މާލީ ބަޔާން ހުށަހެޅީ ޒަމީލް، އިލްޔާސް، ފާރިސް އަދި ގާސިމް

8 ނޮވެންބަރު 2023 - 14:52 0

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާންތައް ހުށަހެޅީ ހަތަރު ކެންޑިޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އިލެކްޝަންސްގެ ސެކްރެޓަރީ ޖެނެރަލް ހަސަން ޒަކަރިއްޔާ ވިދާޅުވި ގޮތުގައި މިހާތަނަށް ބަޔާން ހުށަހެޅީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބާއި، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމާއި، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓު ހަސަން ޒަމީލް އަދި ފާރިސް މައުމޫން އެވެ.

މިއަދު މެންދުރުފަހު 3:00 ގެ ފަހުން އިލެކްޝަންސް ކޮމިޝަނުގެ އޮފީސް ބަންދު ކުރި ނަމަވެސް މިރޭ 12:00 ޖެހުމުގެ ކުރިއަށް ވެސް މާލީ ބަޔާންތައް ހުށަހެޅޭނެ އެވެ. ރަސްމީ ވަގުތުގެ ފަހުން ދެން ހުށަހެޅޭނީ މެއިލް މެދުވެރިކޮށް ކަމަށް ހަސަން ވިދާޅުވި އެވެ.

މިއަދުގެ ނިޔަލަށް މާލީ ބަޔާންތައް ހުށަހަޅަން ޖެހެނީ ދެވަނަ ބުރުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން ފިޔަވައި އެހެން ކެންޑިޑޭޓުންނެވެ.

އެހެންކަމުން މިހާތަނަށް މާލީ ބަޔާން އަދި ހުށަނާޅަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިތުރުން އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމެވެ.

ދެވަނަ ބުރުގައި ވާދަކުރެއްވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އަދި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ މި މަހުގެ 29، ގެ ކުރިންނެވެ.

މާލީ ބަޔާނުގައި ހިމެނެން ޖެހޭ ކަންކަން؛

  • އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
  • އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު
  • ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު
  • ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް
  • ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވެސް ފުރިހަމައެއް ނޫނެވެ.

ސޯލިހުގެ މާލީ ބަޔާނުގައި ގާނޫނުގައި ބަޔާންކުރާ ތަކެތީގެ ތެރެއިން ފުރިހަމަ ވަނީ ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުގެ ތަފުސީލު އެކަންޏެވެ. ޔާމީންގެ މާލީ ބަޔާނުގައި އެ ތަފުސީލުތަކުގެ އިތުރަށް ޔާމީނަށް ފައިސާ ޖަމާކޮށްދިން މީހުން، ކެންޑިޑޭޓުގެ ކެމްޕޭން އެކައުންޓަށް ފައިސާ ފޮނުވި ބޭންކު ސްޓޭޓްމަންޓްތައް ހިމަނާފައިވެ އެވެ.

ޔާމީނާއި ސޯލިހުގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ގަބޫލުކުރައްވަ އެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބާއި މަޖިލީހުގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންސްގައި ވެސް އެ މައްސަލަ ފާހަގަވެފައި އެބަ އޮތެވެ.

2009 އަދި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަމަށް ފުއާދު ވިދާޅުވެފައިވެ އެވެ.

ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ އެއްވެސް މައްސަލައެއްގައި ދައުވާނުކޮށް އަނބުރާ ފޮނުވާފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަނުވުމުން އީސީން ނިންމާފައިވަނީ އެއިން ކޮންމެ ކެންޑިޑޭޓަކު 6،000 ރ. އިން ޖޫރިމަނާ ކުރުމަށެވެ.

އިލެކްޝަންސްގެ ވިސްނުން މިހާރު ހުރީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް، އެ އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރުމަށެވެ. އަދި ކެމްޕެއިން ހިންގުމުގައި ގޯހެއް އުޅޭނަމަ އެ ކަން ތަހުގީގު ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމަށެވެ.