6 ނޮވެންބަރު 2023 - 14:25 0
ނިމާ ހަސަން
ވ. އަތޮޅު ފެލިދޫ; ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދޭނަމަ ހިދުމަތް ނުދޭނެ ކަމަށް ބުނެ ފެލިދޫ ކައުންސިލުން ބަޔާން ނެރުނު މައްސަލަ ވަނީ ހޫނުވެފައި
6 ނޮވެންބަރު 2023 - 14:25 0
ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދޭނަމަ ހިދުމަތް ނުދޭނެ ކަމަށް ބުނެ ފެލިދޫ ކައުންސިލުން ނިންމި ނިންމުން ބާތިލުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން އަންގައިފި އެވެ.
ވ. ފެލިދޫ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ބުނީ އެ ކައުންސިލަށް ލިބެންޖެހޭ ފައިސާ ދައްކަން ޖެހޭ ފަރާތްތަކުން ފައިސާ ދައްކާ ނިންމަންދެން، އެ ފަރާތްތަކާއި އެ ފަރާތްތަކުގެ އަނބި، ފިރި އަދި ދަރިން ހިމެނޭ ގޮތަށް އޭގެން އެއްވެސް ފަރާތަކަށް ކައުންސިލްގެ އެއްވެސް ހިދުމަތެއް ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިދިޔަ މަހުގެ ނިޔަލަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފުރުސަތު ދޭނެ ކަމަށާއި, އެ ފަހުން ފައިސާ ނުދައްކާ ރައްޔިތުންގެ ލިސްޓު އާންމުކޮށް އިއުލާން ކުރަމުންދާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނެއްގައި ބުނީ, ލާމަރުކަޒީ ގާނޫނު ހިމެނޭހެން އެއްވެސް ގާނޫނެއްގެ ދަށުން ލޯކަލް ކައުންސިލަކަށް އެ ކައުންސިލަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތެއް ފޯރުކޮށްނުދީ ހިފެހެއްޓިދާނެ ހާލަތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ ހިދުމަތެއް ވަކި ބަޔަކަށް ނުދީ ހިފެހެއްޓުމަކީ ފެލިދޫ ކައުންސިލަށް ލިބޭ ބާރެއް ނޫންކަން ފާހަގަކޮށް އެކަން އެގޮތަށް ކުރަން ނިންމާފައިވާތީ އެޗްއާރްސީއެމުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ ކޮމިޝަނުން ވަނީ, ހިއުމަން ރައިޓްސް ކޮމިޝަނުގެ ގާނޫނުގެ 26 ވަނަ މާއްދާގެ (ހ)ގެ ދަށުން, ފެލިދޫ ކައުންސިލުންގެ ބަޔާން ބާތިލު ކުރުމަށް އެ ކައުންސިލަށް އަންގާފަ އެވެ.
ފެލިދޫ ކައުންސިލުގެ ބަޔާނާ ގުޅިގެން, ލޯކަލް ގަވަރުމެންޓު އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ އެއްވެސް ރައްޔިތެއްގެ މަދަނީ ހައްގަކަށް އުނިކަން ނާންނާނެހެން ލޯކަލް ކައުންސިލްތަކުގެ ނިންމުންތައް ނިންމުމަށް އިލްތިމާސްކޮށްފަ އެވެ.
"ކައުންސިލާއި އަމިއްލަ ފަރުދަކާ މެދު ކުރެވޭ މަދަނީ މުއާމަލާތެއްގެ ތެރެއިން އެފަރާތުން ކައުންސިލަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމަކުން، ގާނޫނަކުން ނުވަތަ ގަވާއިދަކުން ހުއްދަކުރާ ފިޔަވަޅެއް މެނުވީ އެއްވެސް ރައްޔިތަކާމެދު އެޅުމަކީ ފަރުދީ ހައްގެއް ހިފެހެއްޓުން ކަމުގައި މި އޮތޯރިޓީން ދެކެން،" އެލްޖީއޭއިން ބުނެފައިވެ އެވެ.
ކައުންސިލަށް ލިބެންޖެހޭ ފައިސާ ގަވާއިދުން ނުލިބޭތީ އާއި އެ ފައިސާ ނުލިބޭތީ ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ގޮންޖެހުންތައް ކުރިމަތިވާތީ އެ އިދާރާއިން ކަންބޮޑުވި ނަމަވެސް، ކައުންސިލްތަކުން ނިންމާ ނިންމުންތައް ވާންވާނީ ގާނޫނުއަސާސީއިން ލިބިދޭ އަސާސީ ހައްގަކަށް އުނިކަން ނާންނަގޮތަކަށް ކަމަށްވެސް އެލްޖީއޭ އިން ބުނެ އެވެ.
Comment