ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަނީ. އެމަނިކުފާނުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށްގެންދިޔުމާ މެދު ގޮތެއް ނިންމާނީ ސުޕްރީމް ކޯޓުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
"މިއީ މި ދިވެހިރާއްޖޭގެ ރައްޔިތުންގެ އެންމެ މަތީ ގެ. އެ ރައްޔިތުންގެ ވަކީލުން ތިޔަ އިއްޒަތްތެރި މެމްބަރުންނަކީ. ތިޔަ އިއްޒަތްތެރި މެމްބަރުން ޝައްކެއް ވެސް ނެތް ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ ތި ބޭފުޅުންގެ ރައްޔިތުންނަނަށް ހެވާ ލާބަ ހޯދައިދިނުމަށް. އެ ރައްޔިތުންގެ ފަރާތުން ވަކާލާތުކުރުމަށް. ދިވެހިރާއްޖޭގެ ގާނޫނު އަސާސީ ސަރީހަ އިބާރާތުން ބަޔާންކުރަނީ ވެރިކަމުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް. އެ ރައްޔިތުން ތަމްސީލުކޮށްދިނުމަށް އެ ރައްޔިތުން ކަނޑައަޅާފައިވާ އިއްޒަތްތެރި މެމްބަރުންނަކީ ތިޔަ ބޭފުޅުން,"
މިއީ އެޕްރީލް 6, 2019 ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުންނާއި ނުވަ ސިޔާސީ ޕާޓީ ހިމެނޭހެން ވާދަކުރި 407 ކެންޑިޑޭޓުންގެ ތެރެއިން އެ މަޖިލީހަށް އިންތިހާބުވި 87 މެންބަރުން އެ މަޖިލީހުގެ ރިޔާސަތަށް އިންތިހާބު ކުރެއްވި ރައީސް މުހައްމަދު ނަޝީދު ރިޔާސަތަށް އަރާވަޑައިގެން އެންމެ ފުރަތަމަ ދެއްކެވި ވާހަކަފުޅުގެ އެންމެ މުހިންމު ބައެވެ.
މައްޗަންގޮޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވައި ނަޝީދު މަޖިލީހަށް ވަދެވަޑައިގެންނެވީ އެމަނިކުފާނު ހިމެނޭހެން އެމްޑީޕީގެ އެޖެންޑާ 19 ތަންފީޒުކުރައްވާނެ 65 މެމްބަރުން ގޮވައިގެންނެވެ. ރިޔާސަތުގެ ވާދަވެރިކަން ސީނިއާ ދެ މެންބަރެއްގެ މެދުގައި އޮއްވައި ޕީޖީ ގްރޫޕުގެ ބައްދަލުވުން ކުރިއަށް ދަނިކޮށް ނަޝީދަށް އައި ފޯނު ކޯލަކާ އެކު މަންޒަރު ބަދަލުވެ ސުޕަމެޖޯރިޓީން ރިޔާސަތަށް އިހުތިޔާރުކުރީ އެމަނިކުފާނެވެ. އަދި, ނައިބަކަށް އެމަނިކުފާނުގެ ދެބެންގެ ދެދަރި ކޮއްކޯފުޅު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުالله އެވެ.
އެ ރޭ އެމަނިކުފާނު ދެއްވީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށް ވަކާލާތުކުރާ މަޖިލީހެއްގެ ގޮތުގައި މަޖިލިސް 19 ފެނިގެންދާނެ ކަމުގެ ޔަގީންކަމެވެ. އެހެން ނަމަވެސް އެ މަންޒަރެއް ނުފެނެ އެވެ. މިފަހުން މަޖިލިސް ފެނުނީ ޕާޓީތަކުގެ ވާދަވެރިކަމުގައި ޒާތީ ޒުވާބުތަކާއި އަރައިރުންތައް ގިނައިން ކުރާ މަޖިލީހެއްގެ ގޮތުގަ އެވެ.
އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގު ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ނުގެނެވުނެވެ. ޖޭއެސްސީގެ ކޮމްޕޮޒިޝަނާ މެދު އެއްބަސްވުމަކަށް ނާދެވި އަދިވެސް އެ ކޮމިޝަން ސިޔާސީ ނުފޫޒުން މިންޖު ނުކުރެވެ އެވެ. މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި އަދި އެ ނޫނަސް އެތައް މުުހިންމު ގާނޫނަކާއި ގަރާރެއްގެ މަސައްކަތް އޮތީ އެކުގައި ސަރުކާރަށް އައި ބައެއްގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކެއްގައި ތާށިވެފަ އެވެ.
ކަން މިހެން އޮތް ނަމަވެސް މިހާރު ވެސް މަޖިލިސް އެ އޮތީ ހުއްޓިފަ އެވެ. ފުރަތަމަ ފަހަރަކަށް ނޫނެވެ. ތެދަށް ދަންނަވާ ނަމަ މުޅި މިއަހަރު މަޖިލިސް އޮތީ "ޕެރަލައިޒް" ވެފަ އެވެ. ރައްޔިތުންގެ ވަކީލުންނަށް ރައްޔިތުން ތަމްސީލުކުރުމުގައި ހުރަސް އަޅަމުންދަނީ ސީދާ ރިޔާސަތުންނެވެ. އެކަމުގައި ދެން ގޮތް ނިންމާނީ ސުޕްރީމް ކޯޓުންނެވެ.
ހަގީގަތުގައި މަޖިލިސް ހިންގަވަމުންގެންދަވާ ގޮތާއި މެދު ހިތްހަމަނުޖެހި, ރައީސް ނަޝީދާއި ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެންބަރުން އަޑު އުފުއްލަވަން ފެށީކީ މިއަހަރަކު ނޫނެވެ. މަޖިލީހުގެ އެޖެންޑާ އެކުލަވާލުމުގައި އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް މަސައްކަތް ކުރުމާއި, ބަހުސްގައި ބައިވެރިވެވަޑައިގެން އަމިއްލަ ހިޔާލުފުޅު ފާޅުކުރައްވަމުންގެންދަވާތީ އެމްޑީޕީގެ އެތައް މެންބަރުންނެއް ކުރިން ވެސް ނުރުހުން ފާޅުކުރެއްވި އެވެ.
އެ ނުރުހުންތަކުގައި ހަގީގީ ކުލަ ޖެހުނީ ރިޔާސީ އިންތިހާބުގެ ވަގުތު ކުޑަތަންވެ, އެކަމަށް އެމްޑީޕީގެ މަތިފަޑިން ގޮތްހުސްވެ ތާއީދު ކުރަން މަޖުބޫރުވުމުންނެވެ. މި އަހަރުގެ ޖޫން މަހުގެ ތެރޭގައި އިތުބާރު ނެތް ކަމުގެ މައްސަލައަށް ސޮއި ހޯދަން ފެށިއިރު ނަޝީދު އަޑީގައި ހުންނަވައިގެން "ދަ ޑިމޮކްރަޓްސް" އުފެއްދުމުގެ މަސައްކަތް ދިޔައީ ކުރަމުންނެވެ. އެ ކޯޅުމުގައި އެމްޑީޕީން ނަޝީދު ވަކިކުރުމުގެ މައްސަލަ ވެއްދީ 54 މެންބަރުންގެ ސޮޔާއެކު އެވެ. އެ ފަދަ މައްސަލައެއް ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދަށްވުރެ 10 މެންބަރުން އިތުރުކޮށެވެ.
އެހެންނަމަވެސް, ތަފާތު އެކި އުޒުރުތައް ދައްކައި މަޖިލީހުގައި މަރުތަޅު އަޅުވާފައި އެ މައްސަލަ އޮތީ ބާއްވާފަ އެވެ. އާންމު ކޮމިޓީތައް އެކުލަވާނުލެވޭ ކަމަށާއި, މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ ހުށަހެޅުމުން 'ޑެޑްލޮކް' އަކަށް ދިޔައީ ކަމަށް ވިދާޅުވެ ދައުލަތުގެ އެއް ބާރު އެއްކޮށް ހުއްޓުވާލި އެވެ. ރައްޔިތުންގެ ފައިސާ ނަންގަވައިގެން ކުޑަދަށުގައި ނަޝީދާއި އީވާ ވަގުތު ހޭދަކުރީ އެ ބޭފުޅުންނަށް ސިޔާސީ ހަމަ ނޭވާއެއް ލެވެންދެނެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ލިބުމާއެކު އެމްޑީޕީއަށް ތާއީދުކުރާނޭ ކަމަށް ދެއްކެވި ދަޅައިގައި ޖެހި އެމްޑީޕީން ވެސް އެވަގުތަށް މައްސަލަ އަނބުރާ ނެގީ އެވެ.
"އެމްޑީޕީން މިއަދު އަމަލުކުރަމުންދާ ގޮތް އެނގިވަޑައިގަންނަވާނެ, ހަގީގަތުގައި އަޅުގަނޑުމެންނާ އެއްބަސްވުމެއް ވެފައި އިތުބާރު ނެތްކަމުގެ މައްސަލަ ނެގުމަށް ފަހު އަނެއް ހަފުތާގައި އިތުބާރު ނެތްކަމުގެ ވާހަކަ ދެއްކީމާ އަޅުގަނޑު ގަބޫލެއް ނުކުރަން އެއީކީއެއް ކަންކަންވާން ޖެހޭ ގޮތެއް ކަމަށް އަދި އޮންނަން ވާނެ ގޮތެއް ކަމަށް ވެސް." ދެ ޕާޓީގެ މެދުގައި އޭރު އެއްބަސްވުމެއް އޮތްކަން ހާމަކުރަމުން މައިނޯރިޓީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މީގެކުރިން ވިދާޅުވެފައިވެ އެވެ.
އެއާއެކު, މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ކޮމިޓީތައް އެކުލަވާލުމަށް އޮތް ހުރަސްތައް ވެސް ދަ ޑިމޮކްރަޓުންގެ ތާއީދާއެކު ނައްތާލެވިއްޖެ އެވެ. ރައީސް ނަޝީދަށް ރިޔާސަތުގައި އިނދެވޭނަމަ މަޖިލިސް ހިނގުމުގައި އެއްވެސް ހުރަހެއް ނެތް ފަދަ އެވެ.
އިންތިހާބު ނިމި އިދިކޮޅު ޕާޓީއެއްގެ ރޯލަށް ހޭނެން ޖެހިފައިވާ އެމްޑީޕީއަށް އަންނަ މަޖިލިސް އިންތިހާބާ ހަމައަށް ގަދަ ޕާޓީއެއްގެ ގޮތުގައި އޮވެވެން އޮތީ ރިޔާސަތާ އެ ޕާޓީން ހަވާލުވެގެން ކަމަށް އެ ޕާޓީގެ ލީޑަރުން ގަބޫލުކުރައްވަ އެވެ.
ރައީސް ނަޝީދުގެ ސިޔާސީ މަޅިން ސަލާމަތްވެވުމާ އެކު އެމްޑީޕީން އަނެއްކާވެސް ފެށީ ނަޝީދު ބޭރުކުރުމުގެ މަސައްކަތެވެ. މިފަހަރުވެސް މައްސަލަ ހުށަހެޅީ އެ ފަދަ މައްސަލައެއް ކާމިޔާބު ކުރުމަށް ބޭނުންވާ އަދަދަށްވުރެ ގިނަ މެންބަރުންގެ ސޮޔާއެކު އެވެ. ނަޝީދާއި ދެކޮޅަށް މަޖިލީހުގެ 49 މެންބަރުން ސޮއި ކުރައްވައި މައްސަލަ ހުށަހެޅުމާއެކު އަނެއްކާވެސް އެހެން އުޒުރެއް އުފަންކުރުވައި މަޖިލިސް ހުއްޓުވައިފި އެވެ.
މުޅި މަޖިލިސް ނަޝީދުގެ އިތުބާރުގެ މައްސަލައިގައި ތާށިވެ ކުރިއަށް ނުކަނޑާ އޮތްއިރު އެމަނިކުފާނު ވޯޓަށް ފިއްލަވައި ވޯޓު ލަސްކުރައްވަމުން ގެންދަވާ ކަމަށް އަންނަ ދައުރުގައި މައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުން ތުހުމަތު ކުރައްވަ އެވެ.
ފަހަރުގައި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވި މަޖިލީހުގެ ރިޔާސަތުގެ ގޮނޑި ދިފާއު ކުރައްވަން ލޮބީ ކުރެއްވުމުގެ މަސައްކަތް ކުރައްވަން ވަގުތު ހޯއްދަވަނީ ކަމަށް ވެދާނެ އެވެ. ފުރަތަމަ ފަހަރު މައްސަލަ އަނބުރާ ގެންދަން އެމްޑީޕީއަށް މަޖުބުރޫވީ އެވެ. މިފަހަރު އެ ޕާޓީން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
އޮކްޓޯބަރު 29 އިން ފެށިގެން ނަގަން މަސައްކަތް ކުރަމުންދާ ވޯޓު ނަޝީދުގެ ކޮއްކޯފުޅު އާލާސްކަންފުޅާ އުޅުއްވާތީ ނެގޭ ގޮތް ވެފައި ނުވެ އެވެ. މުޅި މަޖިލިސް އެ މަޖިލީހުގެ ގަވާއިދުގެ އެންމެ މާއްދާއެއްގެ ދަށުގައި ފިތިފައިވާއިރު, ދައުލަތުގެ އެއް ބާރު, ވަކިން ހާއްސަކޮށް ނަޝީދު ވިދާޅުވާހެން ރައްޔިތުންގެ އެންމެ މަތީ ގެ, ރައްޔިތުންގެ މަޖިލިސް ހުއްޓިފައި އޮންނާނެ ކަމަށް ގާނޫނު އަސާސީ ތަސައްވަރެއް ނުކުރެ އެވެ.
އެންމެ މާއްްދާއެއްގެ ސަބަބުން ރައްޔިތުންގެ ބާރު ސަސްޕެންޑު ކޮށްފައި ނުބޭއްވޭނެ އެވެ. ދައުލަތް ހިނގަނީ ރައްޔިތުންގެ ބާރުންނެވެ. އެ ބާރު ނުހިނގާ ތަނަކަށް ދައުލަތެކޭ ކިޔުމުގެ ބޭނުމެއް ނެތެވެ.
ލޮބީ ކުރައްވައިގެން މަގާމު ދިފާއު ކުރެއްވުމަށް މަސައްކަތް ކުރައްވާ ފަދަ އިޝާރާތެއް ނަޝީދު ވެސް ދެއްވި އެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި އިނގިރޭސިންނަށް މޮޅު ހޯދައިދިނުމުގެ މޭސްތިރި ކަމަށްވާ ބޮޑުވަޒީރު ވިންސްޓަން ޗާޗިލްގެ ބަސްފުޅަކާ އަޅުަވައި ނަޝީދު ވިދާޅުވީ "ސިޔާސީ ކަންކަމުގައި ހަފްތާއަކީ ވަރަށް ގިނަ ދުވަސް" ކަމުގަ އެވެ.
އެކަމަކު, އެމަނިކުފާނު އޮކްޓޯބަރު 4, 2017 ގައި މަޖިލީހުގެ އޭރުގެ ހާލަތާ ގުޅުވައި ކުރެއްވި ޓްވީޓު މިއަދު ހަނދުމަފުޅު ނެތެވެ. އޭރު 85 މެމްބަރުން ތިއްބަވާ މަޖިލީހުގެ 45 މެމްބަރުންގެ ސޮޔާ އެކު ރިޔާސަތުގައި އިންނެވި އަބްދުالله މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޮތީ ވައްދާފަ އެވެ.
ނަޝީދު ވިދާޅުވީ މަސީހުއަށް ރިޔާސަތުގައި އިންނެވުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ. މިއަދު ނަޝީދުގެ އިތުބާރު ނެތްކަމަށް 49 މެމްބަރުން ސޮއިކޮށް މައްސަލައެއް ވައްދާފައިވާއިރު އެމަނިކުފާނު ވަނީ އެމަނިކުފާނުގެ މިއަދު ހާލަތު މީގެ 2,224 ދުވަސް ކުރިން ޓްވީޓެއް މެދުވެރިކޮށް ބަޔާން ކުރައްވާފަ އެވެ.
ޑރ. މުއިއްޒު ހުވައިކުރައްވާ ރަސްމިއްޔާތު ބާއްވާ ތާރީހާ ދެމެދު ދެމެދު މިހާރު ދެހަފުތާ ވެސް ނެތެވެ. އޭގެ ކުރިން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފާސްކުރަން ޖެހެ އެވެ. އެތައް ބިލަކާއި ގާނޫނެއް އޮތީ ޕާކުގަ އެވެ. އެކަންކަން އަވަސް ސްޕީޑެއްގައި ހިނގަން ޖެހެ އެވެ. އެ މަގަށް ރައްޔިތުންގެ މަޖިލިސް ހިނގަން ޖެހެ އެވެ.
ބެލެވޭ ގޮތުން ނަޝީދަށް ސިޔާސީ ގޮތުން ކިރިޔާވެސް ހަމަނޭވާއެއް ލެވޭނީ އޭރަށެވެ. އެހެނަސް މިފަހަރު އެމްޑީޕީގެ އަމާޒަކީ ނޮވެމްބަރު 17 ގެ ކުރިން މަޖިލީހުގެ ރިޔާސަތުން ނަޝީދު ބޭލުމެވެ. ހަގީގަތުގައި ރިވެތި ޑިމޮކްރެޓިކް ސިފައަކީވެސް މެޖޯރިޓީ ނޫނެކޭ ބުނީމާ ރީތި ގޮތުގައި ފައިބައިވަޑައިގަތުމެވެ. ގަދަ ބާރުން އެ ގޮޑީގައި ލައްކަ ދުވަހު އިނދެވިއްޖެވެސްމެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment