Advertisement

ޝަކުވާތަކާ ގުޅިގެން ވިނަރެސްގެ އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި

6 ނޮވެންބަރު 2023 - 05:13 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ ޓަވަރުތައް. މި މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރޭ. -- ފޮޓޯ: އަދަދު


ޝަކުވާތަކާ ގުޅިގެން ވިނަރެސްގެ އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި

6 ނޮވެންބަރު 2023 - 05:13 0

ވިނަރެސްގެ އެޕާޓެމެންޓުތައް ވިއްކަން ހުޅުވާލުމާއެކު އާބަންކޯގެ އޮންލައިން ޕޯޓަލަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅިގެން އެ އެޕާޓްމެންޓުތައް ވިއްކުން މަޑުޖައްސާލައިފި އެވެ.

"[ވިނަރެސް ގަތުމަށް] އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް ހުޅުވާލެވުނު ވަގުތު އޮންލައިން ޕޯޓަލްއަށް މެދުވެރިވި ޓެކްނިކަލް މައްސަލަތަކާ ގުޅޭ ގޮތުން މި ކޯޕަރޭޝަނަށް ވަނީ ވަރަށް ގިނަ ޝަކުވާތަކެއް ލިބިފަ އެވެ. އެހެން ކަމުން މި ކޯޕަރޭޝަނަށް ލިބިފައިވާ ޝަކުވާތަކާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރި ކަމަށް މި ކޯޕަރޭޝަނަށް ފާހަގަ ކުރެވިފައިވާތީ އެޕާޓްމެންޓު ގަތުމަށް އޮންލައިން ޕޯޓަލް މެދުވެރުކޮށް ފޯމް ހުށަހެޅުން މަޑުޖައްސާލުމަށް ވަނީ ނިންމައިފަ އެވެ،" އާބަންކޯއިން ނެރުނު ބަޔާނުގައިވެ އެވެ.

ޓެކްނިކަލް މައްސަލަތައް ހައްލުކުރުމަށް ފަހު އެޕާޓްމެންޓު ގަތުމުގެ ފުރުސަތު ހުޅުވާލޭނެ ތާރީހެއް އިއުލާނު ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ވިނަރެސްގެ ނުވިކި ހުރި އެޕާޓްމެންޓުތައް ވިއްކަން ހުޅުވާލީ ނޮވެމްބަރު 5 ގެ ހެނދުނު 10:00 ގަ އެވެ. އެ ފުރުސަތު އޮންލައިންކޮށް ހުޅުވާލުމާއެކު ނުވިކި ހުރި 123 އެޕާޓްމެންޓު ގަޑިއެއްހައި އިރުތެރޭގައި ވިކިފައިވާ ކަމަށް އާބަންކޯއިން އިއްޔެ ބުންޏެވެ.

އެ އެޕާޓްމެންޓުތައް ވިއްކަން ހުޅުވާލީ ދިގު މުއްދަތަކަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކަށް އިންޓްރެސްޓް ރޭޓް ހަ ޕަސަންޓަށް ކުޑަ ކުރުމަށްފަހު އެވެ. ކުރިން އިންޓްރެސްޓް ރޭޓަކީ ނުވަ ޕަސަންޓެވެ. އަދި އެއްފަހަރާ ފައިސާ ދައްކާނަމަ 10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބެ އެވެ.

ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ވިނަރެސް މަޝްރޫއުގެ 10 ޓަވަރުގައި ތިން ކޮޓަރީގެ 1344 އެޕާޓްމަންޓް ހުރެ އެވެ. މިހާރު ނުވިކުރި ފްލެޓުތައް ވިއްކަނީ 2.5 މިލިއަން ރުފިޔާ އާއި 3 މިލިއަން ރުފިޔާއާ ދެމެދުގެ އަގެއްގަ އެވެ. ބޭނުންވާ ނަމަ ޑައުޕޭމެންޓު ދެއްކުމަށް ފަހު 20 އަހަރަށް ނުވަތަ 25 އަހަރުން ފައިސާ ދައްކައި ހަލާސްކުރެވެ އެވެ. ފަންސަވީސް އަހަރުން ފައިސާ ދައްކާނަމަ މަހަކު ދައްކަން ޖެހެނީ 16،000ރ އާއި 20،000ރ. ދެމެދުގެ އަދަދެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މަޝްރޫއުގެ މަސައްކަތް ފެށި ނަމަވެސް، އެ ވެރިކަން ބަދަލުވިއިރު، ގިނަ ޓަވަރުތަކުގެ ފައުންޑޭޝަން ވެސް ނާޅަ އެވެ. މަޝްރޫއުގެ ބޮޑުބައި ފަށައި، ނިންމާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.