4 ނޮވެންބަރު 2023 - 10:32 0
ރައްޔާން މުހައްމަދު
މަސްކް ވަނީ މިވަގުތު މާކެޓްގައި ހުރި އޭއައި މޮޑެލްތަކާ މެދު ހިތްހަމަ ނުޖެހުން މީގެ ކުރިން ފާޅުކޮށްފަ
4 ނޮވެންބަރު 2023 - 10:32 0
މަޝްހޫރު ވިޔަފާރިވެރިޔާ އެލޮން މަސްކްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މޮޑެލް، އެކްސް އޭއައިގެ ފުރަތަމަ އުފެއްދުން ނެރުމަށް ތައްޔާރުވެފައިވާ ކަން އޭނާ ބުނެފި އެވެ.
އެކްސް ސޯޝަލް މީޑިއާގައި މަސްކް އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ "އެކްސް އޭއައި" އަކީ މިވަގުތު އެންމެ ވަރުގަދަ އޭއައި ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ފުރަތަމަ މޮޑެލް ނެރޭނެ ކަމަށް ބުނެފައިވެ އެވެ.
"ގްރޮކް" ގެ ނަން ދީފައިވާ މި އޭއައި އަކީ ވެސް ޗެޓްޖީޕީޓީ އާއި ބާޑް ފަދަ ޓެކްސް-ބޭސްޑް އޭއައި މޮޑެލް އެކެވެ. އަދި އިންޓަނެޓް އެކްސެސް ލިބިފައިވާ މޮޑެލްއެއް ކަމަށް ވުމުން އަދާހަމަވެފައިވާ މައުލޫމާތު ހޯދުމުގެ ގާބިލްކަންވާނެ އެވެ.
އެކްސްގައި ކުރި އިތުރު ޕޯސްޓްތަކެއްގައި މަސްކްވަނީ ގްރޮކްގެ ސްކްރީންޝޮޓްތަކެއް ހިއްސާކޮށްފަ އެވެ.
މަސްކް ވަނީ މިވަގުތު މާކެޓްގައި ހުރި އޭއައި މޮޑެލްތަކާ މެދު ހިތްހަމަ ނުޖެހުން މީގެ ކުރިން ފާޅުކޮށްފަ އެވެ. އަދި އިންސާނުންގެ ގަބޫލުކުރުންތަކާ އަމާޒުތަކާ އެ އުފެއްދުންތައް ތަބާނުވާކަމަށް މަސްކް ބުނެފައިވެ އެވެ. އެ ޕޯސްޓްތަކުގައި މަސްކް ބުނެފައިވަނީ ގްރޮކް ގައި ސަމާސާ ރާގަކަށް ޖަވާބުދިނުމުގެ ގާބިލްކަން ވެސް ވާ ކަމަށެވެ.
މަސްކްގެ ޕޯސްޓެއް
ގްރޮކް ފުރަތަަމަ ބޭނުންކުރަން ލިބޭ ފަރާތްތަކުގެ ތެރޭގައި މިވަގުތު އެކްސްގެ ޕްރިމިއަމް އަށް ސަބްސްކްރައިބް ކޮށްފައިވާ ފަރާތްތައް ވެސް ހިމެނޭ ކަމަށް މަސްކް ބުނެ އެވެ.
އޭއައި އުފެއްދުންތަކެއް ތައްޔާރުކުރުމަށް މަސްކް ވަނީ ޑީޕްމައިންޑް، އޯޕެން އޭއައި، ގޫގުލް ރިސާޗް، މައިކްރޯސޮފްޓް ރިސާޗް، އެކްސްގެ އަދި ޓެސްލާގައި މީގެ ކުރިން މަސައްކަތްކުރި ދިރާސާވެރިންނާއި އިންޖިނިއަރުން ހޯދައިފަ އެވެ. އަދި އޭއައި އެޕްލިކޭޝަންތަކަށް ޗިޕްސް އުފެއްދުމުގައި އެންމެ ކުރީގައި އުޅޭ އެންވިޑިއާ އިން ވަނީ ގިނަ އަދަދެއްގެ ޖީޕީޔޫ ޕްރޮސެސާތަކެއް ވެސް ގަނެފަ އެވެ.
އެކްސް އޭއައި އުފައްދާފައިވަނީ މިއަހަރުގެ މާޗް މަހު އެވެ. އަދި ފެންނަ ގޮތުގައި މިވަގުތު އޭއައިގެ އެންމެ ކުރީގައި އުޅޭ އޯޕެންއޭއައި އަދި ގޫގުލްއާ އެއްހަމައެއްގައި ވާދަކުރާނެ އެވެ.
Comment