Advertisement

ދުނިޔެއާމެދު ޖަމީލްދީދީ ދެއްވި 'ދަރްސު'

3 ނޮވެންބަރު 2023 - 11:17 1

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ދުނިޔެއާމެދު ޖަމީލްދީދީ ދެއްވި 'ދަރްސު'

3 ނޮވެންބަރު 2023 - 11:17 1

އުރުދޫ އަދަބިއްޔާތުގެ މަޝްހޫރު ޝާޢިރު ޑރ ސަރ ޢައްލާމާ މުޙައްމަދު އިޤުބާލު ވިދާޅުވެފައިވެއެވެ. "ދަހިވެތިކަމުގެ ސިފައިން އިންސާނިއްޔަތު ފުނޑުފުނޑުކޮށްފިއެވެ. އުޚުވަތްތެރިކަމުގެ ބަޔާނަކީ، އިޝްޤުގެ ބަހަކީ ދަހިވެތިކަންކަމުގައި ވެހިނގައްޖެއެވެ." މިއީ އެކެއް ދެމީހެއްގެ ޚިޔާލެއް ނޫނެވެ. އިންސާނާގެ ވިސްނުމާއި އުޅުންގުޅުމާއި މުޢާމަލާތްތައް ދިރާސާކުރާ އެންމެން މިކަމަށް އިއްތިފާޤުވެއެވެ. ހަކުރު ދެންޏާ ބޮޑުބޭބެއެވެ. ރުހުމުގެ ލޮލަކަށް އައިބެއްނުފެނެއެވެ. ހެޔޮކަންތައްތަކަށް ލިބެނީ ތެޔޮހަމެވެ. މިފަދަ މުޙާވަރާތައްވެސް ގޮސް ގުޅިފައި މިވަނީ އިންސާނިއްޔަތުގެ އެއް ބަލިފައިކަމުގައިވާ ދުނިޔަވީ ދަހިވެތިކަމާއެވެ.

ހިތާމައަކީ، ފައިސާ އާއި މަޤާމާއި، ޖާހާއި ނުފޫޒުގެ ދަހިވެތިކަމުގައި މީހާ ހަނާވަމުންދާ ދަނޑިވަޅުގައި އެ ދަހިވެތިކަމުން ނިކުންނަ ނަތީޖާގެ ވަގުތީ ޒާތް ހަނދާން ނުހުންނަކަމެވެ. ދިވެހި އަދަބުގެ "އުޖާލާވި ރަންތަރި" އަލްމަރްޙޫމް މުޙައްމަދު ޖަމީލް ދީދީގެ މަޝްހޫރު ޅެން "ދަރްސު" ހަނދާންކޮށްދެނީ، އިންސާނާ އެއަކަށްޓަކައި އޭނާގެ ހެޔޮ ޢަމަލުތައް ޤުބުރާންކުރި ދުނިޔަވީ އުފާތަކުގެ ވަގުތީ ޒާތެވެ. ޖާހާއި މަޤާމަކީ ސުންގަޑި ކަނޑައެޅިފައިވާ ކަންތައްތަކެއް ކަމެވެ. އަދި ބާރުގެ ތަރަހައިގެ މައްޗަށް ބިނާކޮށް ލިބޭ ލޯތްބާއި އިޙުތިރާމާއި ޤަދަރަކީވެސް، ފެށުނީއްސުރެ ނިމުމުގެ ސިއްކަ ޖެހިފައިވާ ކަންތައްތަކެއްކަމެވެ. މީހަކު ކުރި ހެޔޮކަމެއް އިސާހިތަކު ހަނދާނުން ފުހެވިގެންދާ ނަމަވެސް، އެމީހަކަށް ހެދުނު ގޯހެއްވިއްޔޭ، ދިރެމުން އާލާވަމުން ދާކަމެވެ. ނަސީބުގެ ޅޮސް އުނދޯލި ހެއްލާލުމުން، އެއްފަހަރު ފަޒާގެ ތެރެއަށް، ދެން ފަހަރު ހަމަބިމަށް، ހެއްލެމުން ހެއްލެމުން ދާކަމެވެ.

ކުރު ޅެމެއް ކަމުން މިތާ ލިޔެލާނަމެވެ. ވިދާޅުވެފައިވެއެވެ.

"ދަރްސުތައް ގިނަ ގުނަ މިސާލުން ދައްކަމުންދާ ޢާލަމުން

ދަރްސަކަށް ފަހު ދަރްސެކޭ އެގެމުން އޮޅުންފިލަމުންދަނީ

ދުނިޔައިން މީހާ ނުކުންނާނޭވަގުތު އައުމުން ތެދޭ

އުނިއިތުރުނުވެވޭގޮތުން ފަހު ސިއްކަ ޖެހިގެންނޭދަނީ

ކުރެވިފައިވާހާކަމެއް ނުރަގަޅު އެކަންތައްތަކުތެރޭ

ހުރެވިދާނޭހީނުވާ ގޮތުގައި ފަހުން ދެމިހުންނަނީ

ހެޔޮގޮތެއްގައި ކުރި ރަގަޅު ކަންތައްއެކީ ވެއްޔަށްވެގެން

ހެޔޮނަމާއެކު ޤަބްރުވެވި ކައްޓާއިވަކިވެވިގެންދަނީ

ހުންނަ ފުރިހަމަ ބަސްތަކުން އަމުނައިލެވޭ މާފަތިތަކޭ

ހުންނައިރު މަތިވެރި މަޤާމެއްގައި ކަރަށް އުކަމުންދަނީ

އޮއްސެމުންދާއިރު ނަސީބުގެ ވިދަވިދާހުރި ތަރިތަކެއް

އޮއްސެމުން ނެތެމުން، ހަދާނުން ކުރި ރަގަޅުކަންތައް ދަނީ"

އަހަރެމެން ކޮންމެ މީހެއްގެ ޙަޔާތުގައިވެސް ކޮންމެވެސް ސިފައެއްގައި މިތަޖުރިބާތައް ކުރެވި، މި ފިލާވަޅުތައް ލިބިފައިނުވުމަށްވުރެ ވުން ގާތެވެ. ޤައުމެއްގެ ވެރިއަކުން މިސާލު ނަގަމާ ހިނގާށެވެ. އެއީ އޭނާގެ ދައުރުގައި ނިސްބަތުން ޢަދުލުވެރި ވެރިއެއްކަމުގައިވެދާނެއެވެ. އޭނާގެ ޤައުމުގެ މީހުންނަށް އިންޤިލާބީ ހެޔޮ ބަދަލުތަކަކާއި ތަރައްޤީގެ މަގު ކޮށައިދިން މީހާ ކަމުގައިވެދާނެއެވެ. އެހެން ނަމަވެސް މުސްކުޅިވެ، ގައިބާރު ދެރަވެ، އިހުގެ ވާގިވެރިންގެ ތާއީދު ގެއްލި އާ ޒުވާން ލެޔަށް އޭނާގެ ޤައުމު އެދޭ ހިނދު، ނުވަތަ އޭނަގެ "ނަސީބުގެ ތަރިތައް އޮއްސޭހިނދު"، އޭނާ ކުރި ރަނގަޅުކަންތައްތައް އޭނާގެ ދައުރާއެކު ވަޅުޖެހިގެންދެއެވެ. ހަނދާން ހުންނަނީ އޭނާއަށް ހެދިފައި އޮތް ނަމަ ހެދިފައި އޮތް ގޯހެކެވެ. އިހުގައި ޘަނާ ކިޔަމުންދިޔަހާ މީހުން އޭނާ ދޫކޮށް ދަނީ، ތަށަށް ކިޔަނީ މަރިޔަނބުތޯވެސް އަހާނުލައެވެ.

ދުނިޔަވީ ޙަޔާތުން މިސާލު ނަގަން ހިނގާށެވެ. އޭނާއަކީ ދިރި ދުނިޔޭގައި ހުރިއިރު، ނަސީބުގެ އިޔާރެއްކަމުގައިވިއެވެ. މީހުންގެ ލޯތްބާއި ޤަދަރާއި ތާއީދު ލިބިހުރި މީހެއްކަމުގައިވިއެވެ. ދުނިޔަވީ ޤާނޫނު އިމުލާކުރާ ފަދައިން އޭނާއަކަށްވެސް މަރު އައުމުން، އެއާ ދެކޮޅެއް ނުހެދުނެވެ. މަރުވުމުން އެއްބަޔަކު ހިތާމަ ކުރިއެވެ. ހަނދާން އާ ކުރިއެވެ. އެހެން ނަމަވެސް، ވަގުތުގެ ބާނިކަތާއެކު އެންމެ ފުރަތަމަ ދޮވެލަނީ އޭނާގެ ޙަޔާތުގައި ކޮށްފައިވާ ހެޔޮ ކަންކަމުގެ ހަނދާނެވެ. ދިރިތިބީންގެ މެދުގައި ގިނަދުވަހަށް ދެމިހުންނަނީ އޭނާ ކުރި ނުބައި ކަންތައްތަކުގެ ހަނދާންތަކެވެ.

ޖަމީލް ދީދީ މި ވާހަކަތައް ކިޔުއްވައިދެއްވަނީ ހާދަހާ ރީތި މިސާލުތަކަކުންނެވެ. މީހަކު ކުރި ހެޔޮ އަމަލުތަކަކީ މި ދުނިޔަވީ އާލަމުގައި ކުރު ޢުމުރެއް ދެވިފައިވާ ކަންތައްތަކެއްކަން ސިފަކުރައްވަނީ މަރުން މިސާލު ނަންގަވައިގެންނެވެ.

"ހެޔޮ ގޮތެއްގައި ކުރި ރަގަޅު ކަންތައް އެކީ ވެއްޔަށް ވެގެން

ހެޔޮނަމާއެކު ޤަބްރުވެވި ކައްޓާއި ވަކިވެވިގެން ދަނީ"

ހެޔޮ ކަންތައްތައް "ވެއްޔަންވެގެން" ދާކަމަށް ސިފަކުރައްވާފައި އޮތުމުން، ތިމާގެ ގަބުރުވެސް ކުނިވެ، ހަލާކުވެ، ވެއްޔަށް ވެގެންދާކަން ހަނދާނަށް ގެނުވައެވެ. ދެވަނަ ކަމަކަށް، ވެއްޔަކީ ނިކަމެތިކަން ނުވަތަ ދެރަވަރުކަން ދައްކުވައިދޭ މިސާލެއް ކަމުން، ހެޔޮކަންކަން ވެއްޔަށްވުމުންނޭ ވިދާޅުވަމުން، މި ދުނިޔޭގައި އެފަދަ ކަންކަމުގެ އަގެއް ނުހުންނަކަން ހިތަށް ސިފަވެގެންދެއެވެ. އަދި ހެޔޮކަންތައްތަކާއި ހެޔޮ ނަން، "ޤަބްރުވެވި ކައްޓާވަކިވެދަނީ" އޭ ވިދާޅުވުމުން، މީހާގެ މަރާއެކު އޭނާގެ ހެޔޮ ޢަމަލުތައްވެސް ވަޅުލެވިގެންދާ ކަމަށް ސިފަވެއެވެ. އަދި އޭނާގެ މަރުވެފައިވާ ގަބުރު ފަދައިން އެ ކަންކަމާއި އޭނާއަށް ދުނިޔޭގައި ލިބުނު ހެޔޮނަންތައް ވެސް ވުޖޫދުން ގެއްލިގެންދާކަން ސާފުވެއެވެ.

މުޅި ޅެމުގައި ވަގުތުގެ ނާޒުކު ކަމާއި، ބާރުގެ ލާނެއް ކަމާއި، ދުނިޔޭގެ ވަގުތީ ޒާތް ބަޔާންކުރެއްވުމަށް މަރުގެ މިސާލު ގެންގުޅުއްވުމުން، ޅެން އެއްކޮށް ކިޔާލާހިނދު، އަމިއްލަ އިޚުތިޔާރަކާ ނުލައި، މަރު ހަނދާންކުރަން މަޖުބޫރުކުރުވައެވެ. ތިމާގެ ޙަޔާތާމެދު ފިކުރު ހިންގައި މިހާތަނަށް ނިންމި ނިންމުންތަކާމެދު ޚިޔާލުކުރަން ލާޒިމުކުރުވައެވެ. މިއީ ޅެމުގެ މޮޅުކަމަށް ހެކި ދޭ ސިފައެކެވެ.

ދެބަސްވުމެއް ނެތެވެ. ޖަމީލްދީދީއަކީ ދިވެހި އަދަބުގައި ވަސްފު ނުވަތަ ސިފަކުރުމުގެ ޅެންވެރިކަމުގެ މާހިރުންގެ ތެރޭގައި ގުނާލެވޭ ޅެންވެރިއެކެވެ. ހަމައެކަނި ޤުދުރަތީ މަންޒަރުތަކާއި ނިޒާމުތައް ސިފަކުރެއްވުމުގެ ތެރެއަކުން ނޫނެވެ. އިންސާނީ ޙާލަތާއި، އިންސާނާގެ ހިތާއި ޟަމީރުގެ ބަޙުޘްތަކާއި ޤުދުރަތުގެ މަންޒަރާއި ނިޒާމުތަކުގެ އެހީގައި އެ އިހުސާސްތައް ސިފަކޮށްދެއްވުމުގައިވެސްމެއެވެ. "ދަރްސު" އަދި "ދުނިޔެ" ފަދަ ޅެންތަކަކީ، ޤުދުރަތީ ނިޒާމުތަކާއި މަންޒަރުތަކުގެ ތެރެއިން އިންސާނީ ޙާލަތު ސިފަކުރައްވައި ބަޔާންކޮށްދެއްވުމުގެ ނަމޫނާ މަސައްކަތްތަކެވެ.