3 ނޮވެންބަރު 2023 - 07:16 0
3 ނޮވެންބަރު 2023 - 07:16 0
ޑޯޓްމަންޑް (2 ނޮވެމްބަރު) - ޖަރުމަން ކަޕްގެ ދެވަނަ ބުރުގައި ތިން ވަނަ ޑިވިޝަންގެ ސާބްރުއެކެން އަތުން 2-1 އިން ބަލިވެ، ބަޔާން މިއުނިކް މުބާރާތުން ކަޓައިފިއެވެ.
ބަޔާންގެ ފޯވަޑް ހެރީ ކޭން މި މެޗުގައި ނުކުޅުނު ނަމަވެސް، ތޯމަސް މުލާ އާއި ލީރޯއީ ސާނޭ އާއި މެނުއަލް ނޯޔާ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއެކު، ބަޔާން އިން މި މެޗަށް ނެރުނީ ވަރުގަދަ ޓީމެކެވެ.
މިއީ ހަތަރު އަހަރުގެ ތެރޭގައި ޖަރުމަން ކަޕްގެ ދެވަނަ ބުރުން ބަޔާން ކެޓި ހަތަރު ވަނަ ފަހަރެވެ.
ސާބްރުއެކެންގެ ދަނޑުގައި ކުޅުނު މެޗުގެ 16 ވަނަ މިނިޓުގައި ބަޔާން އިން ލީޑު ނެގީ މުލާ ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ބޭރުން ބޯޅަ ކޮންޓުރޯލްކުރުމަށްފަހު، މުލާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިފައެވެ.
އެކަމަކު މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާބްރުއެކެންގެ ޕެޓްރިކް ސޮންތެމިއޭ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި ބަޔާނަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނެވެ. އެކަމަކު ބަޔާންގެ ހަމާލަތައް ހުއްޓުވުމަށް ސާބްރުއެކެންގެ ގޯލްކީޕަރު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.
ބަޔާން ސިއްސުވާލުމަށް ފަހު ސާބްރުއެކެން އިން ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގައެވެ. ސާބްރުއެކެން މެޗުން މޮޅުވި ލަނޑު ޖެހީ މާސެލް ގައުސް އެވެ.
"ސާބުކެންއާ ކުޅެން ބަޔާން މިއުނިކް ކަހަލަ ޓީމެއް އައިސް، ބަލިވެގެން އެނބުރި ދާންޖެހުމުން އެނގެނީ އަހަރަމެންނަށް ކޮންމެވެސް ގޯސްތަކެއް ހެދުނުކަން،" މެޗަށް ފަހު މުލާ ބުންޏެވެ.
މެޗަށް ފަހު ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ މި މެޗުން މޮޅުނުވެވުނު "100 ސަބަބު" ދެއްކެން އޮތަސް، މިއީ ބަޔާން މޮޅުވާންޖެހޭ މެޗެއް ކަމަށެވެ. -- އޭއެފްޕީ
Comment