Advertisement

އިއާދަކުރަނިވި ހަކަތައަށް ބަދަލުވާން ޖެހިފައި، އަހަރަކު 738 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ!

2 ނޮވެންބަރު 2023 - 08:11 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މާލެ ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކެއް. މި ޕެނަލްތައް އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް އިންތިހާބީ ރައީސް ވަނީ ނިންމަވާފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


އިއާދަކުރަނިވި ހަކަތައަށް ބަދަލުވާން ޖެހިފައި، އަހަރަކު 738 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ!

2 ނޮވެންބަރު 2023 - 08:11 0

ރާއްޖޭގައި ކަރަންޓު އުފައްދާ ޖުމުލަ އަދަދުގެ 15 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމުން ދައުލަތަށް އަހަރެއްގެ މައްޗަށް 738 މިލިއަނަށް ވުރެ ގިނަ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ބުނެފި އެވެ.

ރާއްޖޭން 2030 ގެ ނިޔަލަށް ނެޓްޒީރޯއަށް ވާސިލުވާން އަމާޒު ހިފާފައިވާއިރު ހުށަހަޅާފައި ވަނީ ރާއްޖޭގައި އުފައްދާ ކަރަންޓުގެ 15 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށެވެ. މިިދޔަ 2022 ގައި މާލެ ސަރަހައްދުގައި 590,016 މެގަވޮޓުގެ ކަރަންޓު އުފެއްދި އިރު އަތޮޅުތަކުގައި އެ އަދަދު ހުރީ 468,542.9 މެގަވޮޓުގަ އެވެ.

ތެލުގެ ސަބްސިޑީއަށް މެގަވޮޓް އަވާ އަކަށް 1,485ރ. ހޭދަކުރެ އެވެ. އަދި, ކަރަންޓު އުފައްދާ ޔޫޓިލިޓީ ކުންފުނިތަކުން ކޮންމެ މެގަވޮޓް އަވާ އަކަށް 2,950ރ. ޑައިރެކްޓް ހަރަދުގެ ގޮތުގައި ހޭދަކުރެ އެވެ.

މެގަވޮޓް އަވާއަކީ ކޮބާ؟


އެއް މެގަވޮޓް އަވާއަކީ 1,000 ކިލޯވޮޓް އަވާއާ އެއްވަރުގެ އަދަދެކެވެ. އެއީ, އެއް ގަޑިއިރު ވަންދެން މެދުކެނޑުމެއް ނެތި 1,000 ކިލޯވޮޓްގެ ކަރަންޓު ބޭނުންކުރުމެވެ. އެއީ އެއް ގަޑިއިރުގެ ތެރޭގައި 330 ގޭބިސީއިން ބޭނުންކުރާ ކަރަންޓާ އެއްވަރުގެ އަދަދެކެވެ.

ރާއްޖޭގައި މިހާރު ހިންގާ ސޯލާ މަޝްރޫއުތަކުން މެގަވޮޓް އަވާއެއް ޔުޓިލިޓީ ކުންފުނިތަކަށް ވިއްކާ އެވަރެޖު ރޭޓަކީ 1,700ރ. އެވެ. އެހެން ކަމުން, ސޯލާ ހަކަތަ ގަނެގެން ޔޫޓިލިޓީ ކުންފުނިތަކަށް ކޮންމެ މެގަވޮޓް އަވާއަކަށް 1,250ރ. ސަލާމަތް ކުރެވޭނެ އެވެ.

ސަރުކާރުން ކަނޑައަޅާފައިވާ 15 ޕަސެންޓު އަމާޒަށް ވާސިލުވެވިއްޖެނަމަ ތެލުގެ ސަބްސިޑީން އަހަރެއްގެ މައްޗަށް 234.1 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. އަދި, ކަރަންޓު އުފެއްދުމަށް ކުންފުނިތަކުން ކުރާ ހަރަދުތަކުން 197.1 މިލިއަން ސަލާމަތް ކުރެވޭނެ އެވެ. އޭގެ އިތުރުން, ތެޔޮ އިމްޕޯޓުކުރަން އަހަރެއްގެ މައްޗަށް ހޭދަކުރާ ޑޮލަރުގެ ތެރެއިން 20.9 މިލިއަން ޑޮލަރު (307.6 މިލިއަން ރުފިޔާ) ރާއްޖޭގެ އިގުތިސާދުން ބޭރު ނުވެ ހިފެހެއްޓޭނެ އެވެ.

މި އަދަދުތަކަށް ބަލާއިރު އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ އިތުރުކޮށްގެން އަހަރެއްގެ މައްޗަށް 738.8 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ސަލާމަތް ކުރެވޭނެ އެވެ.

ރާއްޖޭގައި އުފައްދާ ކަރަންޓުގެ 99 ޕަސެންޓު އުފައްދަނީ ޑީސެލުންނެވެ. ރާއްޖޭގެ މުޅި ހަކަތަ ނިޒާމު ތެލަށް ބަރޯސާވެފައި ވާއިރު ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާ އެކު ތެޔޮ އިމްޕޯޓު ކުރަން ދާ ހަރަދު ކޮންމެ އަހަރަކު ވެސް ބޮޑުތަނުން އިތުރުވެ އެވެ.

އެގޮތުން, ޔޫކްރެއިން-ރަޝިއާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމުން 2022 ގައި އެކަނި ތެލުގެ ސަބްސިޑީއަށް ސަރުކާރުން 2.3 ބިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހުނެވެ. 2017 އިން ފެށިގެން ޖުލައި 2023 ގެ ނިޔަލަށް ތެލުގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން 5.1 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.