Advertisement

އީވާ ސަލާމް ފޮނުއްވުމުން މާދަމާގެ ޖަލްސާ ވެސް ކެންސަލް!

31 އޮކްޓޯބަރު 2023 - 23:48 2


އީވާ ސަލާމް ފޮނުއްވުމުން މާދަމާގެ ޖަލްސާ ވެސް ކެންސަލް!

31 އޮކްޓޯބަރު 2023 - 23:48 2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާ އަށް އެޖެންޑާކުރަން ނިންމި ނަމަވެސް، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅު ރަނގަޅު ނުވާކަމަށް ބުނެ ސަލާމް ފޮނުއްވުމުން މާދަމާގެ ޖަލްސާ ކެންސަލްކޮށްފި އެވެ.

މާދަމާގެ ޖަލްސާ ކެންސަލްކުރިކަން މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.

މަޖިލީހުގެ އަމީންއާންމު ފާތުމަތު ނިއުޝާ ވަނީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމްއަށް ސިޓީއެއް ފޮނުއްވައިފައިވެ އެެވެ. އެ ސިޓީ އެމްޑީޕީން ވަނީ މީޑިއާތަކަށް ފޮނުވައިފަ އެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ ފުރަތަމަ އެޖެންޑާކުރީ މިދިޔަ އާދީއްތަ ދުވަހަށެވެ. އެ ދުވަހު ވެސް އަދި އިއްޔެގެ ޖަލްސާއަށް އެ މައްސަލަ އެޖެންޑާ ކުރި ނަމަވެސް އީވާ ފޮނުއްވީ ސަލާމެވެ.

އާދީއްތަ ދުވަހުގެ ޖަލްސާ ކެންސަލް ކުރެއްވިއިރު މަޖިލީހުގެ އަމީންއާންމު ފާތިމަތުނިއުޝާ ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވާކަން މަޖިލީހުގެ އިދާރާއަށް އީވާ ލިއުމުން އަންގަވާފައިވާ ކަަމަށެވެ.

އެ ސިޓީގައި އީވާ ވިދާޅުވެފައި އޮތީ ޑެންގޫ ހުމަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި މެޑިކަލް ސެޓްފިކެޓާއި ލޭގެ ޓެސްޓްގެ ރިޕޯޓްތައް މަޖިލީހުގެ މެޖޯރިޓީ ލީޑަރަށާއި މައިނޯރިޓީ ލީޑަރަށް ހިއްސާކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު އަސްލަމް "އަދަދު" އަށް މިއަދު ވިދާޅުވި ގޮތުގައި އީވާ ޑެންގޫއަށް ޕޮޒިޓިވްވީ މިމަހުގެ 23 ވަނަ ދުވަހު ކަން އެ ރިޕޯޓްތަކުން އެނގޭ ކަމަށެވެ.

އެހެން ނަމަވެސް ޖެހިގެން އައި އަންގާރަ ދުވަހު އީވާ މަޖިލީހަށް ވަޑައިގެން ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި އެވެ. އަސްލަމް ވިދާޅުވީ އާލާސްކަންފުޅާ އުޅުއްވަމުން އެ ޖަލްސާއަށް ވަޑައިގެންނެވި ކަމީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށެވެ.

މަޖިލީހުގެ އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރައްވާ ގޮތުގައި ސަބަބެއް ދައްކަވައިގެން އީވާ ޖަލްސާތަކުގައި ބައިވެރިވެވަޑައިނުގަންނަވަނީ ނަޝީދު ވަކިކުރުން ދިގު ދެންމުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން އެމްޑީޕީން ހުށަަހަޅާފައިވާ މައްސަލަ، އީވާއަށް ވަޑައިނުގެންނެވޭތީ ކުރިއަށް ނުގެންދެވޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނާތީ، އެ މައްސަލަ ކުރިއަށް ގެންދެވޭނެ މަގެއް ހޯދަން އެމްޑީޕީން މިހާރު ވަނީ އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހަޅައިފަ އެވެ.