Advertisement

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހުކުރު މިސްކިތް ހިމަނަން، ރައީސްގެ މުހިންމު ނިންމެވުންތަކެއް

31 އޮކްޓޯބަރު 2023 - 16:28 0

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލޭ ހުކުރު މިސްކިތާއި މުންނާރު : އެ ސަރަހައްދުގައި ކަލްޗަރަލް ޒޯނެއް ގާއިމުކުރުމަށް ރައީސް މިއަދު ނިންމަވައިފި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހުކުރު މިސްކިތް ހިމަނަން، ރައީސްގެ މުހިންމު ނިންމެވުންތަކެއް

31 އޮކްޓޯބަރު 2023 - 16:28 0

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި މާލޭ ހުކުރު މިސްކިތް ހިމެނުމަށް ކުރަންޖެހޭ މުހިންމު ކަމެއްގެ ގޮތުން އެ މިސްކިތް ވަށައިގެންވާ ބޮޑު ސަރަހައްދެއް "ބަފަ ޒޯން އެއް" ( މިސްކިތާ އެހެން ތަންތަނާ ދެމެދު ހުސްކޮށް ބާއްވާ) ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި އެ ސަރަހައްދު ތަރިކައަށް ހާއްސަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މި ނިންމެވުން ރައީސް ނިންމެވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހުށަހެޅި ކަރުދާހަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ކަމަށެވެ.

އެ ކަރުދާހުގައި މި ކަލްޗާ ޒޯނަކީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހުކުރު މިސްކިތް ހިމެނުމަށް ވަރަށް މުހިންމު ކަމެއްކަން ފާހަގަކޮށްފައިވާ ކަމަށާއި މި ޒޯނުގެ ސަބަބުން މިސްކިތައް ރައްކާތެރިކަން ހޯދައިދީ، އެ ސަރަހައްދަށް ޒިޔާރާތް ކުރާ ފަރާތްތަކަށް ފަސޭހައިން މައުލޫމާތު ލިބޭނެ ކަމަށް ބުނެފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

އަދި މި ޒޯނުގެ ސަބަބުން ފަތުރުވެރިކަމުގެ އާ ދޮރެއް ހުޅުވި އިގުތިސާދަށް ހެޔޮ ބަދަލުތަކެއް ލިބުމަށް މަގުފަހިވާނެ ކަމަށްވެސް އެ ކަރުދާހުގައި ބުނެފައިވެ އެވެ.

ރައީސްގެ ނިންމުމާއެކު ގާއިމުކުރާ ކަލްޗަރަލް ޒޯނުގެ ތެރޭގައި މާލޭ ހުކުރު މިސްކިތް، މެދުޒިޔާރަތް މުލީއާގެ، ދަރުމަވަންތަ ރަސްގެފާނު މިސްކިތް، އުސްގެކޮޅު، ކަޅުވަކަރު މިސްކިތް، ބަންޑާރަ ކޮށި، އިހުގެ ނާދީ އިމާރާތް އަދި ދާރުލް އުލޫމްގެ އިތުރުން ޖުމްހޫރީ މައިދާންވެސް ހިމެނެ އެވެ.

ކަލްޗާ މިނިސްޓްރީން ހުށަހެޅި ކަރުދާހުގައި އިތުރަށް ބުނެފައިވަނީ މާލޭގެ ދުވަސްވީ ތަރީހާއި އާސާރީ ބިނާތަކަށް ހިމާޔަތް ލިބޭގޮތަށް މިފަދަ ކަލްޗަރަލް ޒޯނެއް ތައާރަފްކުރާއިރު މި ޒޯނުގެ ކަންކަން ހިނގާނެ ގަވާއިދާއި އުސޫލެއް އޮންނަންވާނެ ކަމަށެވެ.