Advertisement

ޔާމީނު ވިދާޅުވެދެއްވީ މުއިއްޒުގެ ވެރިކަން "ފާސްވާނެ" ގޮތްތައް

31 އޮކްޓޯބަރު 2023 - 09:21 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކުރި ދުވަހު އިންތިހާބީ ރައީސް ޑރ.،މުހައްމަދު މުއިއްޒު އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޔާމީނު ވިދާޅުވެދެއްވީ މުއިއްޒުގެ ވެރިކަން "ފާސްވާނެ" ގޮތްތައް

31 އޮކްޓޯބަރު 2023 - 09:21 0

ކުރީގެ ރައީސް އަބްދުﷲ ޔާމީން ލީޑުކުރައްވާ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ސަރުކާރެއް އުފެދިގެންދާއިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ފާސްވާން އޮތީ ރާއްޖޭގެ ސިޔާދަތީ ބާރު ދެމެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމުން ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.

އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން ރޭ ޕީޕީއެމްގެ މައި އޮފީހުގައި ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ކަރެކްޝަންސްއިން އެމަނިކުފާނަށް ގެއިން ބޭރަށް ވަޑައިގެން އުޅުއްވޭ ގޮތަކަށް ލުއިތަކެއް ދިނުމުންނެވެ.

ޖަލު ހުކުމަށް ފަހު ފުރަތަމަ ފަހަރަށް ސިޔާސީ ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން ޔާމީން ވިދާޅުވީ މުއިއްޒުގެ ވެރިކަމުގައި ފުރަތަމަ ވެސް ކުރަން ޖެހިފައިވާ މަސައްކަތަކީ ރާއްޖޭގެ ސިޔާދަތީ ސަރަހައްދު ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވީ އިޓްލޮސްގެ ނިންމުމަށެވެ. އިޓްލޮސްގެ ނިންމުމާ ދެކޮޅަށް ރާއްޖޭގެ ސިޔާސީ ޕާޓީތައް ގުޅިގެން ފެށި އިހުތިޖާޖަށެވެ. އެމަނިކުފާނު ވިދާޅުވީ އެ އިހުތިޖާޖު ހުއްޓާލައިގެން ނުވާނެ ކަމަށާއި އެއީ އާ ސަރުކާރުން ފުރަތަމަ ވެސް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ.

"ފުރަތަމަ ކުރަން ޖެހޭ ކަމަކީ ވެރިކަން ކުރާނެ ސަރަހައްދެއް ކަނޑައެޅުން، އިންތިހާބީ ރައީސް ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިޓްލޮސްގައި އަޅުގަނޑުމެންގެ އިހުތިޖާޖު ރަޖިސްޓްރީކުރަން، އިންތިހާބީ ރައީސަށް އަޅުގަނޑު މި ލަފާ އަރުވަން ވެސް އަރުވާނަން،" ޔާމީން ވިދާޅުވި އެވެ.

މޮރިޝަސްގެ އިހުތިސޯސްގައި ހިމެނޭ ކަމަށް ކަނޑައަޅާފައިވާ ޗާގޯސްގެ ޖަޒީރާ ރަށްތަކާއި ރާއްޖެއާ ދެމެދު ފުށުއަރާ 92،563 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަހައްދު ލިބިގެންވާ ކަމަށް އިޓްލޮސްއިން ނިންމާފައިވެ އެވެ.

ޕީޕީއެމް/ޕީއެންސީން ދެކޭ ގޮތުގައި މޮރިޝަސްއަށް ދިނުމަށް ކަނޑައަޅާފައިވާ 45،331 އަކަ ކިލޯމީޓަރުގެ ސަރަހައްދަކީ ރާއްޖެއަށް ގެއްލުނު ސަރަހައްދެކެވެ.

ކަނޑުގެ ސަރަހައްދު ހޯދުމުގެ މަސައްކަތުގެ އިތުރުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވައިލުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޔާމީން ވިދާޅުވި އެވެ. އެ މަސައްކަތް ހާސިލުވުމުގައި ލަސްތަކެއް އައުން ބަލައިގަނެވުނަސް މާ ބޮޑަށް ލަސް ވެގެން ނުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަސް އަހަރުގެ ބޮޑު ބައި ނުނިމެނީސް ޖެހޭނެ މި ކަން ވެސް ކުރަން [އިންޑިއާ ސިފައިން ފޮނުވާލަން]،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެމަނިކުފާނު ވެސް ބައިވެރިވާ މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދެވޭނީ އެ ދެ މަސައްކަތް ކުރެވެމުން ކަމަށެވެ. އަދި އެ ދެ މަސައްކަތުގެ ތަފުސީލުތަކާއި އަދާހަމަތައް ދޭތެރެދޭތެރެއިން އެ ސަރުކާރުގައި، ރައްޔިތނުްނާ ހިއްސާ ކުރެވެމުންދާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"އެ ދެ ކަންތަކުގައި ދޫވޭކަށް ނެތް. އެކަން ހާސިލްކޮށްފި ނަމަ އެ ވަރުން ފުދޭ. އެ ވަރުން ބުނާނަން ޑރ. މުއިއްޒުގެ ސަރުކާރަށް ފާސް މާކްސް ދޭނަން. ދެން ހުރި ކަންކަމަކީ ދުނިޔެވީ ކަންކަން. އެކަންކަމުގައި ވެސް ކުރިއަށް ގެންދެވޭނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ މުއިއްޒުގެ ސަރުކާރު އިންތިހާބުވީ އެ ވާހަކަތައް ރައްޔިތުންނަށް ވިއްކައިގެން ކަމަށެވެ. އެ ކަން ނުކުރެވި ގޮސްފިނަމަ އެ ކަން ވާނީ މަލާމާތަކަށް ކަން ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެރިކަމަށް އާދެވިފައި މި ވަނީ މި ވާހަކަތައް ވިއްކައިގެން، މި ކަން ނުކުރެވުނިއްޔާ ދެން ވާނީ ކިހިނެއްތޯ، އަނެއްކާ އަޅުގަނޑު ނުކުންނަން ޖެހޭނީ އިންޑިއާ އިން ކިޔާފައި ޓީޝާޓެއް ލައިގެން ދެެއްތޯ،" މަޖާޒީ ރާގެއްގައި އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ބައެއް މައްސަލަތަކުގެ ތަހުގީގު ހިންގަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެ ދެ ކަންތަކުގައި އިހުމާލުވި މީހުންގެ މައްސަލަތަކުގެ އިތުރަށް، 2018 ގެ ރިޔާސީ އިންތިހާބު "އޮޅުވާލި" މައްސަލަ ވެސް ބަލައި އޭގައި ޝާމިލުވާ މީހުނަށް ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޗާގޯސް މައްސަލައިގެ ފަސްފަހަތް

ޗާގޯސް އަކީ މޮރިޝަސްގެ ބައެެއްގެ ގޮތުގައި ބަލައިގެން ރާއްޖެއާ މޮރިޝަސްއާ ދެމެދު ބޯޑަރު ކަނޑައަޅަން އިޓްލޮސް އިން ނިންމުމަކީ ޗާގޯސްއަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އިޓްލޮސް އިން އެއްބަސްވުމެވެ. މި މައްސަލައިގެ ފުރަތަމަ މަރުހަލާގައި ރާއްޖޭން ދެކޮޅު ހެދީ ވެސް ހަގީގަތުގައި އެކަމާ އެވެ.

ރާއްޖޭގެ އޭރުގެ ސްޓޭންޑަކީ އިޓްލޮސް އަށް އެ މައްސަލަ ނުބެލޭނެކަމަށް ބުނުމެވެ. އެއީ ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އަރައިރުމެއް އޮތީމަ އެވެ. އެހެން ނަމަވެސް އިޓްލޮސް އިން ރާއްޖޭގެ އެ ނުކުތާ ބަލައި ނުގަނެ މައްސަލަ ކުރިއަށް ގެންދިޔައީ އެވެ. އެ ފަހުން ރާއްޖޭގެ އެ ސްޓޭންޑް ބަދަލުކުރި އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބެން ޖެހޭ ކަމަށް އައިސީޖޭއިން ނެރުނު އެޑްވައިޒަރީ އޮޕީނިއަން އަށް އަމަލުކުރަން ގޮވާލައި އދ.ގެ އާއްމު މަޖިލީހުން 2019 ވަނަ އަހަރު ގަރާރެއް ފާސްކުރި އެވެ. އެގަރާރާ ދެކޮޅަށް އިނގިރޭސީންނާ އެކު ވޯޓު ދިނީ ރާއްޖެއާއި އެމެރިކާ، އޮސްޓްރޭލިއާ ހަންގޭރީ އަދި އިޒްރޭލުންނެވެ.

އިނގިރޭސީންގެ ދަށުން މިނިވަންވެ، މޮރިޝަސްގެ ދައުލަތް އުފެއްދި އިރު ވެސް އެގައުމުގެ ބަޔަކަށް ނުވެ އޮތް ޗާގޯސް ޖަޒީރާތަކުގެ ސިޔާދަތީ ބާރު ހޯދަން މޮރިޝަސް އިން ބައިނަލް އަގުވާމީ އެކިއެކި ފޯރަމްތަކަށް ހުށަހެޅި އެވެ. އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އެގައުމުން ހުށަހެޅި ހުށަހެޅުމަކީ އެފަދަ އެއް ހުށަހެޅުމެވެ.

އިމުގެ މައްސަލައިގެ ފަސްފަހަތް؛

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ 92،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައި ވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކި ކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހަދަނީ މިކަމާ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެކަމާ ގުޅިގެން އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.