Advertisement

ނަޝީދުގެ މައްސަލަ ބާއްވާފައި, ބަޖެޓު ހުށަހަޅާ ޖަލްސާ ކުރިއަށް ގެންދަން އެއްބާރުލުމެއް ނުދެވޭނެ: އެމްޑީޕީ

30 އޮކްޓޯބަރު 2023 - 16:45 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތަނަށް ބަޖެޓު ކޮމިޓީތައް ބެލެހެއްޓި ނާޝިޒު: ވިދާޅުވަނީ މާދަމާ ބަޖެޓު ހުށަނޭޅޭނެ ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ނަޝީދުގެ މައްސަލަ ބާއްވާފައި, ބަޖެޓު ހުށަހަޅާ ޖަލްސާ ކުރިއަށް ގެންދަން އެއްބާރުލުމެއް ނުދެވޭނެ: އެމްޑީޕީ

30 އޮކްޓޯބަރު 2023 - 16:45 1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހުގައި އޮއްވާ، އެ މައްސަލަ ނުނިންމައި އެހެން ކަމެއް އެޖެންޑާ ނުކުރެވޭނެ ކަމަށާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތަށް އެއްބާރުލުން ނުދެވޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

މާދަމާގެ ޖަލްސާގައި އޮތީ ދެ އައިޓަމެކެވެ. އެއީ, މިއަހަރުގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމެވެ. ބުދަ ދުވަހުގެ އެޖެންޑާ ވެސް ކުރިއާލާ އާންމުކޮށް، އެ ދުވަހުގެ އެޖެންޑާގައި ހަމައެކަނި ނަޝީދުގެ މައްސަލަ ހިމަނާފައިވެ އެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް "އަދަދު" ނޫހަށް ވިދާޅުވީ އެމްޑީޕީން ކުރިން ވެސް ދެކެމުން އައީ މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅިފައި އޮންނަ އިރު އެ މައްސަލަ ކުރިއަށް ނުގެންގޮސް އެހެން އެއްވެސް މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

އެހެންކަމުން އެ މައްސަލަ ބާއްވާފައި މަޖިލީހުގައި ކުރާ އެހެން އެއްވެސް މަސައްކަތަކަށް އެއްބާރުލުން ނުދެވޭނެ ކަމަށް އަސްލަމް ވިދާޅުވި އެވެ. ބަޖެޓުގެ މަސައްކަތް ގެންދިއުމަށް ވެސް އެއްބާރުލުން ނުދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާދަމާ ބާއްވާ ޖަލްސާ ކުރިއަށް ގެންދަން އަޅުގަނޑުމެންގެ އެއްބާރުލުމެއް ނުދެވޭނެ، މަޖިލީހުގެ ގަވާއިދާ ހިލާފަށް ގެންދާ ޖަލްސާއަކަށް ވީމަ،" ރައްޔިތުންގެ މަޖިލީހުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލްކުރައްވާ މެންބަރު އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، ކުރިއަށް އޮތް އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު އެ ހިނގާ އަހަރުގެ ނޮވެމްބަރު 1، ގެ ކުރިން ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. މާދަމާއަކީ އޮކްޓޯބަރު މަހުގެ ފަހު ދުވަހެވެ.

މަޖިލީހުގެ ގަވާއިދުގައި އެ ގޮތަށް ބަޔާންކޮށްފައިވާއިރު، މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލައެއް ހުށަހެޅި ދޭން ޖެހޭ 14 ދުވަހުގެ ނޯޓިސް ހަމަވުމަށް ފަހުގައި މަޖިލީހަށް ހުށަހެޅިފައިވާ އެއްވެސް ކަމެއްގެ ބަހުސް އަދި އެއްވެސް ކަމެއްގައި ގޮތެއް ނިންމޭނީ އިތުބާރުގެ މައްސަލައަށް ފަހު ކަމަށް ވެސް ގަވާއިދުގައިވެ އެވެ.

އޭގެ އިތުރަށް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ އެޖެންޑާ ކުރާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ނައިބު ރައީސް ކަމަށް ވެސް ގަވާއިދުގައި ބުނެފައިވެ އެވެ. ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ގަވާއިދުގައި ސާފުކޮށް ބަޔާންކޮށްފައެއް ނެތެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާލާސްކަންފުޅާ އުޅުއްވާތީ، ހުންނެވީ ސަލާމުގަ އެވެ. ނަޝީދުގެ އިތުބާރު ނެތް މައްސަލަ ދެ ދުވަހަކަށް އެޖެންޑާ ކުރުމަށް ފަހު ޖަލްސާ ކުރިއަށް ނުގެންދެވި ދިޔައީ ނައިބު ރައީސް ނެތި އެ މައްސަލަ ނުގެންދެވޭނެ ކަމަށް މަޖިލިހުގެ އިދާރާއިން ދެކިގެންނެވެ.

ނަމަވެސް އެމްޑީޕީން ދެކެނީ ނައިބު ރައީސް ފިޔަވައި އެހެން ބޭފުޅަކަށް ވެސް އެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓޭނެ ކަމަށެވެ. އެ ޕާޓީން ހަވާލާދެނީ ގަވާއިދުގެ 44 ވަނަ މާއްދާއަށެވެ. އެ މާއްދާގައިވަނީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓެވޭ ހާލަތްތަކުގައި ރިޔާސަތު ބަލަހައްޓާނެ ބޭފުޅުންތަކެއް ކަނޑައަޅާފައި ބެހެއްޓުމަށެވެ.

އެމްޑީޕީން ވަނީ މި މައްސަލާގައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ވެސް ހުށަހެޅިފަ އެވެ. އެމްޑީޕީން އެދެނީ މަޖިލީހުގެ ގަވާއިދު މާނަކޮށްދީ، ނަޝީދުގެ މައްސަލަ ކުރިއަށް ނުގެންދިޔަ ނިންމުންތަކަކީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާ އަދި ގާނޫނު އަސާސީގެ 82 ވަނަ މާއްދާއާ ހިލާފު ނިންމުންތަކެއް ކަމަށް ކަނޑައަޅައިދިނުމަށެވެ.