Advertisement

އިންޓަ މިލާން މޮޅުވިއިރު، އޭސީ މިލާން އާއި ނަޕޯލީގެ ކުރިމަތިލުން އެއްވަރު

30 އޮކްޓޯބަރު 2023 - 10:15 0


އިންޓަ މިލާން މޮޅުވިއިރު، އޭސީ މިލާން އާއި ނަޕޯލީގެ ކުރިމަތިލުން އެއްވަރު

30 އޮކްޓޯބަރު 2023 - 10:15 0

މިލާން (އޮކްޓޯބަރު 30) - އިޓާލިއަން ސެރީއާގައި އޭސީ މިލާނާއި ނަޕޯލީ ވާދަކުރި މެެޗު 2-2 އިން އެއްވަރުވިއިރު، 1-0 އިން ރޯމާ ބަލިކޮށް އިންޓަ މިލާނުން ސެރީއާގެ އެއްވަނައަށް ޖެހިލައިފި އެވެ.

އިޓަލީ ލީގުގައި ރޭ ކުޅުނު ފޯރިގަދަ މެޗުތަކާއެކު އިންޓަ މިލާން ތާވަލްގެ އެއްވަނައަށް ޖެހިލީ 25 ޕޮއިންޓާއެކުގަ އެވެ. ދެވަނައިގައި އޮތީ ޔުވެންޓަސް އެވެ. ޔުވެންޓަސް އަށް 23 ޕޮއިންޓް ލިބިފައި އޮތްއިރު، ތިންވަނައިގައި އޭސީ މިލާން އޮތީ 22 ޕޮއިންޓާއެކުގަ އެވެ. މިލާންގެ ފަހަތުން ހަތަރުވަނައިގައި އޮތް ނަޕޯލީ އަށް ލިބިފަިއިވަނީ 18 ޕޮއިންޓެވެ.

އިންޓަ މިލާން އާއި ރޯމާ ވާދަކުރި މެޗުގައި އިންޓަގެ ހަމައެކަނި ގޯލު ޖަހައިދިނީ މާކަސް ތުރާމް އެވެ. މެޗުގައި ގިނަ ހަމަލާތައް އުފެއްދި އިންޓަ މިލާނުން އިތުރު ގޯލުތަކެއް ޖެހުމާ ގާތަށް ވެސް ޖެހިލި އެވެ. މިގޮތުން މާކަސް ތުރާމް ފޮނުވާލި ބޯޅައެއް ކީޕަރު ރުއީ ޕެޓްރީސިއޯ ދިފާއުކުރިއިރު، ފެޑެރިކޯ ޑިމާކޯ އާއި ހަކަން ޗަޅަނޯގްލޫ ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

ރޯމާއަށް ބަލާއިރު މުޅި މެޗުގައި އެޓީމަށް ގޯލު ޖަހަން ލިބުނީ ރަނގަޅު އެންމެ ފުރުސަތެކެވެ. ބްރަޔަން ކްރިސްޓަންޓޭ ފޮނުވާލި ހަމަލާ ގޯލުގެ ކަނަށް ވަންނަން ދަނިކޮށް ދިފާއުކުރީ ކީޕަރު ޔަން ސޮމާ އެވެ.

ސެރީއާގެ އެންމެ ފަހުގެ ދެ ޗެމްޕިއަނުންގެ ކުރިމަތިލުން އެއްވަރުވެގެން ނިމުނުއިރު، މެޗުގައި ފުރަތަމަ ދެ ގޯލު ޖަހައި ލީޑު ނެގީ އޭސީ މިލާނުންނެވެ. މި ދެ ގޯލު ވެސް ޖަހައިދިނީ އޮލިވިއޭ ޖިރޫ އެވެ. ނަޕޯލީ އިން ނަތީޖާ ހަމަހަމަކުރީ މެޓެއޯ ޕޮލިޓާނޯ އާއި ގިއަކޯމޯ ރަސްޕަޑޯރީ ޖެހި ދެ ގޯލުންނެވެ.

މި މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިކަން ފާހަގަކޮށްލެވެ އެވެ. މިގޮތުން މިލާނުން އެކަނި ވެސް 20 ހަމަލާއެއް އުފެއްދި އެވެ.

ސެރީއާގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އުދިނޭސީ އާއި މޮންޒާ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ކަގްލިއާރީ އާއި ފްރޮސިނޯނޭ ވާދަކުރި މެޗު 4-3 އިން ކާމިޔާބުކުރީ ކަގްލިއާރީ އެވެ.