29 އޮކްޓޯބަރު 2023 - 14:30 0
ސާއިފް ޝިޔާދު
29 އޮކްޓޯބަރު 2023 - 14:30 0
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ހުއްޓޭ ގޮތަށް ގާނޫނު އަސާސީ އާއި ގަވާއިދުތައް އެ މަޖިލީހުގެ އިދާރާއަށް މާނަ ނުކުރެވޭނެ ކަމަށް އަންނަ ދައުރުގައި މައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހަރަކާތްތެރިވާނެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފި އެވެ.
މަޖިލީހުގެ ރިޔާސަަތުން މައްޗަންގޯޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ މިއަދު މަޖިލީހުގެ ޖަލްސާގައި ކުރިއަށް ގެންގޮސްފައި ނުވެ އެވެ. އެއީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުالله އާލާސްކަންފުޅާ އުޅުއްވާތީ އެވެ.
ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް ކަނޑައަޅާފައިވާތީ މިއަދުގެ ޖަލްސާ ކެންސަލް ކުރީ ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ށ. އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް އެމްޑީޕީން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ.
އެ މައްސަލަ ހުށަހެޅި މައިގަނޑު ހަތަރު ނުކުތާއެއްގެ މައްޗަށް ބިނާކޮށް ކަމަށް އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވެ އެވެ.
"ގަވާއިދާ އަދި ގާނޫނު އަސާސީ ވެސް ބުނަނީ އެހެން ކަމެއް ނުނިންމޭނެއޭ މިކަން [ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ] ނުނިންމައެއް. އެއްވެސް ކަމެއް ނުނިންމޭ ކަހަލަ ހާލަތަކަށް މިއޮތީ ގޮސްފައި. މިއީ ގާނޫނު އަސާސީ ތަސައްވަރު ކުރާ ގޮތެއް ނޫން. ޕާލިމެންޓަރީ ޕްރެކްޓިސް އޮންނަ ގޮތެއް ނޫން މިއީ. މަޖިލީހެއް ނުހުއްޓޭނެ," އެމްޑީޕީގެ ގާނޫނީ ކޮމިޓީގެ މެމްބަރު އަހްމަދު އަބްދުالله އަފީފް ވިދާޅުވި އެވެ.
އެގޮތުން, މަޖިލީހުގެ ގަވާއިދު ވެސް ބައްޓަންކޮށް އެކުލަވާލާފައިވަނީ މަސައްކަތްތައް ނުހުއްޓި ކުރިއަށްގެންދެވޭނެ ގޮތަށް ކަމަށާއި އެ ނޫން ގޮތަކާށް ގާނޫނާއި ގަވާއިދު މާނަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވާ ހާލަތެއްގައި ދެން އެބަ ތިއްބަވާ ފަސް މެމްބަރުން. އެއީ ކުރިން ވެސް ކަނޑައެޅިފައި އޮތް ގޮތް. އެ ފަސް މެމްބަރުންނަކީ މިފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ ވަކި އުސޫލެއްގެ ދަށުން ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅިފައިވާ މެމްބަރުން. ދެން އަމަލުކުރަން ޖެހޭނީ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގެ ހ. އަށް," އަފީފް ފާހަގަކުރެއްވި އެވެ.
މިއަދު މަޖިލިސް އޮތް ހާލަތުން އެ މާއްދައަށް އަމަލުކުރަން ލާޒިމު ކަމަށް ދެކޭ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.
މިހާރު ދިމާވެގެން އުޅޭ މައްސަަލައަކީ މަޖިލީހުގެ ގަވައިދުގެ 205 ވަނަ މާއްދާގެ ބ. ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފައިވާ މައްސަލައަށް ގޮތެއް ނިންމުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހޭނީ ނައިބު ރައީސް ކަމަށް އޮންނަ އޮތުމަށް އެކަނި ރިއާޔަތްކޮށްގެން ޖަލްސާ ނުބޭއްވުމުގެ މައްސަލަ އެވެ.
މިއަދު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި އެމްޑީޕީން އެދުނީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ހާޒިރުނުވާ ހާލަތުގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 44 ވަނަ މާއްދާގައި ވާ ގޮތުގެ މަތީން މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނޭ މީހަކު ކަނޑައަޅައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ ޖަލްސާ ކުރިއަށް ގެންދަންޖެހޭނޭ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މިއަދުގެ ޖަލްސާ ކެންސަލް ކުރުމުން، އެހެން މީހަކު ރިޔާސަތު ބަލަހައްޓާ ގޮތަށް ހަމަޖައްސައިގެން ނަމަވެސް ޖަލްސާ ކުރިއަށް ގެންދިޔުމަށް އެމްޑީޕީން މަޖިލީހުގެ އިދާރާއަށް ހުށަހެޅި އެވެ. ނަމަވެސް މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ އެކަމަށް އެއްބަސްވެވަޑައިނުގެންނެވި ކަމަށް އެމްޑީޕީން ބުންޏެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment