Advertisement

އެމްޑީޕީ ބުނަނީ އީވާ ނެތި ޖަލްސާ ބޭއްވޭނެ ކަމަށް، އަމީންއާންމު އެކަމަށް އެއްބަހެއް ނުވޭ

29 އޮކްޓޯބަރު 2023 - 09:47 2


އެމްޑީޕީ ބުނަނީ އީވާ ނެތި ޖަލްސާ ބޭއްވޭނެ ކަމަށް، އަމީންއާންމު އެކަމަށް އެއްބަހެއް ނުވޭ

29 އޮކްޓޯބަރު 2023 - 09:47 2

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކި ކުރަން ހުށަހެޅި ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރުމަށްފަހު އެ މަޖިލީހުގެ ނައިބު ރައީސް ސަލާމުގައި ހުންނެވުމުން ކެންސަލް ކުރި ނަމަވެސް، އެހެން މެމްބަރަކަށް ރިޔާސަތާ ހަވާލުވެ ޖަލްސާ ކުރިއަށް ގެންދެވޭނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެހެން ނަމަވެސް ނައިބު ރައީސް އީވާ އަބްދުﷲ ނެތި އެ ޖަލްސާ ކުރިއަަށް ނުގެންދެވޭނެ ކަމަށް އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އަންގަވައިފަ އެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަން ޖެހެނީ ނައިބު ރައީސެވެ.

މި ނޫހާ ވާހަކަ ދައްކަމުން އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ނައިބު ރައީސްއަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތެއްގައި ގަވާއިދުގެ ތެރެއިން އިތުރު މެމްބަރަކަށް ރިޔާސަތު ބެލެހެއްޓިދާނެ ކަމަށެވެ. ނަމަވެސް ޖަލްސާ އެގޮތަށް ކުރިއަށް ގެންދަން އަމީންއާންމު އެއްބަސްނުވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން ހޯދަންޖެހޭ ގާނޫނީ ލަފާ މިހާރު ހޯއްދަވަމުން ގެންދަވާ ކަމަށް އަސްލަމް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ނުބޭއްވުމުން، ޖަލްސާ ބޭއްވޭނެ މަގެއް ހޯދުމަށް އެމްޑީޕީން ކޯޓަށް ދާން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.

ނަޝީދު ލީޑު ކުރައްވާ އަދި އީވާ ވެސް ނިސްބަތްވެވަޑައިގަންނަވާ ދަ ޑިމޮކްރެޓްސް އިން ބުނަނީ ނަޝީދު ވަކި ކުރުމުގެ ގަރާރު ދެ ވަނަ ފަހަރަށް ހުށަހެޅީ ގަވާއިދާ ހިލާފަށް ކަމަށެވެ. އެ ޖަލްސާ ބޭއްވިޔަނުދޭން މަސައްކަތް ކުރާނެ ކަމަށް ކުރިން ވެސް ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބުނަނީ، ނަޝީދުގެ ވަކި ކުރުމުގެ ޖަލްސާ ނުބާއްވާ މަޖިލީހުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދެވޭނެ ކަމަށާއި އޭގެ ތެރޭގައި އިންތިހާބީ ރައީސް ހުވާ ކުރުމަށް ބާއްވާ ޖަލްސާ ވެސް ހިމެނޭނެ ކަމަށެވެ. އިންތިހާބީ ރައީސް ހުވާ ކުރައްވަން ޖެހެނީ މަޖިލީހުގެ ޖަލްސާއެއްގަ އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، އެ މަޖިލީހުގެ ރައީސް ވަކި ކުރުމަށް ގަރާރެއް ހުށަހަޅައިފި ނަމަ ދެން އިތުރު މަސައްކަތެއް ކުރެވޭނީ އެ ގަރާރާމެދު ގޮތެއް ނިންމުމަށްފަހެވެ.