Advertisement

ޑިމޮކްރެޓުން ބުނަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް

26 އޮކްޓޯބަރު 2023 - 23:11 1

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިމޮކްރެޓްސްއަށް ނިސްބަތްވާ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދި އިންތިގާލީ ޗެއާޕާސަން ހަސަން ލަތީފު : ޑިމޮކްރެޓުން ބުނަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް - ފޮޓޯ: މަޖިލިސް އިދާރާ


ޑިމޮކްރެޓުން ބުނަނީ ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް

26 އޮކްޓޯބަރު 2023 - 23:11 1

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުން މައްޗަންގޯޅި މެދު ދާއިރާގެ މެންބަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް އެމްޑީޕީއިން ހުށަހަޅާފައިވާ މައްސަލަ އެ ޕާޓީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ނަޝީދުގެ ޑިމޮކްރެޓްސް ޕާޓީގެ މަޖިލިސް މެންބަރުން ބުނެފި އެވެ.

މިރޭ ޑިމޮކްރެޓުންގެ މައި ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަދެއްކެވި، ޑިމޮކްރެޓުންގެ އިންތިގާލީ ޗެއާޕާސަން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އަދި އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވެސް ވަނީ ނަޝީދު މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ހަސަން ލަތީފު ވިދާޅުވީ މަޖިލީހުގެ ރިޔާސަތުން ނަޝީދު ދުރުކުރަން އެމްޑީޕީއިން މަސައްކަތް ކުރަނީ އަންނަ އަހަރުގެ މަޖިލިސް އިންތިހާބުގެ ކުރިން މި ސަރުކާރުގެ ހިޔާނާތާއި ވައްކަމުގެ މައްސަލަތައް ބަލާ، އެމްޑީޕީއަށް އޮތް ކުޑަވެސް އިތުބާރު ގެއްލިދާނެތީ ކަމަށެވެ.

"އެކަން ކުރިޔަކަ ނުދޭނަން، ރައީސް ނަޝީދު އެތާ [މަޖިލީހުގެ] ރިޔާސަތުގަ އިންނަވާނީ

ޑިމޮކްރެޓުންގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމްވެސް ވިދާޅުވީ ދާދި އެއް ވާހަކައެކެވެ. އެމްޑީޕީއަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުން ބަލިވުމަކީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ނިންމަންޖެހޭ ސަބަބެއް ނޫން ކަމަށްވެސް އާޒިމް ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ ކޮލީގުން، މަޖިލިސް މެންބަރުން މިހެން ކަންތައް ކުރާކަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސާ ގުޅޭގޮތުން ކަންކަން ކުރާކަށް ފުރުސަތު ދީގެން ނުތިބޭނެކަން"

ނަޝީދު ވަކިކުރާ މައްސަލަ އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށް މެންބަރުންނަށް މިހާރު ވަނީ އަންގާފަ އެވެ.

ނަޝީދު ވަކިކުރުމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ހުށަހެޅީ 49 މެމްބަރުންގެ ސޮޔާ އެކު އޮކްޓޯބަރު 8, ގަ އެވެ. މައްސަލައިގެ ނޯޓިސް ނަޝީދާއި މެމްބަރުންނަށް ފޮނުވާފައިވާއިރު، 14 ދުވަހުގެ އެ ނޯޓިހުގެ މުއްދަތު ވެސް އަންނަ އާދިއްތަ ދުވަހަށް ހަމަވެ އެވެ.

މަޖިލީހުގެ ގަވާއިދު ވެސް ބުނާ ގޮތުން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަތަކުގައި ފޮނުވާ ނޯޓިސްގެ މުއްދަތު ހަމަވާ ތާރީހުގެ ފަހުން ދެން އެންމެ އަވަހަށް އޮންނަ ސަރުކާރު ބަންދު ނޫން ދުވަހެއްގައި އެ މައްސަލަ އެޖެންޑާ ކުރަން ޖެހެ އެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވަނީ، އާދީއްތަ ދުވަހު ބާއްވާ ޖަލްސާގެ އެޖެންޑާ އެ މެންބަރުންނަށް ލިބުނު ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. "އަދަދު" ނޫހަށް ވެސް ލިބިފައިވާ އެ އެޖެންޑާގައި އޮތީ ވެސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ ކުރިއަށް ގެންދިޔުން އެކަންޏެވެ.

މީގެ ކުރިން ވެސް ނަޝީދުގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ހުށަހެޅި އެވެ. ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބުނު ނާކާމިޔާބީއަށް ފަހުގައި ނަޝީދުގެ އިތުބާރު ނެތް މައްސަލަ އަނބުރާ ގެންގޮސްފައިވެ އެވެ.

އޭރު އެމްޑީޕީން އެ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނަޝީދު ލީޑު ކުރައްވާ ޑިމޮކްރެޓްސްގެ ތާއީދު ރައީސަށް ހޯދުމުގެ މަޝްވަރާތައް ކުރިއަށް ދަނިކޮށެވެ.

މި ފަހަރު އެ މައްސަލަ ކުރިއަށް ގެންދިޔުމަށް ނަޝީދުގެ އެއްބާރުލުން ނުލިބޭނަމަ، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުވާ ކުރުމުގެ ރަސްމިއްޔާތާއި މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުމުގެ ކަންކަމުގައި ވެސް އެއްބާރުލުން ނުލިބޭނެ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑާޝިޕުން ވިދާޅުވެފައިވެ އެވެ.