27 އޮކްޓޯބަރު 2023 - 12:42 0
27 އޮކްޓޯބަރު 2023 - 12:42 0
ލަންޑަން (އޮކްޓޯބަރު 27) - އާސެނަލްގެ އެއް ވަނަ ގޯލް ކީޕަރު ޑޭވިޑް ރާޔާއަށް އިތުބާރު ނުކުރާ ކަހަލަ މޭރުމަކުން އެ ޓީމުގެ ކުރީގެ ތަރި ތިއޮރީ އޮންރީ ވާހަކަދައްކައިފި އެވެ.
ރާޔާ އަށް އެއް ވަނަ ކީޕަރުކަން ދިނީ މި ސީޒަނުގެ ފުރަތަމަ ތިން މެޗުގައި ކުރީގެ އެއް ވަނަ ކީޕަރު އާރަން ރަމްސްޑޭލްވެސް ރަނގަޅަށް ކުޅެމުން ދަނިކޮށެވެ. ފުރަތަމަ ތިން މެޗުގައި ރަނގަޅު ކުޅުމެއް ރާޔާ ދެއްކި ނަމަވެސް އޭގެ ފަހުން ކުޅުނު މެޗުތަކުގައި ކީޕަރުގެ ފަރާތުން ކުދި ކުދި ގޯސްތައް އަންނަނީ ފެންނަމުންނެވެ.
އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން 2-1 އިން އާސެނަލް މޮޅުވި ނަމަވެސް ޑޭވިޑް ރާޔާގެ ފަރާތުން ބައެއް ގޯސްތައް ފެނުނެވެ.
އެ މެޗުގައި ރާޔާގެ ކުޅުމަށް އިޝާރާތްކޮށް އޮންރީ ބުނީ އޭނާ ނޭވާ ހުއްޓާލައިގެން މެޗު ބަލަން ޖެހުނު ހާލަތްތައް ދިޔަކަމަށެވެ. މިގޮތުން މެޗުގެ ފަހު މިނެޓުތަކުގައި ޓީމު ފެނުނީ ވަރަށް ޕްރެޝަރުގައި ކަމަށާއި، އާސެނަލްއަށް އެ މެޗުން ލިބުނީ ނަސީބު މޮޅެއް ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މެޗުގެ ފަހު ހަ ވަރަކަށް މިނެޓު ސެވިއްޔާއިން ގިނަ ހުރަސްތަކެއް އާސެނަލްގެ އޭރިއާތެރެއަށް ނެގިއިރު، ކީޕަރު ރާޔާގެ ހަރަކާތްތައް ފެނުނީ ބިރުގަންނަ ކަހަލަ ގޮތަކަށްކަމަށެވެ.
އާސެނަލުން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުނު ދެ މެޗުގައިވެސް ރާޔާގެ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. މިގޮތުން ސިޓީ އަތުން 1-0 އިން އާސެނަލް މޮޅުވި މެޗާއި، ޗެލްސީއާ ވާދަކޮށް 2-2 އިން އެއްވަރުވި މެޗު ފާހަގަކޮށްލެވެ އެވެ. ޗެލްސީ މެޗުގައި ޗެލްސީން ޖެހި ދެ ވަނަ ގޯލަކީ ކީޕަރުގެ މިސްޓޭކަކުން ވަތް ގޯލެކެވެ.
ރާޔާގެ ކުޅުމަށް އެ ޓީމުގެ ކުރީގެ ކުޅުންތެރިން ހިމެނޭހެން ގިނަ ބަޔަކު ފާޑުކިޔަމުން އައި ނަމަވެސް ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމް ރަމްސްޑޭލަށް ދޭން އާޓެޓާ ނުވިސްނަ އެވެ. އޭނާ ބުނީ މިސްޓޭކްތައް ފެނުނު ނަމަވެސް ރާޔާގެ ކުޅުމަށް ބަލާއިރު އޭނާއަށް ކުރިއެރުން ފެންނަކަމަށެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލަށް ކުރިއަށް އޮތީ ޝެފިލްޑް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.
Comment