Advertisement

އެމްޕީއެލް އަށް ދެ ތަށި، އެއާޕޯޓާއި އިމިގްރޭޝަން ވެސް ޗެމްޕިއަންކަން ހޯދައިފި

26 އޮކްޓޯބަރު 2023 - 11:07 0

އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ އަންހެންބައިގެ ޗެމްޕިއަންކަން ހޯދި އެމްޕީއެލް - ފޮޓޯ: އަބްދުﷲ އިޔާން/ފޮޓޯ


އެމްޕީއެލް އަށް ދެ ތަށި، އެއާޕޯޓާއި އިމިގްރޭޝަން ވެސް ޗެމްޕިއަންކަން ހޯދައިފި

26 އޮކްޓޯބަރު 2023 - 11:07 0

ހަތް ވަނަ އިންޓަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ ދެ ބަޔަކުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ޗެމްޕިއަންކަން ހޯދިއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި މޯލްޑިވްސް އިމިގްރޭޝަނުންވެސް ޗެމްޕިއަންކަން ހޯދައިފި އެވެ.

އޮފީސް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ އެމްޕީއެލް އިން މިފަހަރު ޗެމްޕިއަންކަން ހޯދީ ފުރަތަމަ ޑިވިޝަންގެ ފިރިހެން ބަޔާއި، ދެވަނަ ޑިވިޝަންގެ އަންހެން ބައިންނެވެ. ފުރަތަމަ ޑިވިޝަންގެ ފިރިހެން ފައިނަލް އެމްޕީއެލް އިން ކާމިޔާބުކުރީ ވެމްކޯއާ ވާދަކޮށް 30-21 އިންނެވެ. މިއީ މި ބައިގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދީ ހަތްވަނަ ފަހަރެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ އަހުމަދު ޝާނީޒް އެވެ.

ދެވަނަ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަންކަން އެމްޕީއެލްއިން ހޯދީ ފޯރިގަދަ އަދި ވާދަވެރި ފައިނަލުގައި ވެމްކޯ 15-13 އިން ބަލިކޮށްގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޕީއެލްގެ ފާތިމަތު ޖޫޒާން ޒަރީރު އެވެ.

އޮފީސް ހޭންޑްބޯޅަ މުބާރާތުގެ ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ އެއާޕޯޓު ޓީމްގެ ކުޅުންތެރިން އުފާފާޅުކުރަނީ - ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ދެވަނަ ޑިވިޝަންގެ ފިރިހެން ބައިގެ ޗެމްޕިއަންކަން އެއާޕޯޓުން ހޯދީ ފައިނަލުގައި އެމްޑަބްލިއުއެސްސީ 20-19 އިން ބަލިކޮށްގެންނެވެ. ފޯރިގަދަ ފައިނަލުގެ ފުރިހަމަ ވަގުތު ކުޅުން ހަމަވިއިރު ދެ ޓީމު އޮތީ 15-15 އިން އެއްވަރުވެފަ އެވެ. އެއާޕޯޓުން މެޗު ކާމިޔާބުކުރީ ނަތީޖާ ނެރުމަށް ކުޅުނު އިތުރުވަގުތުގެ ފަސް މިނެޓުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެމްޑަބްލިއުއެސްސީގެ އަހުމަދު ރަޒުނީ މުހައްމަދު އެވެ.

މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ބައިގެ ޗެމްޕިއަންކަން އިމިގްރޭޝަނުން ހޯދީ ފައިނަލުގައި އައިޖީއެމްއެޗް 46-12 އިން ބަލިކޮށްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އިމިގްރޭޝަންގެ ނަޝްފާ އާމިރާ އެވެ.

ސެޕްޓެމްބަރު 14 އިން އިއްޔެއާ ހަމައަށް ކުރިއަށްދިޔަ މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގައި މިއަހަރު 25 ޓީމަކުން ވަނީ ވާދަކޮށްފަ އެވެ.