Advertisement

ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ކުޑަކުރަންޏާ ފްލެޓް ގަންނަ ރައްޔިތުން އަތުން ޓެކްސް ނެގުން ގޯސް: އިލްޔާސް

25 އޮކްޓޯބަރު 2023 - 11:25 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ކޮމިޓީއެއްގައި ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ޓުއަރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ކުޑަކުރާ ނަމަ ފްލެޓް ގަންނަ އާއްމުންގެ އަތުން ޓެކްސް ނަގައިގެން ނުވާނެކަމަށް. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް ކުޑަކުރަންޏާ ފްލެޓް ގަންނަ ރައްޔިތުން އަތުން ޓެކްސް ނެގުން ގޯސް: އިލްޔާސް

25 އޮކްޓޯބަރު 2023 - 11:25 0

ރިސޯޓުތަކުގެ ވަކިވަކި ވިލާތައް ސްޓްރާޓާ އުސޫލުން ވިއްކާ އިރު ޖީއެސްޓީ ނެގުމުގެ ބަދަލުގައި، "ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސް" ގެ ނަމުގައި އެންމެ ހަތަރު ޕަސެންޓު ނަގާ ގޮަތަށް ބަދަލުކުރަން ޓޫރިޒަމް ގާނޫނަށް ހުށަހެޅި އިސްލާހުގައި ހިމެނުމުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ފާޑުވިދާޅުވެއްޖެ އެވެ.

ސްޓްރާޓާ އުސޫލުން ރިސޯޓްތަކުން ވިލާތައް ވިއްކުމަކީ އެ ރިސޯޓެއް ހިންގާ ފަރާތުން ރިސޯޓް ކުއްޔަށް ހިފާފައިވާ މުއްދަތަަށް، ހުރިހާ ހައްގެއް އޮންނަ ގޮތަށް، ދިގު މުއްދަތަށް ވިލާ ކުއްޔަށް ދިނުމެވެ. ރާއްޖޭގައި މިހާރު ރިސޯޓް ހަދަން ރަށްތައް ދޭ އެންމެ ދިގު މުއްދަތަކީ 99 އަހަރެވެ.

ޓޫރިޒަމް ގާނޫނު މިހާރު އޮތް ގޮތުން އެގޮތަށް ވިލާއެއް ގަންނަ ފަރާތުން އަށް ޕަސެންޓު ޖީއެސްޓީ ދައްކަން ޖެހޭނެ އެވެ. ޓޫރިޒަމް ގާނޫނަށް ބަދަލު ގެންނަން ސަރުކާރުގެ ފަރާތުން ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު އީސާ ހުށަހެޅުއްވި ބިލުގައި އޮތީ ވިލާއެއް ގަންނަ ފަރާތުން ޖީއެސްޓީގެ ބަދަލުގައި "ޓޫރިޒަމް ރިއަލް އެެސްޓޭޓް ޓެކްސް"ގެ ނަމުގައި އެންމެ ހަތަރު ޕަސެންޓް ދައްކާ ގޮތަށެެވެ.

މަޖިިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބިލަށް ކުރި ބަހުސްގައި އިލްޔާސް ވިދާޅުވީ ރިސޯޓްތަކުން ކޮޓަރި ދިގު މުއްދަތަށް ނަގަނީ ނުވަތަ ގަންނަނީ ދުނިޔޭގައި ތިބި އެންމެ މުއްސަނދި މީހުން ކަަމަށެވެ. އެއީ ގިނަ އަދަދަކަށް ފައިސާ އެމީހުންގެ އަތުގައި ހުރި ބަޔަކަށް ވާއިރު ޓޫރިޒަމް ރިއަލް އެސްޓޭޓް ޓެކްސްގެ ނަމުގައި ނަގަން ހުށަހަޅާފައިވާ ހަތަރު ޕަސެންޓަކީ އެކަށީގެންވާ އަދަދެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފްލެޓް ގަންނަން ބޭނުންވާ ބައިވަރު މީހުން އެބަ ތިބި އަގުބޮޑުވެގެން ނުގަނެވިފައި. މިހާރު ވެސް މާލެއިން، ރާއްްޖެއިން ފްލެޓެއް ގަންނަން ބޭނުންވާ މީހަކު ފްލެޓެއް ގަންނަންޏާ އަށް ޕަސެންޓް ޖީއެސްޓީ ދައްކަން ޖެހޭ. އަށް ޕަސެންޓްގެ ޓެކްސްއަކާ އެކީ އެ ގަންނަނީ. އެހެންވީމާ އާންމު ރައްޔިތުން އެހާ ބޮޑު ބުރައެއްގައި، އެހާ ދަތިކޮށް، ބޮޑު ޓެކްސްއެއްގައި ގަންނަ އިރު ދުނިޔޭގެ މުއްސަނދިން އައިސް [ކޮޓަރި] ގަންނަ އިރު ހަތަރު ޕަސެންޓް ޓެކްސް އެއް އޮތުން މިއީ އެހާ ބޮޑަށް ގަބޫލުކުރެވޭ އުސޫލެއް ނޫން،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މުއްސަނދިން ކޮޓަރި ގަންނަ އިރު ހަތަރު ޕަސެންޓް ނަގާ ނަމަ އާއްމު ރައްޔިތުން ފްލެޓް ގަންނަ އިރު ދައްކާ ޖީއެސްޓީ އެއްކޮށް ކަނޑައިލަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.