25 އޮކްޓޯބަރު 2023 - 10:18 0
މުހައްމަދު އުޝާމް
މަނަދޫގައި ނައީމާ ދިރިއުޅެމުން ދިޔަ ގެ؛ ޑީއެންއޭ ރިޕޯޓުތަކެއް ނުލިބިގެން މައްސަލަ ކުރިއަށް ނުގޮސް މަޑުޖެހިފައި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
25 އޮކްޓޯބަރު 2023 - 10:18 0
އޭޕްރީލް 7، ގެ ރޭގަނޑު އިރާކޮޅު މަރާލާފައި އޮއްވާ ފެނުނު، ނ. މަނަދޫ، އަންނާރުމާގެ، ނައީމާ މޫސާ މަރާލި މައްސަލައިގެ ތަހުގީގުގައި ފުރިހަމަނުވެ އޮތް ހަމައެކަނި ކަމަކީ ޑީއެންއޭ ރިޕޯޓުތައް ކަމަށް ޕްރޮސެކިއުޓަ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
ނައީމާ މަރާލި މައްސަލާގައި ބަޔަކު ހައްޔަރުކުރީ އެ ކަން ހިނގިތާ ދޮޅު މަހެއް ފަހުންނެވެ. ތިން މީހަކު ހައްޔަރުކޮށްގެން ފުލުހުން ތަހުގީގު ކުރިއަށް ގެންދާތާ ވެސް ގާތްގަނޑަކަށް ހަ މަސް ވަނީ އެވެ.
މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން (ދައުވާ ކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާ ކުރުން) ފެށިތާ ވެސް ގާތްގަނޑަކަށް ދެ މަސް ވެއްޖެ އެވެ.
އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ނޫސްވެރިންނާ ބައްދަލު ކުރައްވައި، ނޫސްވެރިން އެކި މައްސަލަތަކުގެ އެންމެ ފަހުގެ މައުލޫމާތާ ގުޅޭ ގޮތުން ސުވާލުކުރި އެވެ. އެގޮތުން, ނައީމާގެ މައްސަލާގައި އޭނާ ވިދާޅުވީ ޑީއެންއޭ ރިޕޯޓުތައް ފިޔަވައި ތަހުގީގުގެ އެހެން ހުރިހާ މަސައްކަތެއް އޮތީ ނިމިފައި ކަމަށެވެ.
ޝަމީމް ވިދާޅުވީ ދައުވާ ކުރެވޭ ވަރަށް ހެކި ލިބިފައިވާ ކަމަށެވެ. މަރުގެ ތުހުމަތު ކުރެވޭ މީހުން ބަންދުކޮށްގެން ތަހުގީގު ހިންގުމަށް ޓަކައި ކޯޓުން މުއްދަތު އިތުރުކޮށްދީފައިވާ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައިވަނީ ނައީމާ މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ތޫނު ދެ ހަތިޔާރަކާއި ނައީމާއަށް ހަަމަލާ ދިން ވަގުތު ގާތިލުން ލައިގެން ތިބި އަންނައުނު ވެސް ފުލުހުން ހޯދާފައިވާ ކަމަށެވެ. އެ ތަކެތި ހޯދީ އަންދާލުމަށް މަސައްކަތްކޮށް، ވަޅުލާފައި ހުއްޓަ އެވެ.
މަރުގެ ތަހުގީގަށް ފުލުހުންގެ ގިނަ އަދަދެއްގެ ފޮރެންސިކް އެކްސްޓާޕުން އެ ރަށުގައި ހަރަކާތްތެރިވި އެވެ. އަދި, އެ ރަށުގެ ގިނަ ބައެއްގެ ޑީއެންއޭ ސާމްޕަލް ވެސް ނެގި އެވެ.
އޭނާ މަރުވެފައި އޮއްވާ ފެނުނުއިރު ކޮޓަރީގެ ބިންމަތީގައި ގިނަ އަދަދަކަށް ލޭ ހުއްޓެވެ. އޭނާގެ ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހަރާފައިވާ ކަން އެނގިފައިވެ އެވެ.
ނައީމާ މަރުވި އިރު އޭނާގެ އުމުރުން 62 އަހަރެވެ. ދުނިޔޭގައި ތިން ދަރިން އެބަ ތިއްބެވެ. ދެ ކައިވެންޏެއް ކުރިިއިރު، ކައިވެނިކުރި ދެ މީހުން ވެސް މިހާރު ދުނިޔޭގައި ނެތެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment