Advertisement

ފެނަކައިގެ ކޮރަޕްޝަނުގެ 75 މައްސަލައެއް އޭސީސީން ބަލަނީ، ހޯދަން ޖެހޭ ފައިސާގެ އަދަދު 20 މިލިޔަނަށް އަރާ

24 އޮކްޓޯބަރު 2023 - 16:02 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ސައީދު އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފެނަކައިގެ ކޮރަޕްޝަނުގެ 75 މައްސަލައެއް އޭސީސީން އަންނަނީ ބަލަމުން. ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ފެނަކައިގެ ކޮރަޕްޝަނުގެ 75 މައްސަލައެއް އޭސީސީން ބަލަނީ، ހޯދަން ޖެހޭ ފައިސާގެ އަދަދު 20 މިލިޔަނަށް އަރާ

24 އޮކްޓޯބަރު 2023 - 16:02 0

ފެނަކަ ކޯޕަރޭޝަނުގެ 75 މައްސަލައެއް ބަލަމުން އަންނަ ކަމަށާއި އެ މައްސަލަތަކާ ގުޅޭ 20 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ހޯދަން އެ ކުންފުންޏަށް އަންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނެފި އެވެ.

އޭސީސީން ބުނީ ފެނަކައާ ގުޅޭ ގޮތުން ބަލަމުން ގެންދާ މައްސަލަ ތަކުގެ ތެރޭގައި މައްސަލަތަކުގެ ތެރޭގައި، ކުންފުނި ހިންގުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލަތައް ހިމެނޭ ކަމަށެވެ.

އުސޫލުތަކުގެ ބޭރުން އެކި މީހުންނަށް ވަޒީފާ ހަމަޖައްސާފައިވާ ކަމުގެ ތުހުމަތުތަކުގެ މައްސަލަތަކާއި، ކުންފުނީގެ ޕްރޮކިއުމަންޓު އުސޫލުތަކާ ހިލާފުވުމުގެ މައްސަލަތަކާއި، ކުންފުނިން ފައިސާ ދޫކުރުމާ ގުޅޭގޮތުން އެކަށައަޅާފައިވާ އުސޫލު ހިލާފަށް ފައިސާ ދޫކުރުމުގެ ތުހުމަތުތަކުގެ މައްސަލަތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

"...މިހާތަނަށް ފެނަކައާ ގުޅޭ ގޮތުން އެކި މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، އެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ތެރެއިން 20،504،491.54 (ވިހި މިލިޔަން ފައްސަތޭކަ ހަތަރު ހާސް ހަތަރު ސަތޭކަ ނުވަދިހަ އެއް ރުފިޔާ ފަންސާސް ހަތަރު ލާރި) އަނބުރާ ހޯދުމަށް އެ ކުންފުންޏަށް އޭސީސީން ވަނީ އަންގައިފައި," އޭސީސީން މިއަދު އާއްމު ކުރި މައުލޫމާތުގައި ބުންޏެވެ.

އޭސީސީން ބުނި ގޮތުގައި އެކި މައްސަލަތަކުގައި 92 ކަމެއް އިސްލާހުކުރަން އެކޮމިޝަނުން ވަނީ ފެނަކައަށް އަންގައިފަ އެވެ. އޭގެ ތެރޭގައި ހިންގުމާ ގުޅޭ 48 ކަމެއް، ސިޔާސަތުތަކާ ގުޅޭ 24 ކަމެއް، ގެއްލިފައިވާ ފައިސާ ހޯދުމާ ގުޅޭ ހަ ކަމެއް އަދި ބަލައި ތަހުގީގުކުރުމާ ގުޅޭ ހަ ކަމެއް ހިމެނެ އެވެ.