Advertisement

އިރާނުގެ އަންހެން ދެ ނޫސްވެރިޔަކަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް

24 އޮކްޓޯބަރު 2023 - 07:27 1

މަހްސާ އާމިނީގެ މަރާގުޅިގެން ކުރިޔަށް ގެންދިޔަ މުޒާހަރާއެއްގައި މީހަކު މަހްސާގެ ފޮޓޯއެއް ހިފަހައްޓައިގެން.


އިރާނުގެ އަންހެން ދެ ނޫސްވެރިޔަކަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް

24 އޮކްޓޯބަރު 2023 - 07:27 1

ބުރުގާ ނާޅައި ހުރުމުން އިރާނުގެ ދީނީ ފުލުހުން ހައްޔަރު ކުރި ޒުވާން އަންހެނަކު ކުއްލި ގޮތަކަށް މަރުވުމުން، އެކަމާ ނުރުހުން ފާޅުކުރުމަށް ކުރިޔަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަން އުޅުނު އަންހެން ދެ ނޫސްވެރިޔަކަށް ދިގު މުއްދަތުގެ ޖަލު ހުކުމެެއް ކޯޓުން އިއްވައިފި އެވެ.

ފުލުހުން ބެލުމުގެ ދަށުގައި ހުއްޓައި އުމުރުން 22 އަހަަރުގެ މަހްސާ އާމިނީ މަރުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ފުލުހުން އޭނާއަށް އަނިޔާކުރި ކަމަށް ތުހުމަތު ކުރެ އެވެ.

އެ މަރާ ގުޅިގެން އިރާނުގެ އާންމުން ރުޅިގަދަވެ، މަގުތަކަށް ނުކުމެ މުޒާހަރާތައް ކުރިޔަށް ގެންދިޔަ އެވެ. އިރާނުގައި އަންހެނުން ބުރުގާ އެޅުމަކީ މަޖުބޫރު ވިޔަސް، ބައެއް އަންހެނުން ހިތްހަމަ ނުޖެހުން ފާޅުކުރުމުގެ ގޮތުން އޭރު ބުރުގާ ނަގައިގެން މުޒާހަރާކުރި އެވެ.

އިރާނުގެ ދައުލަތުގެ މީޑިއާއިން އާދީއްތަ ދުވަހު ބުނީ އެ ގައުމުގެ ރެވޮލޫޝަނަރީ ކޯޓުން ނޫސްވެރިޔާ ނިލޫފާ ހަމީދީ އާއި އިލާހޭ މުހައްމަދީ ޖަލަށް ލުމަށް އިއްވީ 13 އަހަރާއި 12 އަހަރުގެ ހުކުމެއް ކަމަށެވެ.

ދެ ނޫސްވެރިން އެމެރިކާ ސަރުކާރަށް މަސައްކަތްކޮށް ދޭ ކަމާއި ގައުމީ ސަލާމަތާ ހިލާފަށް އަމަލު ކުރި ކަމަށް ދައުވާގައި ބުނެ އެވެ. އެ ދައުވާތަކަށް އެ މީހުން އިންކާރު ކުރި އެވެ. .

ނިލޫފާ ބަންދުކުރީ ތެހެރާންގެ ހޮސްޕިޓަލެއްގައި މަހްސާގެ މައިންބަފައިން ތިއްބައި ފޮޓޯއެއް ނެގުމުންނެވެ. އަދި އިލާހޭ ހައްޔަރުކުރީ މަހްސާގެ ޖަނާޒާ ކަވަރުމާ ގުޅިގެން އޭގެ ފަހުންނެވެ.

މަހްސާ މަރުވީ އޭނާގެ ބޮލަށް ފުލުހުން އަނިޔާ ކުރުމުން ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.

ނަމަވެސް އިރާނުގެ ފޮރެންސިކް އޯގަނައިޒޭޝަނުން މައްސަލަ ބެލުމަށް ފަހު ބުނީ އޭނާ މަރުވީ ބޮލާއި، މުހިއްމު ގުނަވަންތަކާއި، އަތާއި ފަޔަަށް ލިބުނު ޒަހަމްތަކެއްގެ ސަބަބުން ނޫން ކަމަށައި އޭނާގެ މަރު ގުޅިފައި ވަނީ "އުމުރުން އަށް އަހަރުގައި ސިކުނޑީގެ ޓިއުމަރަކާ ގުޅިގެން ހެދި ސާޖަރީއަކާ" ކަމަށެވެ.