Advertisement

މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް މަޖިލީހުގެ ކުޅުދުއްފުށީ ގޮނޑިއަކަށް ވާދަކުރައްވަން ނިންމަވައިފި

23 އޮކްޓޯބަރު 2023 - 16:52 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


މާލޭގެ ޑެޕިއުޓީ މޭޔަރު ނަރީޝް މަޖިލީހުގެ ކުޅުދުއްފުށީ ގޮނޑިއަކަށް ވާދަކުރައްވަން ނިންމަވައިފި

23 އޮކްޓޯބަރު 2023 - 16:52 2

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ގޮނޑީގެ ޕީޕީއެމް/ ޕީއެންސީ ޓިކެޓަށް ވާދަކުރައްވާނެ ކަމަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.

ކުރިން ބެލެވިފައި އޮތީ ނަރީޝް ވާދަކުރައްވާނީ، އަންނަ ނޮވެމްބަރު 17 ވަނަ ދުވަހު ހުސްވާ މާލޭގެ މޭޔަރުގެ މަގާމަށް ކަމަށެވެ. މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާފައިވާތީވެ، އެމަނިކުފާނު ނޮވެމްބަރު 17 ގައި ރައީސްކަމުގެ ހުވާ ކުރެއްވުމުން، އާ މޭޔަރަކު ހޮވުމަށް ބައި އިލެކްޝަން ބާއްވަނެ އެވެ.

އެކަމަކު ނަރީޝް މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ވިސްނުން ހުރީ މަޖިލީހުގެ ގޮނޑިއަކަށް ކަމަށެވެ. އެގޮތުން ކުޅުދުއްފުށީ އުތުރު ދާއިރާ އަށް ވާދަކުރައްވަނީ އެ ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށެވެ.

ނަރީޝް ވިދާޅުވީ ގޮނޑި ލިބިއްޖެ ނަމަ އެ ދާއިރާގެ ހުރިހާ ރައްޔިތުންގެ ހައްގުގައި ބަސްބުނާނެ ކަމަށާއި އަދި ރަށުގެ ތަރައްގީއަށްޓަކައި ސަރުކާރާއެކު މަސައްކަތް ކުރާނެ ކަމަށެވެ. މީގެ އިތުރުން ކުޅުދުއްފުއްޓަށް ހަގީގީ މާނައިގައި ސިޓީއެއްގެ ދަރަޖަ ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ސަރުކާރާއި ރައްޔިތުންނާއި ދޭތެރޭގައި ސާބިތުކަމާއި އެކު ހުންނާނެ ރައްޔިތުންގެ ހާދިމަކަށް އަޅުގަނޑުވާނެ،" ނަރީޝް ލިޔުއްވާފައިވެ އެވެ.

ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކުރެއްވި ނަރީޝް އާއްމުންނަށް މަޝްހޫރުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި އޭނާގެ ނަން ބޭނުންކުރައްވައިގެން ޕީޕީއެމްގެ އޭރުގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ޖެއްސެވި މިސާލަކާ ގުޅިގެންނެވެ.

އޭގެ ފަހުން ނަރީޝް ފާހަގަކުރެވުނީ ޕީޕީއެމް އަށް ތާއީދުކުރާ ޗެނަލް 13 ގެ ޕްރެޒެންޓަރެއްގެ ގޮތުގައި ހުރެ މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޕްރޮގްރާމް ހުށަހެޅުއްވި މީހެއްގެ ގޮތުގަ އެވެ. އޭނާ މާލޭ ސިޓީ ކައުންސިލަށް ހޮވުނީ 2021 ވަނަ އަހަރު ބޭއްވި އިންތިހާބުގަ އެވެ.