Advertisement

އެއްވެސް ކެންޑިޑޭޓެއްގެ މާލީ ބަޔާން އަދި ނުލިބޭ، ސުންގަޑިއަކީ އަށެއް ނޮވެމްބަރު

23 އޮކްޓޯބަރު 2023 - 14:20 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު އަދި ނައިބު ރައީސް ހަބީބު؛ އެއްވެސް ކެންޑިޑޭޓެއްގެ މާލީ ބަޔާން އަދި ނުލިބޭ ކަމަށް ބުނި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެއްވެސް ކެންޑިޑޭޓެއްގެ މާލީ ބަޔާން އަދި ނުލިބޭ، ސުންގަޑިއަކީ އަށެއް ނޮވެމްބަރު

23 އޮކްޓޯބަރު 2023 - 14:20 0

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން އެއްވެސް ކެންޑިޑޭޓެއްގެ މާލީ ބަޔާން އަދި ނުލިބޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އިލެކްޝަންސްގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މިއަދާ ހަމައަށް އެއްވެސް ކެންޑިޑޭޓެއްގެ މާލީ ބަޔާން ލިބިފައި ނެތް ނަމަވެސް އެ ކަމަށް އޮތް މުއްދަތު އަދި ހަމަނުވާ ކަމަށެވެ.

ސެޕްޓެމްބަރު 9، ގައި ބޭއްވި އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރި ކެންޑިޑޭޓުންގެ މާލީ ބަޔާންތައް ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ އަންނަ ނޮވެމްބަރު 8، އަށެވެ. ދެވަނަ ބުރުގެ މާލީ ބަޔާންތައް ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ އަންނަ ނޮވެމްބަރު 29، އަށެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަދުތަކަށް ފައިސާ ލިބޭ މަސްދަރުތައް ސާފުނުވާ ކަމާއި، ކެމްޕެއިންގެ ހާމަކަމާ ގުޅިގޮތުން އާއްމުންގެ ކަންބޮޑުވުންތައް އެބަހުއްޓެވެ.

މާލީ ބަޔާނުގައި ހިމެނެން ޖެހޭ ކަންކަން؛

  • އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލު
  • އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު
  • ފައިސާއާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލު
  • ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓް
  • ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ

ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ދެ ކެންޑިޑޭޓުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މާލީ ބަޔާން ވެސް ފުރިހަމައެއް ނޫނެވެ.

ސޯލިހުގެ މާލީ ބަޔާނުގައި ގާނޫނުގައި ބަޔާންކުރާ ތަކެތީގެ ތެރެއިން ފުރިހަމަ ވަނީ ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުގެ ތަފުސީލު އެކަންޏެވެ. ޔާމީންގެ މާލީ ބަޔާނުގައި އެ ތަފުސީލުތަކުގެ އިތުރަށް ޔާމީނަށް ފައިސާ ޖަމާކޮށްދިން މީހުން، ކެންޑިޑޭޓުގެ ކެމްޕޭން އެކައުންޓަށް ފައިސާ ފޮނުވި ބޭންކު ސްޓޭޓްމަންޓްތައް ހިމަނާފައިވެ އެވެ.

ޔާމީނާއި ސޯލިހުގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވެސް ގަބޫލުކުރައްވަ އެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބާއި ކައުންސިލްތަކުގެ އިންތިހާބާއި މަޖިލީހުގެ ބައެއް ދާއިރާތަކުގެ ބައި އިލެކްޝަންސްގައި ވެސް އެ މައްސަލަ ފާހަގަވެފައި އެބަ އޮތެވެ.

2009 އަދި 2014 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވެސް ގިނަ ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަ ނުވާ ކަމަށް ފުއާދު ވިދާޅުވެފައިވެ އެވެ.

ބައެއް މައްސަލަތަކުގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް ދައުވާ ކުރެވޭނެ ޖާގައެއް ނެތް ކަމަށް ބުނެ އެއްވެސް މައްސަލައެއްގައި ދައުވާނުކޮށް އަނބުރާ ފޮނުވާފައިވެ އެވެ.

އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ މާލީ ބަޔާން ފުރިހަމަނުވުމުން އީސީން ނިންމާފައިވަނީ އެއިން ކޮންމެ ކެންޑިޑޭޓަކު 6،000 ރ. އިން ޖޫރިމަނާ ކުރުމަށެވެ.

އިލެކްޝަންސްގެ ވިސްނުން މިހާރު ހުރީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމައަށް، އެ އޮންނަ މުއްދަތުގެ ތެރޭގައި ހުށަނާޅާނަމަ ފުރަތަމަ ފިޔަވަޅެއްގެ ގޮތުގައި ޖޫރިމަނާ ކުރުމަށެވެ. އަދި ކެމްޕެއިން ހިންގުމުގައި ގޯހެއް އުޅޭނަމަ އެ ކަން ތަހުގީގު ކުރުމަށް، ކަމާ ބެހޭ އިދާރާތަކަށް ފޮނުވުމަށެވެ.