Advertisement

މުއިއްޒު ވިދާޅުވަނީ އިންޑިއާ-ޗައިނާ ވާދަ ތެރެއަށް ވަންނަން އެދިވަޑައިނުގަންނަވާ ކަމަށް

23 އޮކްޓޯބަރު 2023 - 10:30 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު؛ އިންޑިއާ-ޗައިނާ ފަދަ ދުނިޔޭގެ ގަދަ ބާރުތަކުގެ ވާދައިގެ ތެރެއަށް ނުވަންނާނެ ކަމަށް ވިދާޅުވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


މުއިއްޒު ވިދާޅުވަނީ އިންޑިއާ-ޗައިނާ ވާދަ ތެރެއަށް ވަންނަން އެދިވަޑައިނުގަންނަވާ ކަމަށް

23 އޮކްޓޯބަރު 2023 - 10:30 0

އިންޑިއާއާއި ޗައިނާ ފަދަ ބައިނަލްއަގްވާމީ ބާރުގަދަ ގައުމުތަކުގެ ވާދަވެރިކަމުގެ ތެރެއަށް ވެދެވަޑައިނުގަންނަވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ތިބެން ދިވެހިން ބޭނުން ނުވާ ކަމަށެވެ. ރާއްޖޭގައި ގާއިމުވެ ތިބި ކަމަށް ބުނާ އިންޑިއާގެ ސިފައިން ފޮނުވާލަން ޖެހެނީ ރައްޔިތުން އެ ގޮތަށް ބޭނުން ނުވާތީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރަކާއި ޑޯނިއާ މަތިންދާބޯޓެއް އޮޕަރޭޓްކުރަން އިންޑިއާ ސިފައިންގެ 75 މީހުން އެބަ ތިއްބެވެ. ސަރުކާރުން ބުނާ ގޮތުގައި އެއީ އިންސާނީ ހިދުމަތްތެރިންނެވެ. ހަތިޔާރާއެކު ތިބި ސިފައިންގެ ބައެއް ނޫނެވެ.

އަންނަ ނޮވެމްބަރު 17، ގައި ވެރިކަމާ ހަވާލުވެވަޑައިގަންނަވާ މުއިއްޒު ވިދާޅުވީ އެ ސިފައިން އެ ގޮތުގައި ރާއްޖޭގައި ތިބުމަކީ، އިންޑިއާއާއި ޗައިނާއާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައި ރާއްޖެއަށް ބޮޑު ރިސްކެއް ކަމަށެވެ.

"ރާއްޖެ އަދި މާ ކުޑަ، މިފަދަ ގްލޯބަލް ޕަވާ ސްޓަރަގަލް [އިންޑިއާއާއި ޗައިނާގެ ވާދަވެރިކަން] ގެ ތެރެއަށް ވަންނަން، އަޅުގަނޑުމެންގެ ސަރުކާރެއްގައި ނުވެސް ވަންނާނަން އެފަދަ ކަންކަމުގެ ތެރެއަށް،" މާ ގިނަ ޕާޓީތަކާ އިއްތިހާދުނުވެ ފުރަތަމަ ފަހަރަށް ރިޔާސީ އިންތިހާބެއް ކާމިޔާބު ކުރެއްވި މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ދިން މެސެޖަކީ ބޭރުގެ އަސްކަރިއްޔާ ރާއްޖޭގައި ތިބެން ރައްޔިތުން ބޭނުން ނުވާ ކަން ކަމަށެވެ. އަދި އިންޑިއާއާއެކު ހަދާފައިވާ އަސްކަރީ އެއްބަސްވުންތައް މުރާޖައާކޮށް ހާމަކުރެވެން އޮތް ވަރަކަށް ހާމަކުރައްވަން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް މިހާރު ހިނގަމުންދާ އިންތިގާލީ މަރުހަލާގެ ތެރެއިން، އިންޑިއާގެ ސަފީރާ ބައްދަލު ކުރެއްވުމަށް ފަހު އެ ވާހަކަތައް ސާފުކޮށް އަންގަވާފައިވާނެ ކަމަށް ވެސް މުއިއްޒު ބީބީސީއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ނޭނގެ [އެއްބަސްވުންތަކުގައި] ހުރި އެއްޗެއް، ޕާލިއަމެންޓަށް ވެސް ހިއްސާކޮށްފައެއް ނުވޭ، އަޅުގަނޑުމެންގެ ކޯލިޝަން ތަމްސީލުކުރާ މެންބަރުން އެބަ ވިދާޅުވޭ، އެއިން އެއްވެސް ކަމެއް ސާފުނުވާ ކަމަށް،" ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ހިމެނޭ ޕީއެންސީވެ ރައީސް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ހައުސިން މިނިސްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި ޕީޕީއެމްގެ ފުރަތަމަ ސަރުކާރުގައި ގާތް ގުޅުމެއް ބޭއްވީ ޗައިނާއާ އެވެ. މާލެ ސަރަހައްދުގައި އެ ސަރުކާރުން ހިންގި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގާފައިވަނީ ޗައިނާއިން ދޫކުރި ލޯނު އަދި ހިލޭ އެހީގެ ދަށުންނެވެ.

އޭގެ ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާއާ ގާތް ގުޅުމެއް ބާއްވައި، އިންޑިއާގެ އަސްކަރީ އެހީ ހޯދުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ދެކޮޅަށް ޕީޕީއެމުން ވާހަކަ ދައްކާފައިވެ އެވެ. އިންޑިއާ ސިފައިން ފޭބުމަށް ގޮވާލާ "އިންޑިއާ އައުޓް" ހަރަކާތެއް ވެސް ހިންގާފައިވެ އެވެ.

އެހެންވެ މުއިއްޒަކީ "ޕްރޯ-ޗައިނާ" ކެންޑިޑޭޓެއް ގޮތަށް ބައިނަލްއަގުވާމީ މީޑިއާތަކުން ވެސް ރިޕޯޓްކޮށްފައިވެ އެވެ. ބީބީސީއަށް ދެއްވި އިންޓަވިއުގައި އެ ކަންކަމަށް ވެސް މުއިއްޒު ރައްދު ދެއްވި އެވެ. ވިދާޅުވީ އެމަނިކުފާނަކީ "ޕްރޯ-މޯލްޑިވްސް" ބޭފުޅެއް ކަމަށެވެ.

މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ވެސް "ޕްރޯ-މޯލްޑިވްސް" ކަމަށް އެމަނިކުފާނު އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ފުރަތަމަ ފަހަރަށް ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި އެވެ. އަދި ރާއްޖެއާ ސިޔާސީ ގުޅުން ގާއިމުކޮށްފައިވާ ބޭރު ގައުމުތަކުގެ މަންދޫބުންނާ ބައްދަލުކުރައްވައި، އެ ކަން މުއިއްޒު ގެންދަވަނީ ހިއްސާޚުރައްވަމުންނެވެ.