މަސް ދޯންޏެއްގައި މަސްވެރިން މަސް ބާނަނީ -- ފޮޓޯ: މިފްކޯ
މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭން މަސް އެކްސްޕޯޓް ކުރި މިންވަރު އަނެއްކާ ވެސް ދަށަށް ގޮސްފި އެވެ.
ރާއްޖޭގެ މައިގަނޑު އެކްސްޕޯޓަކީ މަހުގެ ބާވަތްތަކެވެ. ކަސްޓަމްސް އިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖެއިން އެކްސްޕޯޓްކުރީ އެންމެ 86 މިލިއަން ރުފިޔާގެ މަހެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަސް އެސްޕޯޓްކުރި އަދަދަށް ވުރެެ 43 ޕަސެންޓް ދަށް މިންވަރެކެވެ.
މިއަހަރުގެ އެކްސްޕޯޓު ތަފާސް ހިސާބު:
މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް އެކްސްޕޯޓް ކުރީ ކަނޑުމަހުގެ ބާވަތްތަކެވެ. އެގޮތުން ފިނި ކުރި މަހާއި ތައްޔާރުކުރި މަހުުގެ ބާވަތްތައް ހިމެނޭހެން ޖުމްލަ 69 މިލިއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވެ އެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މުދާ އެކްސްޕޯޓްކުރީ ތައިލެންޑް، އިނގެރޭސިވިލާތް އަދި ފްރާންސްއަށެވެ.
ސެޕްޓެމްބަރު މަހު 4.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓު ކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެ ތިން ޕަސެންޓު ދަށް މިންވަރެކެވެ.
މިދިޔަ މަހު އެންމެ ގިނަ އަދަދަކަށް ހިމެނެނީ ތެލުގެ ބާވަތްތަކެވެ. އެގޮތުން 1.071 ބިލިއަން ރުފިޔާގެ ތެލުގެ ބާވަތްތައް އެތެރެކޮށްފައިވާއިރު، ކާބޯތަކެތީގެ ގޮތުގައި 734 މިިލިއަން ރުފިޔާގެ މުދާ އަދި އިލެކްޓްރިކް ސާމާނާއި މެޝިނަރީސް ގޮތުގައި 686 މިލިއަން ރުފިޔާގެ މުދާ ވަނީ އިމްޕޯޓްކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މުދާ އިމްޕޯޓްކޮށްފައިވަނީ އޮމާން، އިންޑިއާ އަދި ޔޫއޭއީ އިންނެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުން ސެޕްޓެމްބަރު މަހު އިމްޕޯޓް އެކްސްޕޯޓުން ކަސްޓަމަށް 360 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާ އިރު ތިން ޕަސެންޓު އިތުރު އަދަދެކެވެ.
މިދިޔަ މަހު މުދާ ހިފައިގެން ރާއްޖެއަށް 103 ކާގޯ އުޅަނދެއް އައި އިރު 105 އުޅަނދު ރާއްޖެއިން މުދާ ހިފައިގެން ފުރި އެވެ.
Comment