Advertisement

ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް ގޮތް ނިންމާނީ ޑިމޮކްރެޓުންގެ 'ހަތް އިންސައްތަ' ވޯޓުން: ޝިފާޒު

22 އޮކްޓޯބަރު 2023 - 23:10 3

އަހުމަދު އާއިދު

އަހުމަދު އާއިދު

ޑިމޮކްރެޓުންގެ އިންތިގާލީ ކައުންސިލްގެ މެންބަރު މުހައްމަދު ޝިފާޒު : ވިދާޅުވީ ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް ގޮތް ނިންމާނީ ޑިމޮކްރެޓުންގެ 'ހަތް އިންސައްތަ' ވޯޓުން ކަމަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް ގޮތް ނިންމާނީ ޑިމޮކްރެޓުންގެ 'ހަތް އިންސައްތަ' ވޯޓުން: ޝިފާޒު

22 އޮކްޓޯބަރު 2023 - 23:10 3

އަންނަ އަހަރުގެ މަޖިލިސް އިންތިހާބާއި ހުސްވެފައިވާ މާލެ ސިޓީ މޭޔަރުގެ އިންތިހާބު ހިމެނޭހެން ކުރިއަށް އޮތް އިންތިހާބުތަކުގައިވެސް ގޮތް ނިންމާނީ ޑިމޮކްރެޓުންނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު 'ހަތް އިންސައްތަ' ވޯޓުން ކަމަށް އެ ޕާޓީގެ އިންތިގާލީ ކައުންސިލްގެ މެންބަރު މުހައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ޝިފާޒު މިހެން ވިދާޅުވީ މިރޭ ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން އިންތިހާބުގައި ޑިމޮކްރެޓުންނަށް ލިބުނީ 'އެންމެ ހަތް އިންސައްތަ' ވޯޓު ކަމަށް ބުނެ އެމްޑީޕީގެ ބައެއް މެންބަރުން ބުނާ ބުނުމަށް ރައްދު ދެއްވާ ޝިފާޒު ވިދާޅުވީ މަދު ނަމަވެސް، އެ ހަތް އިންސައްތައިން އިންތިހާބުތަކުގެ ގޮތް ނިންމާނެ ކަމަށެވެ.

"87 ދާއިރާއަށް ވާދަކުރެއްވިޔަސް ހުރިހާ ދާއިރާއަކަށް ވާދަކުރެއްވިޔަސް، މިވަގުތު އިންތިހާބަކުން މޮޅުވާން ބޭނުންވާ އަދަދުގެ ވޯޓު އެ ހަތް ޕަސެންޓުގައި އޮތީ، މިއީ ހަގީގަތް، ދެން މިކަމަކާއެއް ކޯފާ ވާނެ ކަމެއް ނެތް"

ޑިމޮކްރެޓްސް އަކީ އެމްޑީޕީ ތެރޭގައި ޖެހުނު މައްސަލަތަކަށްފަހު އެ ޕާޓީގެ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީއެކެވެ. އެމްޑީޕީގެ 13 މަޖިލިސް މެންބަރަކާވެސް އެކު އުފެއްދި ޑިމޮކްރެޓްސް އިން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހަތް އިންސައްތަ ވޯޓު ހޯދާ ތިންވަނަ ކާމިޔާބު ކުރި އެވެ.

ދެވަނަ ބުރުގައި އެމްޑީޕީ އަދި ޕީއެންސީއާއެކު މަޝްވަރާ ތަކެއް ކުރި ނަމަވެސް އެ ޕާޓީން ނިންމީ ރަސްމީކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ. ނަމަވެސް، ޕާޓީގެ ލީޑަޝިޕުގެ ބައެއް މެންބަރުންނާއި އާންމު މެންބަރުން ވަނީ ދެވަނަ ބުރުގައި ޕީއެންސީއަށް ކެމްޕޭން ކޮށްދެއްވާފަ އެވެ. އިންތިހާބީ ރައީސް ޑރ. މުއިއްޒުވެސް ވަނީ ދެވަނަ ބުރުގައި ޑިމޮކްރެޓުންގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވާފަ އެވެ.

"އެ ހަތް ޕަސެންޓުގެ ވާހަކަ ވިދާޅުވެފަ އިތުރަށް އެބޭފުޅުން ދެއްކެވި ވާހަކަ އަޅުގަނޑުވެސް ކޮންމެވެސް ބަލަމުން ދިޔައިން، 'ބަރުލަމާނީ ނޫން ގޮތެއް، އަންނި ނޫން ގޮތެއް' މިއީ އެބޭފުޅުންނަށް ވެފަ ތިބި ގޮތް" ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ނާކާމިޔާބީއަށްފަހު އެމްޑީޕީއިން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމަށް އިޝާރާތް ކުރައްވާ އެ ޕާޓީގެ ނައިބު ރައީސްކަންވެސް މީގެ ކުރިން ކުރެއްވި ޝިފާޒު ވިދާޅުވި އެވެ.

އޭނާ ފާހަގަކުރެއްވި އެމްޑީޕީ ލީޑަޝިޕުގެ ވާހަކަތަކަކީ ރިޔާސީ ނާކާމިޔާބީގެ ސަބަބުން ކުރިމަތިވި ޖަޒުބާތުގައި ތިބެ ދެއްކި ވާހަކަތަކެއް ކަމަށެވެ.

ޝިފާޒު މިހެން ވިދާޅުވިއިރު، ޑިމޮކްރެޓުން މިއަދު ވަނީ އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމާ އެކަން އިއުލާންކޮށްފަ އެވެ.

އޭނާ މިރޭ ދެއްކެވި ވާހަކައިގައިވެސް އެ އިންތިހާބުގައި، މަޖިލީހުގައި މިހާރު އޮތް އެމްޑީޕީގެ މެޖޯރިޓީ ގެއްލުވާލާނެފަދަ އިބާރާތްތަކުން ވާހަކަދެއްކެވި އެވެ. އެމްޑީޕީއިންވެސް އެ އިންތިހާބުގައި ހުރިހާ ދާއިރާއަކުން ކެންޑިޑޭޓުން ނެރޭނެ ކަމަށް ބުނެފަ އެވެ.