Advertisement

އިންޓަ މިލާން އެއް ވަނަ އަށް، ނަޕޯލީ ވެސް މޮޅުވެއްޖެ

22 އޮކްޓޯބަރު 2023 - 14:49 0


އިންޓަ މިލާން އެއް ވަނަ އަށް، ނަޕޯލީ ވެސް މޮޅުވެއްޖެ

22 އޮކްޓޯބަރު 2023 - 14:49 0

ޓޮރީނޯ (އޮކްޓޯބަރު 22) - ޓޮރީނޯ 3-0 އިން ބަލިކޮށް، އިންޓަ މިލާނުން އިޓާލިއަން ސެރީއާ ތާވަލްގެ އެއް ވަނަ އަށް ޖެހިލިއިރު، ނަޕޯލީ އިން ހެލަސް ވެރޯނާ އަތުން މޮޅުވެއްޖެ އެވެ.

ސެރީއާގެ އެއް ވަނަ އަށް އިންޓަ މިލާން ޖެހިލީ 22 ޕޮއިންޓާ އެކުގަ އެވެ. އެއް މެޗު މަދުން ކުޅެ ދެ ވަނައިގައި އޮތީ އޭސީ މިލާން އެވެ. މިދިޔަ އަހަރުގެ ޗެމްޕިއަން ނާޕޯލީ އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.

އިންޓަ މިލާނުން ރޭ ޓޮރީނޯ އަތުން މޮޅުވި މެޗުގައި އެ ޓީމުގެ ފުރަތަމަ ގޯލު ޑެންޒެލް ޑަމްފްރައިސް ނަގައިދިން ހުރަހަކުން ޖަހައިދިނީ މާކަސް ތުރާމް އެވެ. އިންޓަގެ ކީޕަރު ޔަން ސޮމާ ރަނގަޅު ސޭވްތަކެއް ކުރި މެޗުގައި އެޓީމްގެ ދެވަނަ ގޯލު ޖަހައިދިނީ ލައުޓާރޯ މާޓިނޭޒް އެވެ.މި ގޯލާއިއެކު އޭނާ ލީގުގައި ޖެހި 11 ވަނަ ގޯލެވެ. އިންޓަގެ ފަހު ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ހަކަން ޗަޅަނޯގްލޫ ޖެހި ގޯލެކެވެ.

ސެރީއާގައި ރޭ ނަޕޯލީ އިން 3-1 އިން ހެލަސް ވެރޯނާ އަތުން މޮޅުވި މެޗުގައި ކްވިޗާ ކްވަރަޝްކޭލިއާ ވަނީ ދެ ގޯލު ޖަހާފަ އެވެ. އަނެއް ގޯލު ޖަހައިދިނީ މަޓެއޯ ޕޮލިޓާނޯ އެވެ. ހެލަސް ވެރޯނާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑާކޯ ލަޒޮވިޗް އެވެ.

ލީގުގައި ރޭ ލާޒިއޯ އިން ވަނި 2-0 އިން ސަސޫލޯ ބަލިކޮށްފަ އެވެ. މި މެޗުގައި ލާޒިއޯގެ ދެ ގޯލު ޖަހައިދިނީ ފިލިޕޭ އެންޑަސަން އާއި ލުއިސް އަލްބާޓޯ އެވެ.

ސެރީއާގައި މިރޭ އޭސީ މިލާން އާއި ޔުވެންޓަސް ވާދަކުރާ ފޯރިގަދަ މެޗު އޮންނާނެ އެވެ. މީގެ އިތުރުން ހޯސޭ މޮރީނިއޯގެ ރޯމާ ނުކުންނާނީ މޮންޒާއާ ދެކޮޅަށެވެ.