Advertisement

ސެވިއްޔާއާ އެއްވަރުވެ، ރެއާލަށް ފުރުސަތުގެ ބޭނުން ނުހިފުނު

22 އޮކްޓޯބަރު 2023 - 10:44 0


ސެވިއްޔާއާ އެއްވަރުވެ، ރެއާލަށް ފުރުސަތުގެ ބޭނުން ނުހިފުނު

22 އޮކްޓޯބަރު 2023 - 10:44 0

ސެވިލް، ސްޕެއިން (އޮކްޓޫބަރު 22) - ސްޕެނިޝް ލީގުގައި ރޭ ސެވިއްޔާއާ 1-1 އިން އެއްވަރުވެ، ރެއާލް މެޑްރިޑަށް ލީގުގެ އެއް ވަަނައިގައި ލީޑުފުޅާކުރަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި ފަރުޖައްސާލަން ޖެހިއްޖެ އެވެ.

ރޭގެ މެޗުން މޮޅުވެ، ފަސް ޕޮއިންޓުގެ ލީޑެއް ލީގުގެ އެއް ވަނައިގައި ނަގަން ރެއާލަށް ފުރުސަތު އޮތެވެ، އެކަމަކު، މެޗު އެއްވަރުވެގެން ނިމުމުން ރެއާލް އެއް ވަނައިގައި އޮތީ 10 މެޗުން 25 ޕޮއިންޓާ އެކު އެވެ. ލީގުގެ ދެ ވަނައިގައި އޮތީ ރޭ ސެލްޓަ ވިގޯ ދަނޑުގައި 3-0 އިން މޮޅުވި، އެތުލެޓިކޯ މެޑްރިޑް އެވެ. އެތުލެޓިކޯ އަށް ވަނީ ނުވަ މެޗުން 22 ޕޮއިންޓް ލިބިފަ އެވެ.

ތިން ވަނައިގައި އޮތް ޖިރޯނާ އަށް ވެސް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ ހަތަރު ވަނައިގައި އޮތީ ނުވަ މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.

ސެވިއްޔާ ދަނޑުގައި ރޭ ކުޅުނު މެޗުގެ ލަނޑުތައް ފެނިފައިވަނީ މެޗުގެ ފަހު ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 74 ވަނަ މިނިޓްގައި ސެވިއްޔާ އިން ލީޑުނެގީ ރެއާލްގެ ޑިފެންޑަރު، ޑޭވިޑް އަލަބާ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސެވިއްޔާގެ ހުރަހެއް ހުއްޓުވަން އުޅުމުގެ ތެރޭގައި އަލަބާ ޖެހި ބޯޅަ ބައިކޮޅަށް ވަނީ ރެެއާލް ކީޕަރު ކެޕާ އަރިއްޒަަބަލާގާ އަތުގައި ޖެހިފަ އެވެ.

ރެއާލުން ވަނީ މާ ގިނައިރެއްނުވެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 78 ވަނަ މިނިޓްގައި ރެއާލަށް ލިބުނު ހިލޭ ޖެހުމަކުން ޓޯނީ ކްރޫސް ނަގައިދިން ބޯޅަ ޑެނީ ކާވަހާލް ވަނީ ބޮލުން ގޯލަށް ފޮނުވާލައިފަ އެވެ.

ރޭގެ މެޗު ހާއްސަވާނެ އެއް ކުޅުންތެރިއަކީ ސެވިއްޔާގެ ޑިފެންޑަރު، ސާޖިއޯ ރާމޯސް، 37، އަށެވެ. ސެވިއްޔާ އިން ކެރިއަރު ފަށައި، ރާމޯސް ވަނީ 2001 އިން 2021 އަށް ރެއާލަށް ކުޅެފަ އެވެ. މި ސީޒަނުގައި އަލުން ސެވިއްޔާ އަށް ބަދަލުވުމުގެ ކުރިން، ރާމޯސް މިދިޔަ ދެ ސީޒަން ހޭދަކުރީ ޕީއެސްޖީގަ އެވެ.

ސެލްޓަ ވިގޯ އަތުން އެތުލެޓިކޯ މެޑްރިޑް މޮޅުވި މެޗުގައި އެ ޓީމުގެ ތިން ލަނޑު ޖަހައި، އެންޓޮއިން ގްރީޒްމަން ވަނީ ހެޓްރިކެއް ހަދައިފަ އެެވެ.