22 އޮކްޓޯބަރު 2023 - 06:08 3
މުހައްމަދު އުޝާމް
ކޭޕާކު މަމްދޫހު؛ އޭނާއަށް ދައުވާ ކުރުމަށް ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ވަނީ ފަށައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު
22 އޮކްޓޯބަރު 2023 - 06:08 3
ކޭޕާކް ރެސިޑެންސްއިން އެޕާޓްމެންޓު ވިއްކުމުގެ ތެރެއިން މަކަރު ހަދައި އޮޅުވާލި މައްސަލާގައި ތުހުމަތު ކުރެވޭ ހަމްބޯ ކުންފުނީގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) އަށް ދައުވާ ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
މީހުންގެ އަތުން އެތައް ފައިސާއެއް ނެގުމަށް ފަހު މަޝްރޫއު ކުރިއަށް ނުގޮސް އޮތް މައްސަލާގައި މަމްދޫހުގެ ޕާސްޕޯޓު މި ވަގުތު ހިފަހައްޓާފައިވާއިރު، މީގެ ކުރިން އޭނާ ބަންދުކޮށްގެން މައްސަލައިގެ ތަހުގީގު ހިންގުމަށް ޓަކައި ބަންދުގެ މުއްދަތުތަކެއް ވެސް ކޯޓުން ޖަހައިދީފައިވެ އެވެ.
މަމްދޫހުގެ މައްޗަށް ފުލުހުން ހިންގަން ފެށި ތަހުގީގަށް ގާތްގަނޑަކަށް ހައެއްކަ މަސް ވެފައިވާއިރު، މިހާރު ތަހުގީގުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި, މައްސަލަ މިހާރު ކުރިއަށް ގެންދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު މަޝްވަރާކޮށްގެން ކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން (ދައުވާ ކުރުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަޝްވަރާ ކުރުން) ކުރިއަށްދާ ކަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވެސް ކަށަވަރުކޮށްދިނެވެ.
ކޭޕާކު ޕްރޮޖެކްޓުގެ މަސައްކަތް ކުރަނީ ކޮރެއާގެ ހަމްބޯ ކުންފުންޏާ ގުޅިގެން އުފެއްދި ހަންބޯ މޯލްޑިވްސްއިންނެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ އޮންނަނީ ޗައިނާ ރައްޔިތެއް ކަމަށްވާ ޖިން ޝީ ހޫގެ އަތުގަ އެވެ. މަމްދޫހުގެ އޮންނަނީ ކުންފުނީގެ ފަސް ޕަސެންޓު ހިއްސާ އެވެ.
ހަންބޯ ކޮރެއާ އިން ނެރުނު ބަޔާނުގައި ފުލެޓުތައް ގަނެވިއްކުމުގެ އެއްބަސްވުމުގައި މަމްދޫހު ސޮއިކޮށްފައި ވަނީ، މައި ހިއްސާދާރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން މަމްދޫހުގެ ވިޔަފާރި ޕާޓްނަރު ޖައިޝަން ސައީދަށް ދިން ކަމަށް ބުނާ ގަރާރެއް ބޭނުންކޮށްގެން ކަމަށް ތުހުމަތުކޮށްފައިވެ އެވެ.
ރައްދުގައި މަމްދޫހު ވެސް ބަޔާނެއް ނެރުނެވެ. އޭގައި މައި ހިއްސާދާރަށް އެތައް ތުހުމަތެއް އޭނާ ކޮށްފައިވެ އެވެ. މަޝްރޫއު ހިންގާފައިވަނީ މީހުން އަތުން ނެގި ފައިސާއިން ކަމަށާއި، މަކަރާއި ހިލާތް ހެދީ މައި ހިއްސާދާރު ކަމަށެވެ. ނަމަވެސް ސޮއި ފޯޖުކުރުމުގެ ތުހުމަތަށް މަމްދޫހުގެ ބަޔާނުގައި ޖަވާބުދީފައެއްނުވެ އެވެ.
ކޯޓު އަމުރަކާއެކު އިމިގްރޭޝަނުން މަމްދޫހުގެ ޕާސްޕޯޓު ހިފަހައްޓައި، މައްސަލައިގެ ތަހުގީގު ފުލުހުން ފަށާފައިވަނީ ހަންބޯ ކޮރެއާގެ ބަޔާނަށް ފަހުގައި އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް އާބަންކޯއިން ފުލުހުގައި އެދުމުންނެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ތަކުރު
over 1 year ago
މިހާރު މީނަގެ ދެވަނަ އަނބި އިންތިޚާބީ ރައީސް އޮފީހުން ވަޒީފާ ހޯދައިގެން މިއުޅެނީ މިމައްސަލަ އޮއްބަން މަސައްކަތް ކުރަން ހެން ވަރަށް ހީވޭ..މިކަހަލަ މީހުންނަށް ވަޒީފާ މި ލިބޭގޮތްވެސް ބަލަން ޖެހޭ..ކޮން އުސޫލަކުން ބަލާފަބާ އިންތިޚާބީ އޮފީހަށް މީހުން ނެގީ
ސައިލެންޓް ސޯލު (އައިމިނަތް ޝަހުދާ، ހަގު އަނބި)
over 1 year ago
މަގޭ ފިރިމީހާ އަކަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަލޭމެންނަކަށް. ތިމަންނަ މީހާރު މިހިރީ ރައީސް މުއިޒު ފޮނުއްވައިގެން އެޗް.ޑީ.ސީ އާއި ހަވާލުވާން އައިސް ޓްރާންސިޝަން ކޮމިޓީގަ. ހީނުކުރައްޗޭ ތިމަންނަމެންނާ ކުޅެވިދާނެހެން.
އިއްތިފާްގު
over 1 year ago
މިހާރު ތިމައްސަލަ ބެލޭނެހެން ހާދަ ހީނުވެޔޭ. މުސްތަގުބަލުގެ އިކޮނޮމިކް މިނިސްޓަރު ސައީދު ގެ އަނބިކަނބަލުންނާއި މަންޑޭ ގެ އަނބިކަނބަލުންގެ ކުންފުންޏަކީ ކޮބައިތޯ ބަލަންކެރޭނެތޯ؟ އެ ކުންފުނީގައި 2 ބޭފުޅުންގެ އަނބިކަނބަލުން ތިއްބެވީ ކޯންޗެއް ފޮރުވަންތޯ؟ މަންޑޭ ގެ އަނބިކަނބަލުންނަށް އާބަންކޯ ގެ ޑީއެމްޑީގެ މަޤާމު މިހާރުވެސް ކަށަވަރު ވެއްޖެ ނޫންތޯ؟ ޓްރާންސިޝަން ކޮމެޓީގައި ނަގާ ކިޔުއްވީ މަންޑޭ ގެ އަނބިކަނބަލުންނޫންތޯ ހަމަ ހުސް އިއްތިފާޤު!
Comment