21 އޮކްޓޯބަރު 2023 - 16:53 0
ސާއިފް ޝިޔާދު
ގޮވުން ހިނގި ކަމަށް ބެލެވޭ ސަރަހައްދުގައި ހުރި އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި. ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށަށް ދަނީ ދަތުރުކުރަމުން ---
21 އޮކްޓޯބަރު 2023 - 16:53 0
ހދ. މަކުނުދޫގައި އެއާޕޯޓެއް އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރަން ކުރިއަށްގެންދާ މަޝްރޫއުގައި މަސައްކަތްކުރާ ދެ ބިދޭސީ ފިރިހެނުން މަރުވެއްޖެ އެވެ.
މިހާތަނަށް ބެލި ބެލުމުން އެ މީހުން މަރުވީ މަކުނުދޫ ބަނދަރުމަތީގައި ހުންނަ މަސް މާރުކެޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެން ކަމަށް ފުލުހުން މައުލޫމާތު ދެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ވެސް ބުނި ގޮތުގައި މިއީ ބަނދަރު މަތީގައި ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި ގޭސް ސިލިންޑަރެއް ގޮވައިގެން ހިނގި ހާދިސާއެކެވެ.
މަކުނުދޫގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަވާލުކުރީ ބިގް ފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އަދި, ސަބް ކޮންޓްރެކްޓަރެއްގެ ގޮތުގައި އެ މަސައްކަތް ކުރަނީ ބައިސަން މޯލްޑިވްސްއިންނެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މަރުވި ބައިސަންގެ ދެ މުވައްޒަފުންނަކީ މުހައްމަދު ރާޖާ އަންސާރީ, 27, އަދި ސުދީރާ ސެތީ, 25, އެވެ.
މަންޒަރު ދުށް މީހަކު ބުނި ގޮތުގައި އޭގެ ތެރެއިން އެކަކުގެ ބޯ ވެސް އޮތީ ހަށިގަނޑާ ވަކިވެފައި ކަމަށާއި އަނެއް މީހާއަށް ވެސް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި, ގޮވުމުގެ ބާރު ގަދަ ވުމުގެ ސަބަބުން އެ މީހުންގެ ހަށިގަނޑުގެ ބައިތައް 200 ފޫޓަށް ވުރެ ދުރަށް ބުރައިގެން ގޮސްފައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެ ހާދިސާގެ ފޮޓޯތަކުން އެނގޭ ގޮތުގައި މިއީ ވަރަށް ބާރުގަދަ ގޮވުމެކެވެ. އެ ސަރަހައްދުގައި ހުރި އިމާރާތެއްގެ ސީލިން ހަލާކުވެ ބިއްލޫރިތައް ތަޅައިގެން ގޮސްފައިވާއިރު ކައިރީގައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ގެއްލުން ލިބިފައިވެ އެވެ.
ފުލުހުންގެ ފޮރެންސިކް ޓީމުތައް އެ ރަށަަށް ދަތުރުކުރަމުންދާތީ މިހާތަނަށް ހަށިގަނޑުތައް އެތަނުން ނަގާފައި ނުވާ ކަމަށާއި މުޅި ސަރަހައްދު ބަންދުކޮށްފައިވާ ކަމަށް ވެސް އެ ރަށުން މައުލޫމާތު ދިން މީހަކު ކިޔައިދިނެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއް މެދުވެރިކޮށް މައުލޫމާތު ދެމުން ފުލުހުން އެންމެ ފުރަތަމަ ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ އެ ރަށުގެ ނަރުދަމާގެ މަސައްކަތް ކުރަމުންދިޔަ ސައިޓުގަ އެވެ.
މި ހާދިސާގައި ތަހުގީގައި އެމްއެންޑީއެފުން ވެސް ބައިވެރިވަމުންދާ ކަމަށް އެ އިދާރާއިން ވަނީ ބުނެފަ އެވެ. މިކަމުގެ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
Comment