20 އޮކްޓޯބަރު 2023 - 06:56 0
އަޒްލިފާ އަބްދުﷲ
ނިއު ދިއްލީގައި ހުންނަ ކެނެޑާގެ ހައި ކޮމިޝަން ކުރިމަތީގައި އިންޑިއާގެ ފުލުހުން ފޯރިމަރަނީ. -- ފޮޓޯ: އޭއެފްޕީ
20 އޮކްޓޯބަރު 2023 - 06:56 0
ކެނެޑާގައި އުޅުނު ސީކް ދީނުގެ މީހެއް ކަމުގައިވާ ހަރްދީޕް ސިންގް ނިއްޖާރް މަރާ ގުޅިގެން އުފެދުނު ނުތަނަވަސްކަން މައިތިރި ނުވެ، އިންޑިއާގައި ތިބި ކެނެޑާގެ 41 ޑިޕްލޮމެޓުން އެ ގައުމު ދޫކޮށް ދާން ޖެހިއްޖެ އެވެ.
ކެނެޑާގެ ރައްޔިތެއް ކަމުގައިވާ ނިއްޖާރް މަރާލީ ޖޫން 18 ވަނަ ދުވަހު ވެންކޫވާގައި ސީކް ދީނުގެ ސަގާފީ ސެންޓަރެއްގެ ކުރިމަތީގަ އެވެ. ބަޑި ޖަހައި އޭނާ މަރާލި މައްސަލައިގައި ކެނެޑާއިން ބުނީ އިންޑިއާ ސަރުކާރާ ގުޅުން ހުރި އޭޖެންޓުންނާ އެ މަރާ ގުޅުން އޮތް ކަމަށް ބެލެވޭ "ސައްހަ ތުހުމަތުތަކެއް" ހުރި ކަމަށެވެ.
ނަމަވެސް އިންޑިއާއިން އެ ތުހުމަތު އެއްގޮތަކަށް ވެސް ބަލައިނުގަނެ އެވެ.
ކެނެޑާގެ ތުހުމަތާއެކު ދެ ގައުމުގެ ގޯސްވެފައި ވަނިކޮށް، އިންޑިއާ ތިބި ކެނެޑާގެ 62 ޑިޕްލޮމެޓުންގެ ތެރެއިން 41 ޑިޕްލޮމެޓެއްގެ "އިމްތިޔާޒު" ބާތިލު ކުރާނެ ކަމަށް އިންޒާރު ދިނުމާއެކު އެ ފަރާތްތައް ވަނީ ކެނެޑާއަށް ގެންގޮސްފަ އެވެ. އެ މީހުންގެ ތެރޭގައި ޑިޕްލޮމެޓުންގެ އިތުރުން އެ މީހުންގެ އާއިލާގެ މެމްބަރުން ހިމެނެ އެވެ.
ކެނެޑާގެ ފޮރިން މިނިސްޓަރު ޖޯލީ ވިދާޅުވީ ޑިޕްލޮމެޓިކް އިމްތިޔާޒު އުވާލުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށެވެ. ނަމަވެސް، އެކަމުގައި ބަދަލު ނުހިފާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޑީއާއިން ވަނީ މީގެ ކުރިން ކެނެޑާގެ ޑިޕްލޮމެޓުން މަދުކުރުމަށް ގޮވާލައިފަ އެވެ
ސީކް ދީނުގެ މީހާގެ މަރާ ގުޅިގެން ކެނެޑާއިން ވަނީ ޑިޕްލޮމެޓެއްގެ ގޮތުގައި އެ ގައުމުގައި ހުރި އިންޑިއާގެ ޖާސޫސީ އޮފިޝަލަކު މީގެ ކުރިން ފޮނުވާލުމާ ގުޅިގެން، ރައްދުގައި އިންޑިއާއިން ވެސް ނިއު ދިއްލީގައި ހުރި ކެނެޑާގެ އިސް ޑިޕްލޮމެޓަކު ފޮނުވައިލި އެވެ.
މަރާލި ހަރްދީޕް ސިންގްއަކީ ސީކް ދީނުގެ މީހުންގެ ވަކި ދައުލަތެއްގެ ގޮތުގައި އިންޑިއާގެ އުތުރުގައި ހަލިސްތާން ގާއިމްކުރަން ވަކާލާތު ކުރަމުން ދިޔަ އެކްޓިވިސްޓެކެވެ. އިންޑިއާގެ ފުލުހުން ވަނީ އޭނާގެ މައްޗަށް ޓެރަރިޒަމާއި މީހުން މަރަން ރޭވުމުގެ ތުހުމަތުކޮށްފަ އެވެ.
އެކަމަކު އޭނާ އެ ތުހުމަތުތައް ދޮގުކުރި އެވެ. އިންޑިއާ ސަރުކާރުން ބުނީ ކެނެޑާގައި ސީކް ދީނުގެ ހަރުކަށި މީހުން ހިންގާ އަމަލުތަކަށް ކެނެޑާގެ އިދާރާތަކުން އަޅާ ނުލާ ކަމަށެވެ.
Comment