Advertisement

މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ހޯދަން މީހަކު މަޖިލީހުގައި އެދިއްޖެ

19 އޮކްޓޯބަރު 2023 - 10:31 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެއި 6 ގެ ހަމަލާގެ މައްސަލައިގެ އިންކުއަރީ ހިންގި ކޮމިޓީގެ ބައްދަލުވުމެއް؛ ކޮމިޓީގެ މުޅި ރިޕޯޓް ހޯދަން އާންމު މީހަކު މަޖިލީހުގައި އެދިއްޖެ - ފޮޓޯ: މަޖިލިސް


މޭ ހައެއް ހަމަލާގެ މުޅި ރިޕޯޓް ހޯދަން މީހަކު މަޖިލީހުގައި އެދިއްޖެ

19 އޮކްޓޯބަރު 2023 - 10:31 0

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) ގެ މުޅި ރިޕޯޓް އާންމު ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި މީހަކު އެދިއްޖެ އެވެ.

އެ ކަމަށް އެދިފައިވަނީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅި އާރުޓީއައި (ރައިޓް ޓު އިންފޮމޭޝަން) ފޯމު މެދުވެރިކޮށެވެ. އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، އެ ކަމާ ގުޅޭ ގޮތުން މެންބަރުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ޖުލައި 2021 ގައި އެ ކޮމެޓީން އެ ރިޕޯޓް އާންމުކުރީ ބައެއް މައުލޫމާތުތައް ސިއްރުކޮށްފަ އެވެ. އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަސްލަމް ވިދާޅުވީ ސިއްރުކޮށްފައިވާ މައުލޫމާތާއެކު މުޅި ރިޕޯޓު ދިނުމާ ގުޅޭ ގޮތުން ކޮމިޓީން ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ރިޕޯޓްގައި ސިއްރުކޮށްފައި ހުރި ކަންކަން އަލުން ކޮމެޓީން ރިވިއުކޮށްފައި ގޮތެއް ނިންމުމަށް، މި މައްސަލަ އަނެއްކާވެސް ހޯމަ ދުވަހު ބާއްވާ ބައްދަލުވުމަށް އެޖެންޑާ ކުރާނަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް އެހެން ވިދާޅުވުމާއެކު ފުރުސަތެއް ހޯއްދެވުމަށް ފަހު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ އެ ރިޕޯޓްގެ ބައެއް މައުލޫމާތުތައް އޭރު ސިއްރު ކުރަން ނިންމީ ވެސް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

"އަޅުގަނޑަކަށް ނުފެނޭ މި ރިޕޯޓް ދޭކަށެއް، އެ ގޮތަށް ސިއްރެއްގެ ގޮތުގައި އެކަން ބާއްވަން އަޅުގަނޑު ހުށަހަޅަން،" އޭނާ ވިދާޅުވި އެވެ.

އޭގެ ފަހުން ކޮމިޓީ ގެންދިޔައީ ސިއްރުންނެވެ. އެހެންވެ ކޮމިޓީގައި ކުރި މަޝްވަރާތަކެއް ނީވެ އެވެ. ނުރަސްމީ މަޝްވަރާތަކަށް ފަހު، ކޮމިޓީގެ ބައްދަލުވުން ނިންމަވާލައްވަމުން އަސްލަމް އަނެއްކާ ވެސް ވަނީ ހޯމަ ދުވަހު ބާއްވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.

މަޖިލީހުން ހިންގި ޕާލިމަންޓަރީ އިންކުއަރީއަށް ފަހު ނެރުނު ރިޕޯޓުގައި ޓެރަރިޒަމާއި ހަރުކަށި ފިކުރާއި އިންޓެލިޖެންސް ނިޒާމުގެ އިތުރުން ދައުލަތުން ސެކިއުރިޓީ ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރަން ޖުމްލަ 45 ރެކޮމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

އިންކުއަރީ ރިޕޯޓުގައި ދީފައިވާ 45 ރެކޮމެންޑޭޝަން ތެރޭގައި ހިމެނެނީ ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައިވާ 29 ރެކޮމެންޑޭޝަނަކާއި ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ 10 ރިކޮމެންޑޭޝަނަކާއި ފައިނޭންޝަލް އިންޓެލިޖެންސާ ގުޅޭ ހަ ރެކޮމެންޑޭޝަނެކެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތް ކުރުމަށް ދީފައި ހުރި ރިކޮމެންޑޭޝަންސްގެ ތެރޭގައި ސަރުކާރުގެ އިދާރާތަކުގެ މެދުގައި ސިއްރު މައުލޫމާތު ބަދަލު ކުރެވޭނެ ވަރުގަދަ ނިޒާމެއް ގާއިމް ކުރުމާއި ނެޝަނަލް އިންޓެލިޖެންސްއާ ގުޅޭ ގާނޫނެއް އެކުލަވާލުމާއި ކައުންޓާ ޓެރަރިޒަމަށް ވަކި ބަޖެޓެއް ކަނޑައެޅުން ހިމެނެ އެވެ.

ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން ދީފައިވާ ރެކޮމެންޑޭޝަންތަކުގެ ތެރޭގައި އެމަނިކުފާނުގެ ގެކޮޅުގެ ސެކިއުރިޓީ ހަތިޔާރާއެކު 24 ގަޑިއިރު ބެލުމާއި އާމާޑް ކާރުކޮޅެއްގައި ނަޝީދު އެއް ތަނުން އަނެއް ތަނަށް ގެންދިއުމާއި ސެކިއުރިޓީ ޓީމު ވެޓު ކުރުމާއި ސެކިއުރިޓީ ޓީމަށް ގަވާއިދުން ރިފްރެޝް ކުރުމުގެ ކޯސްތައް ހިންގުން ހިމެނެ އެވެ.

މެއި 6، 2021 ގެ ރޭ އިރާކޮޅު ނަޝީދު އަވާހަރާކޮށްލަން ބޮމުގެ ހަމަލާއެއް ދިނީ އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ސެކުއިރިޓީއާއެކު މަޖީދީ މަގުގައި މަޑުކޮށްގެން އޮތް އެމަނިކުފާނު ކާރުކޮޅަށް ވަޑައިގަންނަވަން ދަނިކޮށެވެ. އެއީ ކަންމަތީގައި ޕާކުކޮށްފައިވާ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް އެ ބޮން ގޮއްވާލައިގެނެވެ.

އޭގެ އަމަލީ ގޮތުން ބައިވެރިވެ އެ ވަގުތު އެ ސަރަހައްދުގައި ރިމޯޓް ހިފައިގެން އުޅުނު އަދުހަމްގެ މައްޗަށް ކުށް ސާބިތުވެ ހުކުމްކޮށްފައިވެ އެވެ. އަމިއްލައަށް ކުށަށް އިއުތިރާފުވެފައިވާ އަދުހަމްގެ އިތުރުން ދެން އެ މައްސަލާގައި ދައުވާކޮށްފައިވާ މީހުންގެ ޝަރީއަތް އަދި ކްރިމިނަލް ކޯޓުގައި ނުނިމެ އެވެ.