Advertisement

ހުޅުމާލެ ހޮސްޕިޓަލުގެ ވެހިކަލެއް އެހެން ކާރެއްގައި ޖައްސާފައި ދިޔަ ކަމުގެ ތުހުމަތު

އެކްސިޑެންޓުވުމުން މަޑުނުކޮށް ދިޔަކަމަށް ތުހުމަތުކުރެވޭ ހުޅުމާލެ ހޮސްޕިޓަލުގެ ކާރު --


ހުޅުމާލެ ހޮސްޕިޓަލުގެ ވެހިކަލެއް އެހެން ކާރެއްގައި ޖައްސާފައި ދިޔަ ކަމުގެ ތުހުމަތު

މިދިޔަ ހުކުރު ދުވަހު ހައިވޭއިން ދުއްވާފައި ދިޔަ ހުޅުމާލެ ހޮސްޕިޓަލުގެ ކާރެއް އެހެން ކާރެއްގައި ޖައްސައި، މަޑުނުކޮށް ދިޔަކަމުގެ ތުހުމަތު ކޮށްފި އެވެ.

މި މައްސަލައިގައި އެހެން ކާރެއްގައި ޖައްސާފައިދިޔަ ކަމަށް ތުހުމަތު ކުރެވޭ، ކާރު ނަމްބަރު ޖީ-8773 ކާރަކީ އެ ހޮސްޕިޓަލުގެ ކާރެއްކަން ހުޅުމާލެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލު "އަދަދު" އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް އެ ހޮސްޕިޓަލުގެ ކާރު ދުއްވި ފަރާތުން އެހެން ކާރެއްގައި ޖެއްސުމަށްފަހު މަޑުނުކޮށް ދިޔަކަމަށް މައުލޫމާތު ލިބިފައިނުވާކަން މީޑިއާ އޮފިޝަލު ފާހަގަކުރި އެވެ.

އެކަމަކު، ޖީ-8773 ނަމްބަރު ކާރުގެ ފޮޓޯއަކާއެކު، އެ ކާރާއި ގުޅޭ އެކްސިޑެންޓްގެ މައްސަލައެއް ހުކުރު ދުވަހު ހިނގާފައިވޭތޯ މި ނޫހުން ސުވާލުކުރުމުން ފުލުހުން ވަނީ އެކްސިޑެންޓު ހިނގިކަން ޔަގީންކޮށްދީފަ އެވެ.

"ހައިވޭގަ ދުއްވާފަ ދިޔަ ކާރެއް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓެއްވުމުން މަޑުނުކޮށް ގޮސްފަވާ މައްސަލައެއް މި މަހުގެ ތިން ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓުކޮށްފަ ވޭ،" މި ނޫހުން ކުރި ސުވާލުގެ ޖަވާބުގައި ފުލުހުން ފޮނުވި މެސެޖުގައިވެ އެވެ.

މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.