Advertisement

މަސައްކަތްތެރިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރަން އަވަސް ހައްލެއް ބޭނުންވޭ!


މަސައްކަތްތެރިންގެ ހައްގުތަކާއި ރައްކާތެރިކަން ކަށަވަރުކުރަން އަވަސް ހައްލެއް ބޭނުންވޭ!

މަސައްކަތްތެރިންނަކީ ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 80 ޕަސެންޓެވެ. މަސައްކަތުގެ މާހައުލުގައި އެ މީހުންނަށް އަނިޔާއެއް ލިބިއްޖެނަމަ އޭގެ ބުރަ އުފުލަންޖެހެނީ މުޖްތަމައު އަދި އެމީހުންގެ އާއިލާތަކުންނެވެ. މިދިޔަ ހުކުރު ދުވަހު ވެސް ވަނީ މިފަދަ ނުރައްކާތެރި ހާދިސާއެއްގައި މަސައްކަތްތެރިއެއްގެ ފުރާނަ ގޮސްފަ އެވެ.

ހުޅުމާލެ ފަޅުތެރޭގައި އޮތް ބިން ހިއްކުމަށް ބޭނުންކުރާ ޑްރެޖަރެއްގެ މަސައްކަތް ކުރަނިކޮށް އަނިޔާވެ، އިންޑިއާއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ފިރިހެން މީހާ ނިޔާވީ ކްރޭނަކުން ޑްރެޖަރަށް ޕަމްޕު ދޮރުތަކެއް އުފަލަމުން ދަނިކޮށް އޭގައި ޖެހިގެންނެވެ.

ރާއްޖޭގެ މަސައްކަތު މާހައުލުގައި ގިނަ އަދަދެއްގެ ނުރައްކާތެރި ހާދިސާތަކެއް ހިނގައި އެތައް ބައެއްގެ ފުރާނަ ގެއްލުމުގެ މައިގަނޑު އެއް ސަބަބަކީ މަސައްކަތްތެރިންނަށް ދޭންޖެހޭ ތަމްރީނު ނުދީ މަސައްކަތް ކުރުވުމާއި، މަސައްކަތު މާހައުލަށް ނުކުންނައިރު އަމަލުކުރަންޖެހޭ ރައްކާތެރިކަމުގެ ގަވާއިދުތަކަށް އެމީހުން ހޭލުންތެރި ނުކޮށް ތިބުމެވެ. އަދި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަމަލުކުރާނެ ގާނުނަކާއި ނުލައި އެމީހުން މަސައްކަތްކުރަން ޖެހުމެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގައި ނޮވެމްބަރު 13، 2022 އިން ފެށިގެން "ތާށިވެފައި" އޮތުމަށްފަހު، އެ މަޖިލީހުން ފާސްވެ، މިއަހަރުގެ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު" ރައީސުލްހުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކޮށްދެއްވި އެވެ.

މިދިޔަ އޭޕްރީލް 2، އިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނުގެ ދަށުން މަސައްކަތްތެރިންނަށް ރައްކާތެރި މާހައުލެއް ލިޔެކިޔުމުގައި ކޮންމެވެސް ކަށަވަރުވި ނަމަވެސް، އެ މީހުންގެ ސަލާމަތް ކަށަވަރުކުރުމަށް މުހިންމު އެތައް ކަމެއް ގާނޫނުގައި ނެތްކަން ކަމުގެ މާހިރުން ފާހަގަކުރައްވަ އެވެ.

ރާއްޖެ ފަދަ ނުރައްކާތެރި މަސައްކަތްތަށް ގިނަ ގައުމެއްގައި މަސައްކަތްތެރިންގެ ފުރާނަ ރައްކާތެރިކުރުމަށް މި ގާނޫނު ރަނގަޅަށް ތަންފީޒުކުރުމުގެ އިތުރުން، މަސައްކަތުގެ މާހައުލާއި ކުރިމަތިވާ ހާދިސާތައް ދިރާސާކޮށް، މަސައްކަތްތެރިންގެ ހައްގު ކަށަވަރުކޮށްދެވެން ޖެހެ އެވެ.

ރާއްޖޭގައި ކުރާ ނުރައްކާތެރި މަސައްކަތްތައް

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯއިން) ރާއްޖޭގައި ކުރި ދިރާސާއެއްގައި ވަނީ ރާއްޖޭގައި ކުރާ އެންމެ ނުރައްކާތެރި މަސައްކަތްތަކާއި، މަސައްކަތްތެރިންނަށް ކުރިމަތިވާ ހިރާސްތައް ތަފްސީލްކޮށްދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

ކޮންސްޓްރަކްޝަން: ފާރުގައި ލާ ކުލައާއި ތެރެހާއި އިރުގެ ޔޫވީ ރޭތަކާއި، ވެލްޑު ކުރާއިރު ބުރާ ކަނި، ޕެސްޓިސައިޑްގެ އިތުރުން ޕަވާ ޓޫލްސް އޮޕަރޭޓު ކުރަމުގެ ތެރެއިން މަސައްކަތްތެރިންނަށް ގިނަ ގެއްލުންތަކެއް ލިބިފައިވެ އެވެ. ކަރަންޓުގައި ޖެހިގެން ވެސް ގިނަ ގެއްލުންތަކެއް ލިބިފައި އެބަ ހުއްޓެވެ.

މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ސެޕްޓެމްބަރު 17، 2022 ގައި އިމާރާތްކުރުމުގެ މަސައްކަތުގައި އުޅުނު ބިދޭސީއެއްގެ ގަޔަށް ދަގަނޑެއް ހެރުނު ހާދިސާ އެވެ. ހ. ޒާހަމްގައި ހަދަމުން އަންނަ 10 ބުރީގެ އިމާރާތުގެ ހަވަނަ ފަންގިފިލަޔަށް، އެ އިމާރާތުގެ ވައިގޮޅިން ނަގަން އުޅުނު ދަގަނޑުތަކެއް ދޫވި ވަގުތު މަސައްކަތްތެރީންގެ އެކަކު ހުރީ ވައިގޮޅިން މަތިބަލާށެވެ. ހަ ފޫޓު ދިގު ދަގަނޑުބުރިއެއް އެވަގުތު އައިސް ވަނީ އޭނާގެ ގަޔަށެވެ.

އެތަނުގައި މަސައްކަތް ކުރި މީހުން އޭރު ބުނެފައިވާ ގޮތުގައި ވައިގޮޅިން ވާ ޖަހައިގެން މައްޗަށް ނަގަމުން ދިޔަ ދަނގަނޑުތައް ފައިބައިގަތީ ކީއްވެ ކަމެއް ނޭނގެ އެވެ. އެ ވަގުތު ވައިގޮޅިން މައްޗަށް ބަލައިލެވުމަކީ މަސައްކަތްތެރިޔާއަށް ހެދުނު ގޯހެކެވެ.

މި ހާދިސާގައި އެ ދަގަނޑުތައް ފައިބަން މެދުވެރިވީ ސަބަބާއި، އެތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅާފައި ހުރި ވަރެއް ބެލިފައެއް ނުވެ އެވެ. އަދި މަސައްކަތްތެރިއާއަށް ލިބުނު ބޮޑު ގެއްލުމަށް އިހުމާލުވާންޖެހޭ ފަރާތެއް ވޭތޯ ކަނޑައަޅައި، އެކަން ތަހުގީގުކުރި ކަން ވެސް އެނގޭކަށް ނެތެވެ.

ފައިބަރު މަސައްކަތް: މި މަސައްކަތް ކުރާ މީހުންނަކީ ވެސް ނުރައްކާތެރި ކެމިކަލްތަކުގެ ތެރޭގައި މަސައްކަތްކުރާ ބަޔެކެވެ. ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމާއި ހަމުގެ މައްސަލަތައް ކުރިމަތިވުމުގެ ނުރައްކާ އެމީހުންނަށް ބޮޑެވެ. ކިޑްނީ މައްސަލަތަކާއި ލިވާ މައްސަލަޖެހުމާއި ކެންސަރު ޖެހުމުގެ ނުރައްކާ ވެސް އޮވެ އެވެ.

ދަނޑުވެރިކަން: ދަނޑުވެރިން ބޭނުންކުރާ ބާރުގަދަ ކެމިކަލްތަކުގެ ސަބަބުން އެމީހުންނަށް ނުރައްކާވާއިރު، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަަޅުތައް ނާޅައި ގަދަ އަވީގައި މަސައްކަތްކުރަން ޖެހުން ހިމެނެ އެވެ.

މަސްވެރިކަން: ގަދަ އަވީގައި މަސައްކަތް ކުރަންޖެހުމުގެ ސަބަބުން ހަމުގެ މައްސަކަތައް ޖެހުމާއެކު މަސްވެރިންގެ ލޮލުގެ ފެނުމަށް ގެއްލުންވެ އެވެ. މީގެ އިތުރުން ކަނޑަށް ވެއްޓި ވީނުވީއެއް ނޭނގި ގެއްލުމަކީ ވެސް މަސްވެރިންނަށް އޮތް ހިރާހެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ފާހަގަކުރެ އެވެ.

އޮކްޓޯބަރު 14، 2023 ގައި އދ. ދަނގެތި އިބްރާހީމް (ޔޫސުފްބެ), 68, ގެއްލުނީ މިފަދަ ގޮތަކަށެވެ. އެ ދުވަހު ފަތިހު ކުޑަ އިންޖީނު ދޯންޏެއްގައި ޔޫސުފް މަސްވެރިކަމަށް ނިކުތީ އދ. އޮރިމަސް ފަޅުގެ އިރުމަތި ފަރާތަށެވެ. އޭނާ މަހަށް ދިޔަ ދޯނި އދ. ރަންދެލި އުތުރު ކަނޑުއޮޅިން ދަނިކޮށް ބަޔަކަށް ފެނުނީ އެ ދުވަހު ހެދުނު 09:00 އާއި 09:30 އާ ދެމުދު ވަގުތެއްގަ އެވެ.

ޔޫސުފް ހޯދުމަށްޓަކައި ޑައިވުކޮށްގެން ގާތްގަނޑަކަށް 80،000 އެއްހާ އަކަ މީޓަރުގެ ސަރަހައްދެއް ސިފައިން ވަނީ ބަލައިފަ އެވެ. ނަމަވެސް، އޭނާ ފެނިފައެއް ނުވެ އެވެ.

ނުރައްކާތެރި މަސައްކަތްތަކުގެ ލިސްޓުގައި ހިމެނޭ އެހެން މަސައްކަތްތަކުގެ ތެރޭގައި ފުޅިއަޅަިއގެން ފީނުމާއި، ކާރާއި ސައިކަލް އަދި އެ ނޫން ވެސް ވެހިކަލްތައް މަރާމާތު ކުރާ ގަރާޖުތަކުގައި މަސައްކަތް ކުރުން ހިމެނެ އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނު

އޭރުގެ ސަރުކާރުގެ ފަރާތުން މަސައްކަތު މާހައުލުގެ ސަލާމަތާ ރައްކާތެރިކަމުގެ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނޮވެމްބަރު 13، 2022 ގައެވެ. އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އަހްމަދު އަބްދުﷲ އެވެ.

މިއަހަރުގެ ޖެނުއަރީ 2، ގައި ރައީސް ޑރ. މުއިއްޒު އެ ގާނޫނު ތަސްދީގު ކޮށްދެއްވުމާއެކު މިދިޔަ އޭޕްރީލް 2، ގައި ވަނީ މަސައްކަތު މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފަށާފަ އެވެ.

މަސައްކަތްތެރިންގެ ހައްގުތައް އެ މީހުންނަށް ލިބިދިނުމުގައި، އެއްވެސް މީހެއްގެ ނަސްލަށް، ކުލަޔަށް، ޖިންސަށް، ނިސްބަތްވާ ގައުމަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް ބިނާކޮށް ތަފާތުކުރުމެއް ގެންގުޅުން މި ގާނޫނުން މަނާ ކުރެ އެވެ. އަދި ރައްކާތެރި ގޮތުގައި އެ މީހުންނަށް މަސައްކަތްކުރެވޭނެ ތަނެއް ހަމަޖައްސައިދީ، މަސައްކަތްތެރިންގެ ސަލާމަތަށް ނުރައްކާވާފަދަ އެއްވެސް މަސައްކަތެއް ކުރުމަށް މަސައްކަތްކުރުވާ ފަރާތުން އަމުރުކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ވަނީ ކަނޑައަޅާފަ އެވެ.

ގާނޫނުގައިވާ ގޮތުން ކުރާ މަސައްކަތެއްގެ ގޮތުން މަސައްކަތްރިންނަށް ދޭންޖެހޭ ތަމްރީނުތަށް ދިނުމާއި އެމީހުން ހޭލުންތެރިކުރުމަށް ގާނޫނު ބާރުއަޅާއިރު، ނުރައްކަލުގެ ހާލަތްތަކުގައާއި އެހީ ފޯރުކޮށްދިނުމަށް ބޭނުންވާނެ ވަސީލަތްތައް މަސައްކަތުގެ މާހައުލުގައި ހުންނަންޖެހޭނެ އެވެ. އަދި އެ ވަސީލަތްތައް ބޭނުންކުރުމާގުޅޭ ތަމްރީނު، ކޮންމެ މަސައްކަތްތެރިއަކަށް ދޭންޖެހެ އެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި ލިބޭ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތަކަށް ފަރުވާކުރުމަށް ބޭނުންވާ ވަސީލަތައް ހަމަޖައްސައިދޭން ޖެހެ އެވެ.

އެއާއެކު ލިބޭ އަނިޔާއެއްގެ ސަބަބުން މަސައްކަތްތެރިއަކަށް ވަގުތީ ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް މެދުވެރިވެއްޖެނަމަ ނުވަތަ މަސައްކަތްތެރިއެއްގެ ފުރާނަ ގޮސްފިނަމަ އޭގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ލިބިދިނުގެ ހައްގު މަސައްކަތްރިންނަށް އަދި އެމީހުންގެ ވާރިސުންނަށް ގާނޫނު ފޯރުކޮށްދެ އެވެ.

މި ގާނޫނު ހިންގުމުގެ ގޮތުން ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ދުވަސް ތެރޭގައި، ލެބާ ރިލޭޝަންސް އޮތޯރިޓީގެ ބެލެނެވެރި މިނިސްޓްރީގެ ދަށުން "ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތް އެޑްވައިޒަރީ ކައުންސިލް" ގެ ނަމުގައި ކަނޑައެޅިފައިވާ ދާއިރާތަކުން 13 މެމްބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެއް އުފައްދަންޖެހެ އެވެ. މަސައްކަތްތެރިންގެ ރައްކާތެރި ކަމަށް ޓަކައި ކައުންސިލުތަކުން އަދާކުރަން ޖެހޭ ޒިންމާތައް ވެސް ގާނޫނުގައި ކަނޑައަޅާފައި އެބަ އޮތެވެ.

މި ގާނޫނުގެ ދަށުން މސައްކަތްތެރިންގެ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުކުރުމުގެ އާންމު ޒިންމާ އުފުލަން ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް ފޯ ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތްގެ މަގާމަށް މީހަކު އައްޔަނުކުރަން ޖެހެ އެވެ.

ޑިރެކްޓާ ޖެނެރަލްގެ ޒިންމާތަކުގެ ތެރޭގައި ގާނޫނުގެ ދަށުން ހަދާ ގަވާއިދުތަކާ ހިލާފު އަމަލެއް ކޮށްފި ކަމަށް ބެލެވިއްޖެ ނަމަ އެ ކަންކަން ތަހުގީގުކުރުމާއި، ބަލައި ފާސްކުރުން ހިމެނެ އެވެ. އަދި ގަވާއިދުތަކާއި ގާނޫނޫނާއި ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަކީ ވެސް ޑިރެކްޓާ ޖެނެރަލްގެ ޒިންމާ އެކެވެ.

ހެލްތެ އެންޑް ސޭފްޓީ ޕޮލިސީއެކުލަވާލުމާއި ހެލްތް އެންޑް ސޭފްޓީ އޮފިސަރުން އައްޔަނުކުރުމާއި ތަހުގީގީ މަރުހަލާގެ ރިޕޯޓެއް އެކުލަވައިލަންޖެހޭކަން ގާނޫނުގައި ވަނީ ބަޔާންކޮށްފަ އެވެ. އަަދި މަސައްކަތްތެރިޔާއަށް ލިބޭ ހާނިއްކައިގެ ގޮތުން ބަދަލުދިނުމަށް ހާއްސަ ގަވާއިދެއް އެކުލަވައިލަންޖެހެ އެވެ.

ބަދަލު ލިބިގަތުމާއި ތަހުގީގަށް ދަތިތަކެއް

މެއި 3، ގައި ޑްރެޖަރުގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާގެ މަސައްކަތްތެރިޔާ ނިޔާވި ހާދިސާއަކީ ރާއްޖޭގައި މަސައްކަތުގެ މާހައުލުގެ ސަލަމަތާއި މަސައްކަތްތެރިންގެ ރައްކާތެރިކަމަށް ގާނޫނެއް ހަދައި، އަމަލުކުރަން ފެށިފަހުން ހިނގި ފުރަތަމަ އެފަދަ ހާދިސާ އެވެ. ނަމަވެސް، މި ހާދިސާގައި ފުރާނަ ގެއްލިގެން ދިޔަ މަސައްކަތްތެރިޔާގެ ވާރިސުން ބަދަލަށް އެދިއްޖެ ހާލަތެއްގައި އެކަމަށް ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ.

މި ލިޔުމަށް ވާހަކަދެއްކެވި ޕީއައިއެލްސީގެ އެގްޒެކެޓިވް ބޯޑް މެމްބަރު، އަބްދުﷲ ނާހިދު ވެސް ފާހަގަކުރެއްވީ އެ ނުކުތާ އެވެ.

"ބަދަލު ދޭނެ ސާފު ސީދާ ގޮތްތަކެއް އަސްލު ގާނުނުގަ ނެތް. ގައިޑްލައިނެއް ގާނޫނުގަ އޮތީ. އޭގެ މާނައަކީ ބަދަލުދިނުމަށްޓަކާ އެހެން ގައުމުތަކުގަ އަމަލުކުރުމަށް އެބަހުރި ބަދަލު ދޭނެ މިންގަނޑުތަށް. ކިހާ ވަރެއްގެ އެކްސިޑެންޓެއް ނުވަތަ އިންޖަރީއެއް ވީމާ ބކިހާ ނިސްބަތަކުންތޯ،" ނާހިދު ފާހަގަކުރެއްވި އެވެ.

ނާހިދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މަސައްކަތުގެ މާހައުލާއި މަސައްކަތްރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގާނޫނުގެ ދަށުން ގަވާއިދެއްގަ ބަދަލު ދިނުމަށް ހާއްސަ އުސޫލތަކެއް ކަނޑައަޅަންޖެހޭކަމަށެވެ.

އާ ގާނޫނުގެ ދަށުން މަސައްކަތްތެރިޔާއަށް ލިބޭ ގެއްލުމެއްގެ ބަދަލު ހޯދުމަށް އެންމެ ފުރަތަމަ ހުށަހަޅަންޖެހެނީ އޭނާ ވަޒީފާ އަދާކުރާ ކުންފުންޏަށެވެ. އަދި ކުންފުނިން ދޭ ބަދަލާއި މެދު ހިތްހަމަނުޖެހިއްޖެ ނަމަ، ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް ހުށަހެޅޭނެ އެވެ.

އޮތޯރިޓީގެ ތެރެއިން މި މައްސަލަ ބަލައި ގޮތް ނިންމާނީ ޑިރެކްޓާ ޖެނެރަލް އެވެ. ނަމަވެސް، ޑިރެކްޓާ ޖެނެރަލްގެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ ކޯޓަށް ދިއުމުގެ ފުރުސަތު މަސައްކަތްތެރިޔާ ނުވަތަ އޭނާގެ ވާރިސުންނަށް ލިބިގެންވެ އެވެ.

"މުޅިން ސާފެއް ނޫން އަސްލުގަ އެ ޕްރޮސެސްއަށް މި ހިނދުގަ ވާނީ ކިހިނެއް ކަމެއް. ކުންފުންޏަށް ހުށަހެޅިޔަސް ކުންފުނިން ބަދަލުކަނޑައަޅާނެ ގޮތާ މެދުގަ ޗެލެންޖްކުރާނެ މާގިނަ ގޮތްގޮތެއް ނުހުންނާނެ. އެ ގަވާއިދު ހެދިފަ ނެތީމަ. އޮތޯރިޓީން ބަލައިގަންނަށް ފެށިތޯ ނުވަތަ ޑިރެކްޓާ ޖެނެރަލްއެއް އައްޔަނުކުރިކަމެއް އިއުލާނެއް ނުކުރޭ،" މެއި 3، ގައި ހިނގި ހާދިސާ އަދި ބަދަލު ހޯދުމަށް މިހާރު ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން ނާޙިދު ވިދާޅުވި އެވެ.

މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް އަމަލުކުރަން ފެށިތާ 30 ދުވަސްވީ މެއި 2، ވަނަ ދުވަހަށެވެ. ނަމަވެސް، އެ މުއްދަތުގެ ތެރޭގައި އައްޔަނުކުރަންޖެހޭ ޑިރެކްޓާ ޖެނެރަލް ފޯ ވޯކް ޕްލޭސް ސޭފްޓީ އެންޑް ހެލްތްގެ މަގާމަށް މީހަކު އައްޔަނުކޮށްފަ އެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އިންފޮމޭޝަން އޮފިސަރު "އަދަދު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ. އަދި އެޑްވައިޒަރީ ކައުންސިލު އުފެއްދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

"ކައުންސިލެއް އެކުލަވާލާފައެއް ނުވޭ. ގާނޫނުގަ ބަޔާންކުރާ ޑީޖީގެ މަގާމަށް މީހުން ނަގަން އިއުލާނުކޮށް އޮފީސް އެކުލަވާޅުމުގެ މަސައްކަތް ކުރިއަށްދަނީ. އެ މަގާމަށް މީހަކު ނެގުމާއެކު މުވައްޒަފުން ހަމަކޮށް ކައުންސިލު އެކުލަވާލާނެ،" އިންފޮމޭޝަން އޮފިސަރު ވިދާޅުވި އެވެ.

ބަދަލު ދިނުމުގެ އިތުރުން މި ގާނޫނު ތަންފީޒުކޮށް އެއަށް އަމަލުކުރުން އަވަސްކޮށް، ގަވާއިދުތައް އެކުލަވާލަން ޖެހެ އެވެ. ގާނޫނުގައި ބަޔާންކޮށްފައިވާ "ބަދަލު" އޭގެ ހައްގުވެރިންނަށް ދެވޭނީ ގަވާއިދުތަކާއިއެކު އައްޔަނުކުރެވޭ އިންސްޕެކްޓަރުންނާއި ރެގިއުލޭޓަރީ ބޮޑީތަކުގެ ދަށުންނެވެ.

"ގާނޫނު ތަންފީޒުކުރަން އެބަ ބޭނުންވޭ ގަވާއިދުތަކެއް. އޭގެ ދަށުން އަންނަންޖެހޭ ރެގިއުލޭޓަރީ ބޮޑީތަކެއް. ފިޔަވަޅު އަޅާނެ ނުވަތަ ތަހުގީގުކޮށް އެކަން ބަލާނެ ފަރާތެއް ވިހާވެސް އަވަހަކަށް އުފެދިގެން އެ ކޮމްޕެންސޭޝަން ލިބޭނީ،" އެމްޕީއެލްގެ ކުރީގެ ޗީފް ރިސްކް އޮފިސާ އަދި މޯލްޑިވްސް އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ އެސޯސިއޭޝަނުގެ ރައީސް، އިބްރާހީމް ޒާހިރު މި ނޫހަށް މައުލޫމާތުދެއްވަމުން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން މަސައްކަތްތެރިންގެ ސަލާމަތަށްޓަކައި ހިނގާ ހާދިސާތަށް ތަހުގީގުކުރުމަށް އަހަންމިއްޔަތުކަން ދީ، އެ ކަމެއް ހިނގަން މެދުވެރިވީ ކޮން ފަރާތެއްގެ އިހުމާލުންތޯ ބެލުމަށް ބަލައި ފާސްކުރަން ޖެހޭކަން ޒާހިރު ތަކުރާރުކުރެއްވި އެވެ.

ރާއްޖޭގައި އަލަށް އަމަލުކުރަންފެށި ގާނޫނުނެއް ކަމުން މަސައްކަތުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ގާނޫނަށް ވަޒީފާ ދޭ ފަރާތްތަކާއި، މަސައްކަތްތެރިން އަދި އާންމު ފަރުދުންނާއި ގާނޫނު ހިންގަން ތިބޭ ފަރާތްތައް ވެސް އުހުލުވެރިކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަށް ހިންގަންޖެހޭކަން މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާ ގުޅޭ ތަޖުރިބާކަރު، ޒާހިރު ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖެ ފަދަ ގައުމަކަށް އަލަށް އައިސްގެން އުޅޭ ގާނޫނެއް. އެހްނވީމަ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީގެ މުހިއްމުކަން އަންގައިދީ ހޭލުންތެރިކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ،" ޒާހިރު ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް ނުރައްކާތެރި މަސައްކަތްތަކުގައި މަސައްކަތްތެރިން މަސްއޫލުވެ އުޅެ އެވެ. އާމްދަނީ ހޯދުމަށް އެ ނުރައްކަލާ ކުރިމަތިލާއިރު، އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެމީހުންނަށް އިނގެންޖެހެ އެވެ. އަދި އެމީހަކު ޒިންމާވާ މަސައްކަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ވަޒީފާ ދޭ ފަރާތުގެ ޒިންމާއެކެވެ.

މަސައްކަތްތެރިންގެ ސަލާމަތަށް ގާނޫނެއް ހަދައި ތަންފީޒުކުރާއިރު، ގަވާއިދުތައް އެކުލަވާލުމާއި މަގާމުތަކަށް މީހުން އައްޔަނުކުރުން އަވަސްކޮށް، އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުގެ ޒިންމާއެކެވެ. ގާނޫނުގައި ބަޔާންކޮށްފައި ނުވާ ތަފްސީލުތަކާއި ގުޅޭ ގަވާއިދުތަށް ހަދައި މަސައްކަތްތެރިންގެ ހައްގު ކަށަވަރުކޮށްދެވޭނީ އޭރުންނެވެ.