Advertisement

އެމްޑީޕީ މެމްބަރުން ތެދުވެވަަޑައިގެންނެވީ ފެނަކައިގެ ދިފާއުގައި

18 އޮކްޓޯބަރު 2023 - 11:24 3

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު އެމްޑީޕީގެ ކޮންގްރެސްގައި. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުން މިއަދު ވާހަކަ ދެއްކެވީ އޭނާގެ ދިފާއުގައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެމްޑީޕީ މެމްބަރުން ތެދުވެވަަޑައިގެންނެވީ ފެނަކައިގެ ދިފާއުގައި

18 އޮކްޓޯބަރު 2023 - 11:24 3

ކަރަންޓު އަދި ފެނާއި ނަރުދަމާގެ ހިދުމަތްދޭ ދައުލަތުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަނުން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި އޮތް ކަމަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ގަރާރުގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުން މިއަދު އެ ކޯޕަރޭޝަން ވަރަށް ބޮޑަށް ދިފާއު ކުރައްވައިފި އެވެ.

ފެނަކައަށް ތުހުމަތުތައް ކުރައްވައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފެވެ. މިދިޔަ އޭޕްރިލް މަހު ހުށަހެޅުއްވި އެ ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އިދިކޮޅު ގިނަ މެމްބަރުން ފެނަކަ އާއި އެ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީ މެމްބަރުން، މިހާރު އޮތް ސަރުކާރާ އެއްކޮޅު މެމްބަރުންގެ ހައިސިއްޔަތުުން ވާހަކަ ދެއްކެވީ ފެނަކަ އާއި ސައީދުގެ ދިފާއު ގަ އެވެ.

"ބިލު ނުދައްކާތީ ފެނަކައިގެ ކޭޝް ފްލޯއަށް ކުރާ އަސަރު ބަލަން ޖެހޭ"

ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ފެނަކައަށް ފައިސާ ލިބޭނީ ދެ ވަސީލަތަކުން ކަމަށާއި އެއް ވަސީލަތަކީ އެ ކުންފުނިން ދޭ ހިދުމަތްތަކަށް އާއްމުން ދައްކާ ފައިސާ އާއި ދައުލަތުުން ދޭ ސަބްސިޑީ ކަަމަށެވެ.

ފެނަކައިގެ ކޭޝް ފްލޯއަށް ބުރަ ބޮޑުވި އެތައް ކަމެއް ފާހަގަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭގެ އެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ތައާރަފުކުރި މިނިމަމް ވޭޖެވެ.

"މިނިމަމް ވޭޖް ތައާރަފްކުރުމުގެ ކުރީގައި ފެނަކައިގެ ޕޭ ރޯލަށް ހަަރަދުވަނީ ފެނަކައިން މައުލޫމާތު ދިން ގޮތުގައި ގާތްގަނޑަކަށް 35 މިލިޔަން ރުފިޔާ. އެހެން ނަމަވެސް މިނިމަމް ވޭޖް ތައާރަފްވެ އޭގެ އަސަރުކޮށްގެން، މިހާރު ފެނަކައިގެ ޕޭރޯލަށް ގާތްގަނޑަކަށް 50 މިލިޔަން ވަރު ހަރަދުވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބޭ،" އަލީ ނިޔާޒު ވިދާޅުވި އެވެ.

ރާއްޖޭގައި އާއްމުކޮށް ފެން ބިލާއި ކަރަންޓު ބިލު ހިމެނޭ ގޮތުން ސަރުކާރުން ކުރާ ބިލުތަކަށް ގަވާއިދުން ފައިސާ ދައްކަނީ ގާތްގަނޑަކަށް 60 ޕަސެންޓް ކަމަށާއި ފެނަކައަށް ވެސް ލިބޭނީ ބިލުކުރާ އަދަދުގެ 60 ޕަސެންޓް ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަރަންޏާ ނުބައްދަލު ރައުސްމާލު އިތުރުކުރި"

ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ފެނަކައިގެ ދަރަނީގެ ވާހަކަ ދައްކާއިރު އެެ ކޯޕަރޭޝަނުގެ ރައުސްމާލު ބޮޑުތަނުން އިތުރުކޮށްފައިވާ ކަމަށެވެ. އެ ކޯޕަރޭޝަނުގެ ދަރަންޏަކީ ހަމަ އެކަނި މި ސަރުކާރު އައި ފަހުން އުފެދުނު ދަރަނި ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެނަކައިން އުފެއްދި ރައުސްމާލުގެ ގޮތުގައި އޭނާ ދެއްކެވީ ރަށްރަށުގައި އެޅި އިންޖީނުގެ ތަކާއި ބެހެއްޓި ޖަނަރޭޓަރުތަކާއި ކޭބަލް ނެޓްވޯކްތަކެވެ.

"އެގޮތުން 17،000 ކިލޯމީޓަރުގެ ކޭބަލް ރާއްޖޭގެ ރަށްރަށުގެ ބިމުގެ އަޑީގައި އަޅާފައި އެބަވޭ. ސަތޭކަ އެތައް ރަށެއްގެ ފެނަކައިގެ ނެޓްވޯކް، ކޭބަލް ނެޓްވޯކް ގާއިމްކޮށްދީފައި އެބަވޭ. 313 ޖަނަރޭޓަރު ސެޓު ބަހައްޓައި، 150 މެގަ ވޯޓަށް ވުރެ އިތުރަށް ކަރަންޓު އުފެއްދޭ މިންވަރަށް ފެނަކަ މިވަނީ ފުޅާކުރެވިފައި. ހަތްދިހަ ހަތް ރަށެއްގައި އާ އިންޖީނުގެ އަަޅައި އަދި 20 ރަށެއްގައި މިހާރު ވެސް އެ މަސައްކަތް ކުރިއަށް އެބަދޭ،" އަސްލަމް ވިދާޅުވި އެވެ.

އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ޝިފާއު އާއި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފާއި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ވެސް ފެނަކައިގެ ދިފާއުގައި މިއަދު ވާހަކަ ދެއްކެެވި އެވެ. އެހެން ނަމަވެސް އެ އެންމެ މެމްބަރުން ވެސް ވިދާޅުވީ ފެނަކައިން އަމިއްލަ ކުންފުނިތަކަށް ދައްކަން ހުރި ފައިސާ އަވަހަށް ދައްކަން ޖެހޭނެ ކަމަށެވެ.