Advertisement

ފެނަކައަށް މެމްބަރުންގެ ބޮޑެތި ތުހުމަތުތަކެއް!

18 އޮކްޓޯބަރު 2023 - 10:26 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. ފެނަކަ ކޯޕަރޭޝަނަށް އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވި. -- ފޮޓޯ: މަޖިލީހުގެ އިދާރާ


ފެނަކައަށް މެމްބަރުންގެ ބޮޑެތި ތުހުމަތުތަކެއް!

18 އޮކްޓޯބަރު 2023 - 10:26 0

އަމިއްލަ ފަރާތްތަކުގެ ކުދިކުދި ކުންފުނިތަކަށް ފެނަކަ ކޯޕަރޭޝަނުން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައި އޮތް ކަމަށް ވިދާޅުވެ، ރައްުޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން އެ ކޯޕަރޭޝަނަށް މިއަދު ބޮޑެތި ތުހުމަތުތަކެއް ކުރައްވައިފި އެވެ.

ފެނަކަައިން ކުދި ވިޔަފާރިތަކަށް ދައްކަން ޖެހޭ ފައިސާ ދައްކަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އެންމެ ބޮޑަށް ފާޑުވިދާޅުވީ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ އިލްޔާސް ވިދާޅުވީ ފެނަކައިިން މަޝްރޫއުތައް ހިންގަނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ. އަދި މަޝްރޫއުތައް ހިންގަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އޭސީސީން މި މައްސަލަތައް ބަލަން ޖެހޭ. އޮޑިޓަ ޖެނެރަލް މި މައްސަލަތައް ބައްލަވަން ޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.

ފެނަކައިގެ ޕްރޮކިއުމެންޓް ޕޮލިސީ އަވަސް އަވަހަށް ބަދަލުކުރާ ކަމަށާއި ބަދަލުކުރަނީ ރަނގަޅު އުސޫލުން ނޫން ކަމަށް ވެސް އޭނާ ތުހުުމަތުކުރެއްވި އެވެ.

ކުރިން އެސްއޯއީ ކޮމިޓީގެ މުގައްރިރުކަން ކުރެއްވި އިލްޔާސް ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީ އާއި ވޯލްޑް ބޭންކާ ގުޅިގެން އެކުލަވައިލި ޕްރޮކިއުމެންޓް ޕޮލިސީއަށް އަމަލުކުރަން ދައުލަތުގެ ކުންފުނިތަކަށް އަންގާފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. ނަމަވެސް ފެނައިން އެ އުސޫލަށް އަމަލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކައިން އެއަށް އަމަލުކުރާ ކަމަކަށް އަޅުގަނޑުމެންނަކަށް މައުލޫމާތެއް ނުލިބޭ. އަދި އަޅުގަނޑުމެން އެކަން ސާފުކުރަން އުޅުމުން އެކަން ސާފުވާ ގޮތެއް ނުވޭ،" އިލްޔާސް ވިދާޅުވި އެވެ.

ފެނަކައިން އެސްޓީއޯއަށް ދޭން ހުރި ފައިސާގެ އަދަދާ މެދު އެކޯޕަރޭޝަނާއި އެސްޓީއޯ އާ ދެމެދު ހިޔާލުތަފާތުވުން އުފެދިފައިވާ ކަމަށް ވެސް އިލްޔާސް ވިދާޅުވި އެވެ.

"އިންތިހާބުތައް ކާމިޔާބު ކުރަން ޓޫލެއްގެ ގޮތުގައި ބޭނުންކުރި"

ފެނަކައިން އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ދައްކަން ގޮވާލައި ގަރާރު ހުށަހެޅުއްވި މަޑުއްވަރި ދާއިރާގެ މެމްބަރު އާދަމް ޝަރީފު ތުހުމަތުކުރެއްވި ގޮތުގައި މި ސަރުކާރުން ފެނަކަ ބޭނުންކުރީ އިންތިހާބުތައް ކާމިޔާބުކުރަން ބޭނުންކުރާ ސިޔާސީ ޓޫލެއްގެ ގޮތުގައި ކަމަށެވެ.

ފެނަކައިން ގިނަ އަދަދެއްގެ ވަޒީފާ އުފެއްދި ކަމަށާއި އެކަމުން ރަށްރަށަށް ފައިދާވި ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވުމުން އެ ވާހަކައަށް ވެސް އާދަމް ޝަރީފު ރައްދު ދެއްވި އެވެ.

"ވަޒީފާ ތަކެއް އުފައްދާ ކަމަށް ވަންޏާ އެ އުފައްދާ ކުންފުންޏަކުން ވިސްނަން ޖެހޭނެ އެ މީހާގެ [ވަޒީފާ ލިބޭ މީހާގެ ސަބަބުން އެ ކުންފުންޏަށް، އެމީހާގެ ސަބަބުން ހިދުމަތަށް އަންނަ ކުރިއެރުންތަކެއް، ފައިދާ ތަކެއް ހުރިތޯ،" އޭނާ ވިދާޅުވި އެވެ.

ފެނަކައިން އަމަލުކުރީ އެގޮތަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ގަރާރަށް މިއަދު ބަހުސް ފެށި ނަމަވެސް، ގަރާރު ހުށަހެޅުއްވީ މިދިޔަ އޭޕްރީލް މަހު އެވެ.