Advertisement

ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނު ބަދަލުކޮށްފި

27 ނޮވެންބަރު 2025 - 21:45 2


ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގޭ ގޮތަށް ގާނޫނު ބަދަލުކޮށްފި

27 ނޮވެންބަރު 2025 - 21:45 2

ސަރުކާރުން ބޭނުންވާ ހާލަތެއްގައި ކައުންސިލްތައް އެއްފަރާތް ކުރުމަށް ފަހު މަޝްރޫއުތައް ހިންގުމުގެ ބާރު ލިބޭ ގޮތަށް ގާނޫނު ބަދަލުކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފަރާތުން ބަދަލު ގެނައީ ކައުންސިލްތަކުގައި ހިމެނޭ މެންބަރުންގެ އަދަދު މަދުކުރުމަށާއި އަތޮޅު ކައުންސިލްތައް އުވާލުމަށެވެ.

ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 54 މެންބަރުންގެ ތާއީދާއެކު އެވެ. އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓުދެއްވި އެވެ.

އެ ބިލު ފާސްކުރުމުގެ ކުރިން ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު އިސްލާހެއް ހުށަހެޅުއްވި އެވެ.

އެ އިސްލާހުގައިވާ ގޮތުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ކައުންސިލްތަކުން ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހެޅުމަށް ފަހު، އެކަށީގެންވާ މުއްދަތެއްގައި އެ ހުއްދަތައް ދޫނުކުރާނަމަ، އެލްޖީއޭގެ ހުއްދައާއެކު އެ މަޝްރޫއުއެއް ހިންގުމުގެ އިހުތިޔާރު ސަރުކާރަށް ލިބެ އެވެ.

ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގައިވާ ގޮތުން ރަށުގެ އާބާދީ 2000 އަށް ވުރެ ކުޑަ ނަމަ އެ ރަށަކުން އިންތިހާބު ކުރާނީ އެންމެ ތިން ކައުންސިލަރުންނެވެ. މިހާރު އޮންނަ ގޮތަށް ފަސް ކައުންސިލަރުން ހޮވާނީ 2000 އަށް ވުރެ ބޮޑެތި އާބާދީތަކުންނެވެ.

މި ސަރުކާރުން އަންނަނީ ލާމަރުކަޒީ ނިޒާމު ރޫޅާލައި ކައުންސިލްތަކުގެ ބާރު ކުޑަކުރުމަށް ގިނަ ބަދަލުތަކެއް ގެންނަމުންނެވެ. މީގެ ތެރެއިން ގިނަ ބަދަލުތައް ގެންނަނީ ހަރަދު ކުޑަކުރުމުގެ ނަމުގައި ނަމަވެސް ނިސްބަތުން މައި ސަރުކާރާ އަޅާކިޔާއިރު ކައުންސިލްތަކުގެ ހަރަދު ބޮޑުތަނުން ކުޑަ އެވެ.