Advertisement

އިންތިހާބީ ރައީސް ހިތްވަރު ދެއްވީ އިލްމީ ދިރާސާތައް ގިނަކޮށް ސަރުކާރުގެ ސިޔާސަތު ނިންމުމުގައި ބައިވެރިވާން

17 އޮކްޓޯބަރު 2023 - 17:54 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ދީނީ އިލްމުވެރިންނާ މިއަދު ބައްދަލު ކުރައްވަނީ؛ ދީނީ އިލްމީ ދިރާސާތައް ގިނަކުރުމަށް ހިތްވަރު ދެއްވި - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އިންތިހާބީ ރައީސް ހިތްވަރު ދެއްވީ އިލްމީ ދިރާސާތައް ގިނަކޮށް ސަރުކާރުގެ ސިޔާސަތު ނިންމުމުގައި ބައިވެރިވާން

17 އޮކްޓޯބަރު 2023 - 17:54 0

ޔުނިވާސިޓީތަކާއި ކޮލެޖުތަކުން އިލްމީ ދިރާސާތައް ގިނަކޮށް، ސަރުކާރުގެ ސިޔާސަތުތައް ނިންމުމުގައި އެފަދަ ދިރާސާތައް ހަދައިގެން ހުށަހެޅުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހިތްވަރު ދެއްވައިފި އެވެ.

ރާއްޖެއަށް އިސްލާމް ދީން ތައާރަފުވި ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ދީނީ އިލްމުވެރިންނާ ބައްދަލު ކުރައްވައި އެމަނިކުފާނު ވިދާޅުވީ ދުނިޔޭގެ މިސްރާބު ހުރީ ނުރައްކާތެރި ސިފަތަކަކަށް ކަމަށެވެ.

އެމަނިކުފާނު އިޝާރާތް ކުރެއްވި ކަމަކީ އެއް ޖިންސުން ކައިވެނި ކުރުމާއި ޖިންސު ބަދަލު ކުރުމާއި އިލާހަކު ނުވާ ކަމަށް ގަބޫލު ކުރާ ފިކުރުތަކާއި އިސްލާމް ދީނުގެ ނަމުގައި ފަތުރާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ފިކުރުތަކުގެ އެކި ހަރަކާތްތަކަށެވެ.

މުއިއްޒު ވިދާޅުވީ އެ އޮއިވަރުން ދިވެހި ޖީލު ސަލާމަތުން ބޭއްވުމަށް ޓަކައި އެންމެ މުހިންމު ދައުރެއް އަދާކުރަން ތިބި ބަޔަކީ ދީނީ އިލްމުވެރިންނާއި ތައުލީމީ ހިދުމަތްތައް ފޯރުކޮށްދޭން ތިބި މުދައްރިސުންނަށް ކަމަށެވެ.

އިންތިހާބީ ރައީސްގެ ވައުދުނާމާގައި ސްކޫލް މުގައްރަރުގައި ގައުމިއްޔަތުގެ މާއްދާއެއް އިތުރު ކުރުމަށާއި ނެޝަނަލް ރިސާޗު ފަންޑެއް ގާއިމު ކުރުމަށާއި، ސަގާފަތާ ބެހޭ މިނިސްޓްރީއެއް އޮތުމަށް ހިމެނި ސަބަބަކީ ވެސް ދިވެހީންގެ އަމިއްލަވަންތަކަން އަލުން އިއާދަ ކުރުން ކަން ފާހަގަ ކުރެއްވި އެވެ.

"ފައިސާ ވެސް ހުރެގެން އެ ކަންކަން ވާނީ، އެހެންވެގެން ނެޝަނަލް ރިސާޗު ފަންޑެއް، އޭގެ ގްރާންޓެއް ސަރުކާރުން މި ހަމަޖައްސަނީ،" މުއިއްޒު ވިދާޅުވި އެވެ.

ޔުނިވާސިޓީތަކާއި ކޮލެޖުތަކުގައި، އެކި ދާއިރާތަކުގެ ދިރާސާތައް އިތުރު ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ހަގީގީ ކަންކަމާއި ހެކިތަކުގެ މައްޗަށް ކުރެވޭ ދިރާސާތައް ހަދައި އެ ކަން ސަރުކާރަށް ހުށަހަޅައިގެން، ސިޔާސަތުތައް ބައްޓަން ކުރުމުގައި ބައިވެރިވާން މުއިއްޒު ތަކުރާރުކޮށް އެދިވަޑައިގަތެވެ.

"ފެކްޗުއަލް އެވިޑެންސްތަކުގެ މައްޗަށް، ވަރަށް ސީރިއަސް، އިލްމީ ދިރާސާތަކެއް ކުރެވިގެން، ސިޔާސީ ކަންކަން ނިންމާ ފަރާތްތަކަށް ލަފާ ފޯރުކޮށްދޭން ފެށުމުން، ދެން އޭގެ މައްޗަށް ސަރުކާރުން ނިންމުންތައް ނިންމީމައި ގައުމަށް ހަމަޖެހުން ލިބޭނީ،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒު ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޔުނިވާސިޓީތަކާއި ކޮލެޖުތަކުން އިލްމު ފޯރުކޮށްދިނުމުގައި މިހާރު ވެސް އަދާ ކުރަނީ މުހިންމު ދައުރެއް ކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ އެ މަރުކަޒުތަކުގެ ދައުރު އިތުރު ހަރުފަތަކަށް ގެންދަވަން ޖެހޭ ކަމަށެވެ. އެއީ ގައުމީ ބޮޑެތި މައްސަލަތަކުގައި އޭރެއްގައި އޮންނަ ސަރުކާރެއްގެ ނިންމުންތައް ނިންމުމުގައި، އެކުގައި މަސައްކަތް ކުރުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ، ގައުމީ ބޮޑެތި މައްސަލަތަކުގައި، ސަރުކާރާ ގުޅިލާމެހިގެން، ޔުނިވާސިޓީތަކާއި ކޮލެޖުތަކުން، މި މަސައްކަތް ގެންދިޔުމުން، އެ ދައުރު، އެ ދެވޭ އިންޕުޓް އިތުރު ހަރުތަކަށް ގެންދަން، އަޅުގަނޑު އެ ކަމަށް ހިތްވަރު ވެސް ދޭނަން،" މުއިއްޒު ވިދާޅުވި އެވެ.

ސިޔާސީ ހިޔާލާތު ތަފާތުވި ނަމަވެސް އެކުގައި މަސައްކަތް ކުރެވެން ޖެހޭ މައްސަލަތައް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. ހިޔާލު ތަފާތު ވުމުގެ ސަބަބުން އެއްވެސް ބަޔަކު އެކަކު އަނެކަކަށް ޒާތީ ވެގެން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ޒާތީ ވާންވީ ސަބަބެއް ނެތް، އެއްވެސް ވަރަކަށް ނުޖެހޭ އެހެން މީހުންގެ [ހުރި ގޯސް] ވާހަކަތައް ދައްކާކަށް، އެއީ ދީނުގައި މަނާ ވެސް ކޮށްފައިވާ ކަމެއް، އަޅުގަނޑު ވެސް ކެމްޕެއިނެއް ކޮށް ރިޔާސީ އިންތިހާބެއް މި ކާމިޔާބު ކުރީ، އެއްވެސް މީހަކާ ޒާތީއެއް ނުވަން،" މުއިއްޒު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަންނަވާނީ ނޮވެމްބަރު 17، ގަ އެވެ. ރާއްޖޭގައި ރިޔާސީ ދައުރަކަށް ކަނޑައަޅާފައި އޮންނަނީ ފަސް އަހަރު ދުވަހުގެ މުއްދަތެކެވެ.