Advertisement

ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސްކޮށްދިނުމަށް ރާއްޖެއިން އދ. އަށް ގޮވާލައިފި

17 އޮކްޓޯބަރު 2023 - 11:13 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފަލަސްތީނުގެ ދިފާއުގައި ރާއްޖޭގައި ކުރިއަށްގެންދިޔަ ހަރަކާތެއްގެ ތެރެއިން :ފަލަސްތީނަށް އިންސާނީ އެހީ ފޯރުކުރުން އަވަސްކޮށްދިނުމަށް ރާއްޖެއިން އދ. ގައި ގޮވާލައިފި - ފޮޓޯ: މުހައްމަދު ޝަހްޒާން / އަދަދު


ފަލަސްތީނަށް އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސްކޮށްދިނުމަށް ރާއްޖެއިން އދ. އަށް ގޮވާލައިފި

17 އޮކްޓޯބަރު 2023 - 11:13 0

އިޒްރޭލުން ހިސާރުކޮށްފައިވާ ގާޒާއަށް ދެމުންދިޔަ އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓު އަދި ކާބޯތަކެތީގެ ސަޕްލައި ކަނޑާލާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ގާޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކުރުން އަވަސްކޮށްދިނުމަށް ރާއްޖެއިން އދ. ގައި ގޮވާލައިފި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބައިނަލްއަގުވާމީ މުޖުތަމައާ މުހާތަބަކުރައްވަމުން ފޮރިން މިނިސްޓްރީގެ ބައިލެޓެރަލް ސެކްރެޓަރީ، ހާލާ ހަމީދު ވިދާޅުވީ، ގާޒާގެ ރައްޔިތުން މިހާރު ދަނީ ދިރިތިބުމާ ހަނގުރާމަ ކުރަމުން ކަމަށެވެ.

"ގާޒާގެ ރައްޔިތުން އެ ތިބީ ފެނާއި، ކާބޯތަކެއްޗާއި، ތެލާއި ކަރަންޓު ފަދަ ޒަރޫރީ ހައްގުތަކުން މަހްރޫމުވެފައި، ދުނިޔޭގައި ދިރިތިބުމާ ހަނގުރާމަ ކުރަންޖެހިފާ، އިއްޒަތްތެރި ޗެއާމަން، މިއީ އަޅުގަނޑުމެންގެ އެކަކުވެސް ބާކީ ނުކުރުމުގެ ސިޔާސަތުތަކާ މުޅީން ހިލާފު ކަމެއް"

"ގާޒާގެ ބްލޮކޭޑު މިހާރުން މިހާރަށް ހުއްޓާލާ، އިންސާނީ އެހީއާއި، ބޭހާއި، ކާބޯތަކެތި އަދި ޒަރޫރީ އެހެން ސާމާނު، ގާޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް ފޯރުކޮށްދޭން ޖެހޭ، އެހެންނޫނީ މާ ލަސްވެދާނެ" ހާލާ ވިދާޅުވި އެވެ.

ގާޒާ ފެނާއި ކަރަންޓަށް ޖެހިފައިވާއިރު، ހޮސްޕިޓަލުތަކަށް ކަރަންޓު ނުލުބި އިންސާނީ ބޮޑު ކާރީސާއެއް ހިނގުމުގެ ބިރު އޮތް ކަމަށް ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުންވެސް ވަނީ އިންޒާރުދީފަ އެވެ. ގާޒާއަށް ބޭނުންވާ އެހީ ހިފައިގެން އެތައް ސަތޭކަ އުޅަނދެއް މިސްރުގެ ރަފާހް ބޯޑަރުގައި ތައްޔާރަށް ތިބި ނަމަވެސް، ގާޒާއަށް އެހީ ގެންދާނަމަ ހަމަލާދޭނެ ކަމަށް އިޒްރޭލުން ދިން އިންޒާރާއެކު އެ ހުރިހާ އުޅަނދެއް ވަނީ ބޯޑަރުގައި ތާށިވެފަ އެވެ.

އިޒްރޭލުން ގާޒާއިން ކަރަންޓާއި ފެން ކަނޑާލިތާ މިއަދަށް ވަނީ ހަތަރު ދުވަސްވެފަ އެވެ.

އިޒްރޭލުގެ ހަމަލާތަކުގައި އާންމުންގެ އެތައް ސަތޭކަ ބަޔަކު މަރުވެ، ގާޒާގެ މުޖުތަމައު އެންމެ ބޭނުންވާ ސްކޫލުތަކާއި ހޮސްޕިޓަލުތައް އަދި މިސްކިތްތަކަށް ގެއްލުވެފައިވާކަން ރާއްޖެއިން ވަނީ ފާހަގަކޮށްފަ އެވެ.

އަދި، ހާލާ ވަނީ ދެ ފަރާތުންވެސް އާންމުންނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލެއްވުމުގެ އިތުރުން އުތުރު ގާޒާގައި ތިބި މިލިއަނެއްހާ އާންމުން 24 ގަޑީރުގެ ތެރޭގައި ދެކުނަށް ބަދަލުވުމަށް އިޒްރޭލުން ދިން އިންޒާރަކީ އިންސާނީ ހަމަތަކާ ހިލާފު އިންޒާރެއް ކަން ފާހަގަކުރައްވާ އެކަން ދިވެހިންގެ ނަމުގައި ކުށްވެރި ކުރައްވާފަ އެވެ.

ރާއްޖޭގެ ދައުލަތާއި ދިވެހީން އަބަދުވެސް ތިބޭނީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ކަމަށާއި، މެދުއިރުމަތީގެ ސުލްހައަކީ ރާއްޖެއަށް އަދި މުޅި ދުނިޔެއަށްވެސް މުހިންމު ކަމެއް ކަމަށް ވެސް ހާލާ ވިދާޅުވި އެވެ.

މި މަހުގެ ހަތްވަނަ ދުވަހު ފެށި ހަނގުރާމާގައި އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވި ފަލަސްތީނު މީހުންގެ އަދަދު 2750 އަށް ވަނީ އަރާފަ އެވެ. ހަމާސްގެ ހަމަލާތަކުގައި އިޒްރޭލުން މަރާލި މީހުންގެ އަދަދު ވަނީ 1400 އަށްވުރެ މައްޗަށް އަރާފަ އެވެ.

ހަނގުރާމާގައި ފުރަތަމަ ހަމަލާދިނީ ހަމާސްއިންނެވެ. އެގޮތުން ރޮކެޓާއި އެއްގަމު އަދި ވައިގެ މަގުން ޕެރެގްލައިޑާ ބޭނުންކޮށްގެން އިޒްރޭލަށް ދިން ހަމަލާތަކާއެކު އިޒްރޭލުން ހަނގުރާމަ އިއުލާނުކޮށް ވޭތުވެދިޔަ 10 ދުވަހު ވަނީ މެދުނުކެނޑި ގާޒާއަށް ހަމަލާދީފަ އެވެ. ހަމާސްއިންވެސް ހުއްޓުމެއްނެތި ހަމަލާދެމުން އަންނައިރު، ލުބުނާނުގައި ހަރަކާތްތެރިވާ ހިޒްބުﷲ އިންވެސް ދަނީ އިޒްރޭލަށް ހަމަލާދެމުންނެވެ.