Advertisement

ދިހަ އަހަރުވެފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭން ބިލެއް

16 އޮކްޓޯބަރު 2023 - 11:25 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

މެންބަރު މުހައްމަދު ޝިފާއު؛ ދިހަ އަހަރުވެފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ ގޮތަށް ބިލެއް ހުށަހަޅައިފި - ފޮޓޯ: މަޖިލިސް


ދިހަ އަހަރުވެފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދޭން ބިލެއް

16 އޮކްޓޯބަރު 2023 - 11:25 0

އެންމެ މަދުވެގެން 10 އަހަރުވެފައިވާ ކޮލެޖުތަކާއި މަތީ ތައުލީމުގެ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދެވޭ ގޮތަށް މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެންނަ ގޮތަށް ބިލެއް ހުށަހަޅައިފި އެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން ޔުނިވާސިޓީއަކަށް ބަދަލު ކުރެވެނީ ކޮލެޖެއްގެ ގޮތުގައި މެދުކެނޑުމެއް ނެތި ހިނގަމުން އަންނަތާ 20 އަހަރުވެފައިވާ ނަމަ އެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާއު ހުށަހެޅުއްވި ބިލުގައި އޮތީ އެ މުއްދަތު 10 އަހަރަށް ބަދަލުކޮށްފަ އެވެ.

ރާއްޖެއިން ބޭރުގެ ގައުމެއްގައި އެ ގައުމެއްގެ ސަރުކާރުން ބަލައިގަންނަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވެ ހިނގަމުން އަންނަތާ މަދުވެގެން 10 އަހަރުވެފައިވެފައިވާ މަރުކަޒަކަށް ވުމަކީ ވެސް މިހާރު ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތެކެވެ.

މަޖިލީހަށް މިފަހަރު ހުށަހެޅި ބިލުގައި އެ ޝަރުތުގެ މުއްދަތު ކުޑަކޮށް، މަދުވެގެން ފަސް އަހަރު ވެފައިވާ އެފަދަ މަރުކަޒެއް ރާއްޖޭގައި ގާއިމުކޮށްފައިވާނަމަ ޔުނިވާސިޓީގެ ދަރަޖަ ދެވޭނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ކުރިން، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާޙިމް ނަސީމް ވެސް މީގެ ބިލެއް ހުށަހަޅާފައިވެ އެވެ. މަދުވެގެން 15 އަހަރުވެފައިވާ ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމަށް، އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރު ހުށަހެޅުއްވި އެ ބިލު ވަނީ ވެރިކަންކުރާ އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ބޭރުކޮށްލައިފަ އެވެ.

ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާރު އެމްޑީޕީގެ 57 މެންބަރުން ތިއްބަވަ އެވެ. މަޖިލީހުގައި ތިއްބަވަނީ ޖުމުލަ 87 މެންބަރުންނެވެ.